ކޮރޯނާވައިރަހާ ގުޅިގެން އެޕަލްގެ ޗައިނާ ފިހާރަތައް ބަންދު

ޗައިނާގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަހާ ގުޅިގެން އެމެރިކާގެ އެޕަލް ކުންފުނިން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ޗައިނާގައި ހިންގާ އެ ކުންފުނީގެ ތަންތަން ވަގުތީ ގޮތުން ބަންދުކުރަން ނިންމައިފި އެވެ.


އެޕަލް އިން ނެރުނު ބަޔާނެއްގައި ބުނީ ކޮރޯނާވައިރަހުގެ ހާލަތްތައް ބަދަލުވަމުންދާ ގޮތްތަކަށް ރިއާޔަތްކޮށް، އެ ކުންފުނިން ޗައިނާގައި ހިންގާ ފިހާރަތަކާއި އޮފީސްތަކާއި ކޮންޓެކްޓް ސެންޓަރުތައް މި މަހުގެ 9 ވަނަ ދުވަހުން ފެށިގެން ބަންދުކުރަން ނިންމާފައިވާ ކަމަށެވެ.

މިގޮތަށް ނިންމީ ސިއްހީ ދާއިރާގެ ތަޖުރިބާކާރުންގެ ލަފާގެ މަތިން ކަމަށް ވެސް އެޕަލް އިން ބުންޏެވެ.

އެޕަލް އިން ބުނީ ވަގުތީ ގޮތުން އެޕަލްގެ އޮޕަރޭޝަންތައް ޗައިނާގައި ހުއްޓުމަކަށް ގެނައި ނަމަވެސް، ވަރަށް އަވަހަށް އަލުން ކުރިއެކޭ އެއްގޮތަށް ހިދުމަތްތައް ފެށޭނެ ކަމުގެ އުންމީދު ވެސް ބޮޑު ކަމަށެވެ.

ޗައިނާގައި ހިންގާ މެކްޑޮނަލްޑްސް އާއި ސްޓާބަކްސްގެ ގިނަ އަދަދެއްގެ އައުޓްލެޓްތަކެއް ވެސް ކޮރޯނާވައިރަހާ ގުޅިގެން މިދިޔަ ހަފުތާގައި ވަނީ ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ. އަދި އެ ގައުމުގައި ހިންގާ ވޮލްމާޓާއި އިކިއާ ފަދަ ކުންފުނިތަކުން ވެސް ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވެ އެވެ.

އެޕަލްގެ ޗައިނާގެ އައުޓްލެޓެއްގައި މުވައްޒަފަކު.

ކޮރޯނާވައިރަހާ ގުޅިގެން ޗައިނާއިން މިހާތަނަށް 300 އެއްހާ މީހުން މަރުވެފައިވާ އިރު، އެތައް ހާސް ބަޔަކު އެ ބައްޔަށް ޕޮޒިޓިވްވެފައިވެ އެވެ. މި ބަލިމަޑުކަމާ އެކު ޗައިނާގެ އިތުސާދަށް ވެސް ވަނީ ބޮޑެތި ލޮޅުންތަކެއް އަރައިފަ އެވެ.