ފެންވަރު ރަނގަޅު ތައުލީމެއް ހާސިލްކުރަން ކޮންމެހެން ޔުނިވާސިޓީއެއް ނުވަތަ ކޮލެޖަކަށް މީހާ ދާން ނުޖެހޭނެކަން ދައްކައިދިނީ މަންދު ކޮލެޖުންނެވެ. އެ ކޮލެޖުން އަމިއްލަ އަށް ފަރުމާކުރި "ވާޗުއަލް ކްލާސް" މެދުވެރިކޮށް އަމިއްލަ ރަށުގައި ހުރެގެން ކިޔެވުމުގެ ފުރުސަތު ވަނީ ފަހިވެގެން ގޮސްފަ އެވެ.
ރާއްޖޭގައި ވާޗުއަލްކޮށް ކިޔަވައިދޭ ހަމައެކަނި މަރުކަޒު، މަންދު ކޮލެޖުގެ ކޯސްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) ގަބޫލުކުރާ ކޯސްތަކެކެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރު ވެސް، ވާޗުއަލް މެދުވެރިކޮށް ކިޔަވަމުން އަންނަ އެތައް ދަރިވަރުންނެއް އެބަތިއްބެވެ.
ވާޗުއަލް ކްލާހުގައި ކިޔަވާއިރު، އެއްވެސް އުނދަގުލެއްނެތި، އަސްލު ކްލާސްރޫމެއްގައި ކިޔަވާކަމުގެ އިހްސާސްކުރެވޭނެ ކަމަށް މަންދުން ބުންޏެވެ. އެއީ ކެލްޗަރާއިންނާއި ދަރިވަރުންނާ ސީދާ ދިމާވެ މޮޑިއުލްތަކާ ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުވާލެވޭނެތީ އެވެ. އޭގެ އިތުރުން އެ ކްލާހުގައި ކިޔަވާ އެހެން ދަރިވަރުންނާ ވެސް ވާޗުއަލް ކްލާސް މެދުވެރިކޮށް ދިމާވާނެ ކަމަށް ބުންޏެވެ.
އެ ސިިސްޓަމް މަންދުން ފަރުމާކޮށްފައި ވަނީ އެކި ފައިލްތައް ފޮނުވުމާއި ކިޔަވައިދޭ ފިލާވަޅު ރެކޯޑުކުރުމުގެ އިތުރުން ސްލައިޑްޝޯތައް ވެސް ދައްކާލެވޭ ގޮތަށެވެ.
ކްލާސްތައް ކުރިއަށްދާނީ ލެކްޗަރާ ކިޔަވައިދޭ ގަޑީގައި ދަރިވަރުުން ވާޗުއަލް ކްލާހަށް ލޮގިން ވެގެންނެވެ.
"ސީދާ ކްލާހަކުން ދަރިވަރުންނަށް ކޮށްދެވޭ ހުރިހާ ކަމެއް ކޮށްދެވޭނެ ވާޗުއަލް ކްލާސްރޫމުން. ދަރިވަރުންނާއި ލެކްޗަރާއިންނާ ވެސް ދިމާވެ ފިލާވަޅުތަކާ ގުޅޭގޮތުން ވާހަކަދެއްކޭނެ،" މަންދުން ބުންޏެވެ.
"ވަޒީފާ އަދާކުރަމުން އާއިލާއާ އެކު ވަގުތު ހޭދަކުރަމުން ކިޔެވުމަށް އެންމެ ރަނގަޅު ސިސްޓަމަކީ މިއީ."
އެކަންކަމުގެ އިތުރުން ދަރިވަރުން، އެކަކު އަނެކަކަށް ޗެޓްކުރުމާއި ކްލާސް ހުރިހާ އެންމެންނާ ވެސް އެއްފަހަރާ ޗެޓްކުރެވޭނެ އެވެ. އެއީ ގްރޫޕް ސްޓަޑީ ހެދުމަށް ލިބޭނެ އެހީއެކެވެ.