ރިސޯޓްތަކުން ދިވެހިންނަށް ފުރުސަތު ހަނިކުރަން އާ އުކުޅެއް

ވަޒީފާ ދިނުމުގައި ރިސޯޓުތަކުން މިހާރު އެންމެ ބޮޑަށް ފެންނަ މައްސަލަ އަކީ ދިވެހިންނަށް ކުރެވޭ މަސައްކަތްތައް ވެސް ސަބް ކޮންޓްރެކްޓްގެ ގޮތުގައި އެހެން ކުންފުނިތަކަށް ދޫކޮށްގެން ބިދޭސީ މުވައްޒަފުންނަށް ގިނަ ވަޒީފާތައް ދިނުން ކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން ބުނެފި އެވެ.


ވަޒީފާ ހޯދާ މީހުންނަށް އެލަވަންސް ކަނޑައެޅުމަށްޓަކައި ބިލް އެކުލަވާލުމުގެ ފުރަތަމަ މަރުހަލާގެ ތެރެއިން ކަމާ ގުޅޭ އިދާރާތަކާ އެކު މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ލޭބާ ރިލޭޝަންސް އޮތޯރިޓީގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސާ އަލީ ޝަރީފު ވިދާޅުވީ، ފަހަކަށް އައިސް ރިސޯޓުތަކުން ބައެއް ޑިޕާޓްމަންޓްތައް ހިންގަނީ ސަބް ކޮންޓްރެކްޓް އުސޫލުން ކަމަށެވެ.

މިކަން މިގޮތަށް ކުރުމުން، ރިސޯޓުތަކުން ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް އިތުރަށް ހަނިވެ، ވަޒީފާތަކަށް ބިދޭސީން އިތުރުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިސޯޓުތަކުގެ ސާފުކުރުމުގެ މަސައްކަތްތަކާއި ކެއްކުމާއި ރޫމް ބޯއީންގެ މަސައްކަތްތައް ވެސް ސަބް ކޮންޓްރެކްޓަށް ދޫކުރެ އެވެ.

ދިވެހިންނަށް ކުރެވޭނެ ކަންކަން ވެސް އެހެން ކުންފުނިތަކަށް ދީ، ސަބް ކޮންޓްރެކްޓު އުސޫލުން ހިންގުމުން ދިވެހި މުވައްޒަފުންގެ ގޮތުގައި ކަނޑައަޅާ އަދަދަށް ވުރެ އިތުރަށް ރިސޯޓުތަކުން ބިދޭސީ މުވައްޒަފުން ގެންގުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީ ސަރުކާރުން ކަނޑައެޅި އުސޫލަކުން، ރިސޯޓެއްގައި ވަޒީފާ އަދާކުރާ މީހުންގެ 55 ޕަސެންޓާ ހަމަ އަށް ބިދޭސީން ގެންގުޅެވެ އެވެ. މި އުސޫލަށް މިސަރުކާރުން ވެސް އަދި ބަދަލެއް ނުގެނެ އެވެ.

"އަސްލު ހަގީގަތުގައި ދިވެހިންނަށް ކުރެވޭ ކަންކަން މި ދެނީ ސަބް ކޮންޓްރެކްޓަށް ކުންފުނިތަކަށް. ކުންފުނިތަކުން ބިދޭސީންނާ އެކު އެ މަސައްކަތް ކުރަނީ. ސަބް ކޮންޓްރެކްޓަށް މި އުޅޭ ބިދޭސީން ރިސޯޓުގެ ޕެރިޓީއަކާ ނުލައި. ދިވެހިންނަށް މި އިންނަ ރޭޝިއޯގައި ވެސް އެ މުވައްޒަފުން ނުގުނާ،" އޭނާ ވިދާޅުވި އެވެ.

މިކަން މިގޮތަށް ކުރާތީ، ދިވެހިންނަށް އަދާކުރެވޭ ވަޒީފާތަކެއް ގެއްލޭ ކަމަށް އޭނާ ވިދާޅުވި އެވެ. ސަބް ކޮންޓްރެކްޓްގައި ވަޒީފާ އަދާކުރާ މީހުން ވެސް ކުރަނީ ރިސޯޓުތަކުގައި ކުރާ މަސައްކަތް ކަމަށާއި ނަމަވެސް އެ މީހުންނަށް ސާވިސް ޗާޖު ދޭން ވެސް ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މިކަން ވަރަށް ގިނަ ރިސޯޓުތަކުގައި ތައާރަފްކޮށް މިކަމުގެ ފައިދާ ނަގަމުންދާ ކަމަށް ޝަރީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، މިގޮތަށް ހިންގާ ރިސޯޓުތަކުގެ މައުލޫމާތުތަކާއި އާދަޔާ ހިލާފަށް ބިދޭސީން ގިނަ ރިސޯޓުތަކުގެ މައުލޫމާތުތައް ވެސް ޓޫރިޒަމް މިނިސްޓްރީ އަށް ފޮނުވަމުންދެ އެވެ.