ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުން މިއަދު ހެނދުނު ކަރަންޓު ދިޔައީ އިންޖީނަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށް އެމްއޭސީއެލުން ބުނެފި އެވެ.
މިއަދު ހެނދުނު އެއާޕޯޓުން ކަރަންޓު ދިޔައީ ވިއްސަކަށް މިނެޓަށެވެ. އެ ވަގުތު އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ޓާމިނަލުން ވެސް ވަނީ ކަރަންޓު ކެނޑިފަ އެވެ.
އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންސްގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފު ވިދާޅުވީ ކަރަންޓުގެ މައްސަލަ ހައްލުކޮށް މިހާރު އެއާޕޯޓަށް ކަރަންޓު ދޭން ފަށާފައިވާ ކަމަށެވެ. އަދި ކަރަންޓު ދިޔައީ އިންޖީނަށް ޖެހުނު މައްސަލައެއްގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ. އިންޖީނަށް މައްސަލަ ޖެހުނީ ހޫނު ގަދަވުމުން ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.
ކަރަންޓު ކެނޑުނު ވަގުތު ބައެއް ހިދުމަތްތަކަށް ބުރޫ އެރި ނަމަވެސް މުހިންމު ބައިތަކަށް ބެކްއަޕް ސިސްޓަމްތައް ބޭނުންކޮށްގެން އެމްއޭސީއެލުން ވަނީ ކަރަންޓު ދީފަ އެވެ. އަދި ކުއްލިއަކަށް ކަރަންޓު ކެނޑުމުގެ ސަބަބުން ހިދުމަތް ހޯދުމުގައި ދިމާވި ދަތިތަކަށް އެ ކުންފުނިން ވަނީ މާފަށް އެދިފަ އެވެ.
ހަސަން ވިދާޅުވީ ކުރިއަށް އޮތްތާނގައި މިފަދަ މައްސަލަތައް ދިމާވިޔަ ނުދިނުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، އެއާޕޯޓުގެ ކަރަންޓު ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.