ފެނަކައިގެ އިންޖިނިއަރުންގެ މަހާސިންތާ ފަށައިފި

ފެނަކައިން އެ ކުންފުނީގެ ޓެކްނިކަލް ޑިޕާޓްމަންޓުތަކުގެ މީހުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ އިންޖީނިއަރުންގެ މަހާސިންތާ މިއަދު ފަށައިފި އެވެ.


ދަރުބާރުގޭގައި ކުރިއަށްދާ މި މަހާސިންތާގައި އެ ކުންފުނީގެ ހުރިހާ ބްރާންޗެއްގެ 189 ޓެކްނިކަލް މުވައްޒަފުން ބައިވެރިވެ އެވެ. މި މަހާސިންތާގައި ކުންފުނީގޭ އިންޖީނުގެތަކުގައި ހުރި ޓެކްނިކަލް މައްސަލަތައް ދެނެގަނެ އެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދަން ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާ ކުރެވޭނެ އެވެ. އަދި ކޮންމެ ޒޯނަކުން ވެސް އެ ޒޯނަކާ ގުޅޭ ހާއްސަ ޕްރެޒެންޓޭޝަނެއް މި މަހާސިންތާގެ ބައިވެރިންނާ ހިއްސާ ކުރާނެ އެވެ.

މި މަހާސިންތާ ޝަރަފުވެރިކޮށްދެއްވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ކަރަންޓު ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާ ކޮށް ހައްލު ހޯދުމަށް މިފަދަ މަހާސިންތާއެއް ރާއްޖޭގައި ބޭއްވުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މިއީ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ބޭނުންތައް ފޯރުކޮށްދިނުމުގައި ލިބޭ ކުރިއެރުމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރަނީ މި މަހާސިންތާގެ ސަބަބުން މި ދާއިރާގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަދެކެވިގެން ކުރިއަށް އޮތްތާނގައި ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ސަރުކާރުން މި ކުރާ މަސައްކަތަށް ވަރަށް ބޮޑު ލުއިކަމެއް ލިބިގެންދާނެ ކަމަށް." ނައިބު ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ރަށްތަކަކީ ކުދި އާބާދީގެ، ދުރު ރަށްތައް ކަމަށް ބުނެ ހިދުމަތް ދިނުމުގައި ތަފާތުކޮށްގެން ނުވާނެ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތްތާނގައި ރާއްޖެއަކީ ޖަޒީރާ ގައުމެއްކަން ދެނެގަނެގެން ހިދުމަތް ދިނުމަށް ކަންތައްތައް ރޭވުމަށް ވެސް އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.

"ކުދި އަދި ދުރު ރަށްތަކަށް ވީތީ ހިދުމަތް ދިނުމުގައި ގޮންޖެހުންތަކެއް ހުރޭ. އެހެންނަމަވެސް މިއީ ދިވެހި ގައުމު އޮތްގޮތްކަން ދެނެގަނެގެން އަޅުގަނޑުމެން ދިވެހި ގައުމު ބައްޓަން ކުރަން ޖެހޭނީ މި ހުރިހާ ކަމަކަށް ވިސްނައިގެން." ނައިބު ރައީސް ވިދާޅުވި އެވެ.

މިއަދު ފެށި މި މަހާސިންތާއަކީ އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މަހާސިންތާއެކެވެ. މި މަހާސިންތާގައި ޕެނަލް ޑިސްކަޝަންއާއި އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ކުރެވޭނެ ކަންތަކާ ގޫޅެގޮތުން ވެސް މަޝްވަރާ ކުރާނެ އެވެ.