އެމްޕީއެލްގެ ބަސް ދަތުރުތަކާ ގުޅޭ މައުލޫމާތު އޮންލައިންކޮށް މިހާރު ބެލޭނެ

މާލެ އާއި ހުޅުމާލެއާ ދެމެދު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ދޭ ބަހުގެ ޚިދުމަތާ ގުޅޭ މައުލޫލާތު ވަގުތުން ބަލައިލެވޭނެ އެޕްލިކޭޝަނެއް އެ ކުންފުނިން މިއަދު ތައާރަފުކޮށްފި އެވެ.


ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެޕްލިކޭޝަނާއި އެމްޕީއެލްގެ އާ ވެބްސައިޓް އިފްތިތާހު ކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ އެވެ.

މި ރަސްމިއްޔާތުގައި، އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، މާލެ-ހުޅުމާލެއާ ދެމެދު ދުއްވާ ބަސް ދަތުރުތަކާ ގުޅޭ ހުރިހާ މައުލޫމާތެއް އެޕްލިކޭޝަނުން ބަލައިލެވޭނެ ކަމަށެވެ. އޭގެ ތެރޭގަައި، ބަސް ސްޓޭންޑްތަކާއި ބަސް ދަތުރުކުރާ ރޫޓާއި ބަސް ސްޓޭންޑަށް ބަސް އެންމެ އަވަހަށް ދާނެ ވަގުތާއި ބަހުގެ ޝެޑިއުލް އަދި ބަހުން ދަތުރުކުރަން ބޭނުންވާ ކާޑު ރީޗާޖު ކުރެވޭނެ ތަންތަނުގެ ތަފްސީލު ހިމެނެ އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި، މި ބަދަލާ އެކު، އާންމު ދަތުރުފަތުރަށް މިހާރަށް ވުރެ ބޮޑަށް މީހުން އަހުލުވެރި ކުރެވި، އެ ޚިދުމަތް ބޭނުން ކުރުން ގިނަ ވާނެ އެވެ.

އެމްޕީއެލް އިން ބުނީ "މާލޭ ބަސް" އެޕްލިކޭޝަން އެންޑްރޮއިޑްގެ ފޯނުތަކަށް މިހާރު ވެސް ޑައުންލޯޑް ކުރެވޭނެ ކަމަށެވެ. އައިއޯއެސް އިން އެ އެޕްލިކޭޝަން ފެންނަން އަދި ދެ ދުވަސް ވަރު ނަގާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޕީއެލްގެ އާ ޚިދުމަތްތައް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން..---ފޮޓޯ: އެމްޕީއެލް

ބަސް އެޕްލިކޭޝަންގެ އިތުރުން މިއަދު ވަނީ ،ވެންޑާ ޕޯޓަލްގެ ޚިދުމަތް ވެސް ތައާރަފު ކޮށްފަ އެވެ.

ޝާހިދު ވިދާޅުވީ، އޮންލައިން ޕޯޓަލެއް މެދުވެރިކޮށް، އެމްޕީއެލްގެ ޕްރޮކިއުމެންޓް ސިސްޓަމް މިހާރު ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި ވިދާޅުވީ، އޮންލައިންކޮށް ހިދުމަތް ފޯރުކޮށްދޭ އިރު، އެމްޕީއެލްގެ ސިޔާސަތާ އެއްގޮތަށް ދެކޮޅު ފެންނާނެ ހިދުމަތްތަކަކަށް ހައްދަވާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްޕީއެލުން ޚިދުމަތް ދިނުމަށް ތައާރަފްކުރާ ޒަމާނީ ވަސީލަތްތަކާ އެކު، ޚިދުމަތް ލިބިގަންނަ މީހުންނަށް ބޮޑު ލުޔެއް ލިބޭނެ އެވެ. އަދި ވިދާޅުވީ، އަލަށް ތައާރަފްކުރި ވެބްސައިޓު މެދުވެރިކޮށް، މުދާ ކްލިއާ ކުރުމަށް ވަރަށް ބޮޑު ފަސޭހައެއް ލިބި، ގިނަ މައުލޫމާތުތަކެއް ހިމެނޭނެ ކަމަށެވެ.

"މިސާލަކަށް މުދާ ކްލިއާ ކުރުން، މުދާ ކްލިއާ ކުރުމަށް ބޭނުންވާ ޓެރިފްތައް. އެ ޓެރިފްތަކުގެ މައުލޫމާތު، އަދި ގަވައިދުތައް. މި ހުރިހާ މައުލޫމާތުތައް ފަސޭހަ އިން ދެނެގަނެވޭނެ ގޮތަށް ވެބްސައިޓް ލޯންޗް ކުރެވިގެން ދަނީ،" ވެބްސައިޓް އިފްތިތާހު ކުރުމުގެ ކުރިން ދެއްކެވި ވާހަކައިގައި ސީއީއޯ ޝާހިދު ވިދާޅުވި އެވެ.