އެމްއައިބީގެ ހިއްސާ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހިއްސާ، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި މިއަދު ލިސްޓުކޮށްފި އެވެ.


އެމްއައިބީން އާންމުންނަށް ހިއްސާ ވިއްކަން ހުޅުވައިލީ މިއަހަރުގެ ޖޫން 30 ވަނަ ދުވަހު އެވެ. އެ ފަހަރު 6.9 މިލިއަން ހިއްސާ ވިއްކުމަށް ހުޅުވައިލި އެވެ. އެއީ ގާތްގަނޑަކަށް 244 މިލިއަން ރުފިޔާ އެވެ.

އެމްއައިބީގެ މައިގަނޑު އެއް މަގުސަދަކަށް ވީ ވީހާ ވެސް ގިނަ އާންމުންނަށް ހިއްސާ ވިއްކުމެވެ. އެގޮތުން 16،084 އަމިއްލަ ފަރުދުންނާއި 60 އިންސްޓިޓުޝަނަލް އިންވެސްޓަރުން ހިއްސާ ގަތުމުގައި ބައިވެރިވި އެވެ.

ސްޓޮކް އެކްސްޗޭންޖުގައި އެމްއައިބީ ލިސްޓު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، އެ ބޭންކުން ރާއްޖޭގެ އިގްތިސާދުގައި ކުޅޭ މުހިއްމު ދައުރު ސަރުކާރުން އަބަދުވެސް ބަލައިގަންނަ ކަމަށެވެ. ކުރިއަށް އޮތްތަނުގައި އެމްއައިބީ އަށް އިތުރު ކުރިއެރުން ލިބި، ރާއްޖޭގެ އިގްތިސާދުގައި އެ ބޭންކުގެ ދައުރު އިތުރަށް ބޮޑުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއައިބީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މުހައިމިން ވިދާޅުވީ، އެ ބޭންކުގެ އައިޕީއޯ އަކީ މިހާތަނަށް ރާއްޖޭގައި ކައިރި މުސްތަގުބަލުގައި ހިންގާފައިވާ އެންމެ ކާމިޔާބު އައިޕީއޯ ކަމަށެވެ. އަދި މިކާމިޔާބީގެ ސިއްރަކީ އެ ބޭންކްގެ ބޯޑުގެ އިރުޝާދާ އެކު މަސައްކަތް ކުރަމުން އަންނަ ބޭންކުގެ މުވައްޒަފުން ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ހަފްލާގައި، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ގެ ޗެއާމަން އަލާއު އަލީ ވިދާޅުވި ގޮތުގައި، އެމްއައިބީގެ އައިޕީއޯ އިން ހާމަވި އެއް ކަމަކީ ކެޕިޓަލް މާކެޓަށް ދިވެހިންގެ އިތުބާރާއި ޔަގީން ކަން އޮތް މިންވަރު ބޮޑުކަމެވެ.