ޖަޕާނުގެ އަސްލު ރަހަތަކަށް މަޝްހޫރު އެ ގައުމުގެ ރެސްޓޯރަންޓް "ނިހޯންބަޝި" ކްރޮސްރޯޑްސްގައި އިއްޔެ ހުޅުވައިފި އެވެ.
މިއީ ސްރީ ލަންކާ އަދި ޖަޕާނަށް ނިސްބަތްވާ ދަރްޝަން މުނިދަސާ ސްރީ ލަންކާގައި މީގެ 25 އަހަރު ކުރިން ހުޅުވި ނިހޯންބަޝީ ރެސްޓޯރަންޓުގެ ރާއްޖެ ގޮތްޕެވެ. އޭނާ ބުނީ ނިހޯންބަޝީގެ މާނަ އަކީ ޖަޕާން ބްރިޖް ކަމަށާއި މި ރެސްޓޯރެންޓްގެ މަގްސަދަކީ ޖަޕާނުގެ ހަގީގީ ރަހަތައް އެހެން ގައުމުތަކަށް ފޯރުކޮށްދިނުން ކަމަށެވެ.
މި ރެސްޓޯރަންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި، ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ޖަޕާނުގެ ސަފީރާއި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ރާއްޖެ އިން ޖަޕާނަށް ކަނޑައަޅާފައިވާ ސަފީރު ކަމުގެ މަގާމު ހަ އަހަރު ވަންދެން ފުރުއްވި އަހުމަދު ހަލީލް ބައިވެރިވެ ވަޑައިގަތެވެ.
ދަރްޝަން ބުނީ ސްރީ ލަންކާގައި އޭނާ ރެސްޓޯރަންޓު ހިންގީ އެ ގައުމުން ލިބޭ ކާތަކެއްޗަށް ވިސްނައިގެން ކަމަށާއި އެ ފިލޯސަފީ ރާއްޖޭގައި ހުޅުވި "ނިހޯންބަޝީ ބްލޫ" އަށް ވެސް ގެންނާނެ ކަމަށެވެ. ތާޒާ މަސް ބޭނުންކުރަން އެ ރެސްޓޯރަންޓުން އިސްކަން ދޭނެކަން ފާހަގަކުރަމުން ދަރްޝަން ބުނީ، ހުޅުވުމުގެ ރަސްމިއްޔާތުގައި ހަދާފައިވާ ކާތަކެއްޗަށް ބޭނުންވާ މަސް ހޯދަން އޭގެ ކުރީ ރޭ އޭނާ މަހަށް ދިޔަ ކަމަށެވެ.
މި ރެސްޓޯރަންޓުގައި 50 އަށް ވުރެ ގިނަ މީހުންނަށް އެއްފަހަރާ ހިދުމަތް ދެވޭނެ އެވެ. ރެސްޓޯރަންޓުގެ ތެރޭގައި ޖަޕާނުގެ ސަގާފީ ގޮނޑި "ޒައިސޫ" ބޭނުންކޮށްގެން އެއް މޭޒު ތައްޔާރުކޮށްފައި ހުއްޓެވެ. އަދި ރެސްޓޯރަންޓުގެ ބޭރުގައި މޫދު ފެންނަ ގޮތަށް މޭޒު ބަހައްޓާފައި ހުރެ އެވެ.
ރެސްޓޯރަންޓުގެ މެނޫގައި ހުރި ގިނަ ތަކެތީގެ އަގު ހުރީ 50 ޑޮލަރަށް ވުރެ ދަށުގަ އެވެ. އަދި ކަޕްލްސް އަށް ހާއްސަ ދެ ޕެކޭޖެއް މެނޫގައިވެ އެވެ. އެއީ "ސަންސެޓް ކޯސް ފޮ ޓޫ" އާއި ޖަޕާނުގެ އޮރިޖިނަލް ގެރި މަސް "ވަގްޔޫ" ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ "ވަގްޔޫ ސުކިޔާކީ ކޯސް" އެވެ. ނިހޯންބަޝީ އިން އަންނަނީ ފޭކް ވަގްޔޫއާ ދެކޮޅަށް ހާއްސަ ކެމްޕެއިނެއް ވެސް ކުރަމުންނެވެ.
މިދިޔަ ހަ އަހަރު ނިހޯންބަޝީ ވަނީ އޭޝިއާގެ އެންމެ ފެންވަރު ރަނގަޅު 50 ރެސްޓޯރަންޓުގެ ލިސްޓުގައި ހިމެނިފަ އެވެ. ޖަޕާނުގެ ރަހަތައް އެހެން ގައުމުތަކަށް ފޯރުކޮށްދޭން ދަރްޝަން ކުރަމުން އަންނަ މަސައްކަތުގެ އަގު ވަޒަންކޮށް، ސްރީ ލަންކާގައި 1995 ވަނަ އަހަރު ފެށި މި ރެސްޓޯރަންޓަށް ޖަޕާނުގެ ސަރުކާރުން ވަނީ މިނިސްޓަރުގެ އެވޯޑު 2014 ގައި ދީފަ އެވެ.