ސްމާޓް ޓީވީތަކަށް ފާރަވެރިވޭ، ހެކްކޮށްފާނެ: އެފްބީއައި

އާންމު ދިރިއުޅުމުގައި ބޭނުންކުރާ ހުރިހާ އެއްޗެއްހެން މިހާރު ސްމާޓްވަމުން އަންނަ އިރު، މިކަމަށް އޮތް އެންމެ ބޮޑު ބިރަކީ ހީވެސް ނުކުރާ ކަހަލަ އާލާތެއް މެދުވެރިކޮށް ވެސް މީސް މީހުންގެ ޒާތީ މައުލޫމާތު ވަގަށް ނަގައި ބޭނުންކުރުމެވެ. އެހެންވެ ސްމާޓް އާލާތްތަކަށް ފަރުވާތެރިވެ، ފާރަވެރިވުމަކީ ވަރަށް މުހިއްމު ކަމެކެވެ.


އެމެރިކާގެ ފެޑެރެލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ވެސް މިހާރު ދެނީ މި އިންޒާރެވެ. އެތަނުން ބުނާ ގޮތުގައި ކޮންމެ ގެއެއްގައިހެން ޓީވީ ބޭނުންކުރާ އިރު، ގިނަ ޓީވީތަކަކީ މިހާރު ސްމާޓް އެއްޗިއްސެވެ. އެހެންވެ މިއީ އިތުރަށް ސަމާލުވާން ޖެހޭ ކަމެކެވެ.

އެފްބީއައި އިން ނެރުނު އިންޒާރުގެ ނޯޓިހުގައި ބުނީ ސްމާޓް ޓީވީގެ އިންޓަނެޓް ކަނެކްޝަނާއި ކެމެރާ އާއި މައިކްރޮފޯންތައް މެދުވެރިކޮށް މިހާރު ޑިވައިސްތައް ހެކްކުރުމުގެ ބިރު ވަރަށް ބޮޑު ކަމަށެވެ. އެހެންވެ ނޭނގި ހުއްޓައި ހީވެސް ނުކުރާ ވަރުގެ ގެއްލުމެއް ލިބިދާނެތީ ސްމާޓް ޓީވީތައް ބޭނުން ކުރުމުގައި ފަރުވާތެރިވުމަށް އެދިފައިވެ އެވެ.

"ހެކަރުން ޓީވީގެ އަޑާއި ޗެނެލްތަކާ ވެސް ކުޅެ، ކުޑަކުދިންނަށް ވެސް ދައްކަން ނުވާ ކަހަކަ އެއްޗެހި ދައްކަފާނެ،" މިއީ ސައިބަ-ސްޓޯކްގެ ގޮތުގައި ސިފަކުރަމުން އެފްބީއައި އިން ބުންޏެވެ.

އެފްބީއައި އިން ބުނީ ސްމާޓް ޓީވީއެއް ގެންގުޅޭ ނަމަ ފުރަތަމަ ކަމަކަށް އޭގައި ހުރީ ކޮންކޮން ފީޗާތަކެއްތޯ ކަށަވަރުކޮށް، އެ ފީޗާތައް ކޮންޓްރޯލްކުރަން ދަސްކުރުން ވަރަށް މުހިއްމު ކަމަށެވެ. އެގޮތުން ކެމެރާ އާއި މައިކްރޮފޯން ފަދަ އެއްޗެހީގެ މޮޑެލްތަކުގެ ނަމްބަރުތައް ޗެކްކޮށް، އިންޓެނެޓުން ސާޗްކޮށްލައިގެން އެ އެއްޗެހީގެ ރައްކާތެރިކަން ކަށަވަރުކުރެވިދާނެ ކަމަށް ބުންޏެވެ.

މީގެ އިތުރުން ޑިވައިސްތަކުގެ ޑިފޯލްޓް ސިކިއުރިޓީ އަށް ބަރޯސާވުމުގެ ބަދަލުގައި، ރައްކާތެރިކަމުގެ ގޮތުން ޑިވައިސްތަކުގެ ޕާސްވޯޑް ބަދަލުކޮށް، ކެމެރާ އާއި މައިކްރޮފޯނު ނިއްވަން ވެސް ދަސްކޮށް އެކަމަށް ފަރުވާތެރިވާން އެދިފައިވެ އެވެ.

އެފްބީއައި ބުނީ ޓީވީގެ މޮޑެލްގެ ސަބަބުން ކެމެރާ އޮފް ނުކުރެވޭ ނަމަ އެންމެ ރައްކާތެރި ގޮތަކީ އޭގެ މަތިގައި ކަޅު ޓޭޕްގަނޑެއް އަޅައިލުން ކަމަށެވެ.