މަޑުޖައްސާލި އެމްއެމްޕީއާރްސީގެ ރަށްތަކަށް އަނެއްކާ ހުއްދަދީފި

އެމްއެމްޕީއާރްސީ މެދުވެރިކޮށް ދީފައިވާ ރަށްތަކުގެ މުއާމަލާތްތައް މަޑުޖައްސާލި ނަމަވެސް ކުރިއެކޭ އެއްގޮތަށް އަނެއްކާ ވެސް މުއާމަލާތްތައް ކުރިއަށް ގެންދަން ހުއްދަދީފި އެވެ.


"މިހާރު" ނޫހަށް އެނގިފައިވާ ގޮތުގައި މިގޮތަށް ސަރުކާރުން ހުއްދަދީފައި ވަނީ މިދިޔަ ޖުލައި މަހު އެވެ. މިކަން މިގޮތަށް ނިންމާފައިވަނީ އިކޮނޮމިކް ކައުންސިލުން އެގޮތަށް ނިންމުމާ ގުޅިގެންނެވެ. މިދިޔަ މެއި މަހު އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ދޫކޮށްފައިވާ 55 ރަށުގެ ހެޑް ލީޒް ކުރުމާއި ސަބް ލީޒްގެ ކުރުމުގެ މުއާމަލާތްތައް މެދުކަނޑާލުމަށް އެދިފަ އެވެ.

ކުރީގެ ސަރުކާރުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދޫކޮށްފައިވާ ރަށްތަކުގެ މުއާމަލާތްތައް މަޑުޖައްސާލަން ކޮރަޕްޝަންގެ މައްސަލަތައް ބަލާ ކޮމިޝަނުން އެންގުމާ އެކު ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެކަން އިއުލާނު ކުރެއްވީ މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހު އެވެ.

އޭރު އެގޮތަށް ނިންމާފައި ވަނީ ސީރިއަސް ތަހުގީގެއް ހިންގަނިކޮށް، އެ ރަށްތަކުގެ ހިއްސާ ބަދަލުވެއްޖެ ނަމަ ތަހުގީގުތަކަށް ހުރަސް އެޅިދާނެ ކަމަށް ވިދާޅުވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް ބޭއްވި އިވެންޓެއްގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް

މިކަން މިހެން އެންގުމަށް ފަހު ޖުލައި މަހު އެސެޓް ރިވަރީ ކޮމިޝަނުން ވަނީ އެމްއެމްޕީއާރްސީގެ ރަށްތަކާ މެދު އަމަލު ކުރުމާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓްރީ އަށް ހާއްސަ އެންގުމެއް އަންގައިފަ އެވެ.

މި އެންގުމުގައިވާ ގޮތުން ސަބްލީޒް ކުރުމާއި ރިސޯޓް މެނޭޖްމެންޓް އެގްރީމެންޓް އެކުލަވާލުމާއި މޯގޭޖު ކުރުމާއި ޝެއާ ބަދަލު ކުރުމުގެ މަސައްކަތް ކުރެވޭނީ، ސަރުކާރުން ރަށްތަކުގެ މައްސަލަ ބެލުމަށްފަހު އަތުލަން ނިންމާ ހާލަތެއްގައި އެއްވެސް ބަދަލަކާ ނުލާ ރަށް ހަވާލު ކުރަން އިއުތިރާޒެއް ނެތް ހާލަތެއްގައި ކަމަށް ބުނެފައިވެ އެވެ. އަދި އެކަން އެގޮތަށް ކުރުމަށް ލިޔުމެއްގައި ސޮއި ކުރުމަށްފަހު ރަށުގެ މުއާމަލާތްތައް ހިންގިދާނެ ކަމަށް އަންގައި، އެ ކޮމިޝަނުން ޓޫރިޒަމް މިނިސްޓްރީ އަށް އަންގާފައިވެ އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭ ތަހުގީގާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އެސެޓް ރިކަވަރީ ކޮމިޝަނުގެ މި އެންގުމާ ގުޅިގެން ކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު، ޓޫރިޒަމް މިނިސްޓްރީން ވަނީ ރައީސްގެ ލަފަޔަކަށް އެދިފަ އެވެ. އެއާ އެކު އިކޮނޮމިކް ކައުންސިލްގައި މަޝްވަރާކުރުމަށްފަހު އިންވެސްޓަރުންނަށް ލިބިދާނެ ގެއްލުމެއްގެ އިތުރުން އެސެޓް ރިވަރީ ކޮމިޝަނުން ނިންމި ނިންމުމުގެ ސަބަބުން އިންވެސްޓަރުންގެ އިތުރުބާރު ގެއްލިދާނެތީ، އެމްއެމްޕީއާރްސީން ދީފައިވާ ރަށްތަކާ ގުޅޭ މުއާމަލާތްތައް ކުރިއަށް ގެންދެވޭނެ ކަމަށް ނިންމާފައިވެ އެވެ.

މިގޮތަށް ނިންމި ނަމަވެސް އެސެޓް ރިކަވަރީ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ވަކި ރަށަކާ ގުޅޭ ކޮރަޕްޝަނުގެ މައްސަލައެއް ފާހަގަކުރެވިއްޖެ ނަމަ، އެ ރަށެއްގެ މުއާމަލާތްތައް ހުއްޓާލުމަށް އެންގިދާނެ ކަމަށް ކަނޑައަޅާފައިވެ އެވެ.

މިހާރު ހޯދިފައިވާ ހޯދުންތަކުން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އަދަދު 3 ބިލިއަނަށް އަރާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.