09 ފެބުރުއަރީ 2020 - 07:17
ދަށް އަދި މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގެ ރައްޔިތުންގެ އާމްދަނީގެ ނިސްބަތުން އިންޓަނެޓްގެ ހިދުމަތަށް އެންމެ ބޮޑު ހަދަރެއްކުރަނީ އެފްރިކާގެ ގައުމުތަކުން ކަމަށް ރިޕޯޓެއްގައި ބުނެފި އެވެ.
ދި އެލަޔަންސް ފޮ އެފޮޑަބަލް އިންޓަނެޓް (އޭ4އޭ1) އިން އާންމުކޮށްފައިވާ ރިޕޯޓްގައިވާ ގޮތުން މުޅި ދުނިޔެ އަށް ބަލާ އިރު، މަހަކު ލިބޭ އާމްދަނީގެ ނިސްބަތުން ގިނަ ގައުމުތަކުގައި 1 ޖީބީގެ ޑޭޓާ އަށް ކުރަން ޖެހޭ ހަރަދު އުޅެނީ އާމްދަނީގެ 2 ޕަސެންޓަށް ވުރެ މަތި ނޫން ރޭޓްތަކުގަ އެވެ. ނަމަވެސް އެފްރިކާ ގައުމުތަކުގައި މި ނިސްބަތް 7.12 ޕަސެންޓަށް އަރާ ކަމަށް ބުންޏެވެ.
ރިޕޯޓްގައި ބުނީ އެވަރުގެ އަގެއް އިންޓަނެޓަށް ހޭދަކުރަން ޖެހުމަކީ ދުނިޔޭގެ އާބާދީގެ 49 ޕަސެންޓް، މިހާރު އަސާސީ ހިދުމަތެއްގެ ގޮތުގައި ބެލެވޭ އިންޓަނެޓުން މަހުރޫމުވެފައިވާ ސަބަބެއް ކަމަށެވެ. އަދި އެފްރިކާގެ ގައުމުތަކުގައި އިންޓަނެޓް އަގު ބޮޑުވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި އެކަށީގެންވާ ވަރަށް އިންޓަނެޓްގެ މާކެޓް ފުޅާނުވުމާއި ވަކި ކުންފުނިތަކަށް މި ވިޔަފާރީގެ މޮނޮޕޮލީ އޮތުން ހިމެނޭ ކަމަށް ބުންޏެވެ.
The lack of competition in broadband markets is a major barrier to affordable access.
— A4AI (@A4A_Internet) February 6, 2020
In our #AffordabilityReport, we explore how governments can shape healthy, competitive markets & drive down the cost to connect.https://t.co/1d5tPk7jUx pic.twitter.com/5p8aHuvv9F
އެހެންވެ އެއް ކުންފުންޏަކުން އިންޓަނެޓްގެ ހިދުމަތް ދޭ ގައުމުތަކުގައި ހިދުމަތުގެ އަގު ވަކިން ބޮޑުކަމަށާއި މިކަމަށް އޮތް ހައްލަކީ ވާދަވެރި މާކެޓަކަށް ފުރުސަތު ފަހިކޮށް ދިނުން ކަމަށް ރިޕޯޓްގައި ބުންޏެވެ. އެއް ކުންފުންޏަކުން ވިޔަފާރި ކުރާ މާކެޓްތަކަށް ބަލާ އިރު، 1 ޖީބީގެ ޑޭޓާ އަށް 7.33 ޑޮލަރަށް ވުރެ ބޮޑު ހޭދައެއް ވެސް ކުރަން ޖެހޭ ކަމަށް ވެސް އޭ4އޭ1 އިން ބުންޏެވެ.
How affordable is access to the internet in Africa?
— A4AI (@A4A_Internet) February 5, 2020
Take a look at our #AffordabilityReport regional snapshot to find out.
📸: https://t.co/Vn1K2EbPja pic.twitter.com/t5MbMlpQpD
އޭގައި ފާހަގަކޮށްފައިވާ ގޮތުގައި އެފްރިކާގެ ގައުމުތަކުތަކިގެ ތެރެއިން ކޮންގޯ އާއި ޗާޑާއި ސެންޓްރަލް އެފްރިކަން ރިޕަބްލިކް ފަދަ ގައުމުތަކީ އިންޓަނެޓްގެ އަގު އެންމެ ބޮޑު ގައުމުތަކެވެ. އެގޮތުން މަހު މުސާރައި އިން އެވްރެޖްކޮށް 20 ޕަސަންޓް، 1 ޖީބީގެ ޑޭޓާ އަށް ހޭދަކުރަން ޖެހެ އެވެ.
އެފްރިކާ ބައްރަށް ބަލާ އިރު، އިންޓަނެޓްގެ އެންމެ އަގު ހެޔޮކަމަށް ފާހަގަކުރެވޭ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ޑޭޓާ އަށް ކުރަން ޖެހޭ ހަރަދު މަހު މުސާރައިގެ 0.5 ޕަސަންޓުން ފުއްދައިލެވޭ އަދި 0.59 ޕަސަންޓުން ފުއްދައިލެވޭ މޮރިޝަސްގަ އެވެ.
އޭ4އޭ1 އިން ބުނިގޮތުގައި އިންޓަނެޓަށް ކުރަން ޖެހޭ ހަރަދު އެފްރިކާގައި ކުޑަކުރުމަށްޓަކައި އަޅަން ޖެހޭ އެންމެ މުހިއްމު އެއް ފިޔަވަޅަކީ ވާދަވެރި މާކެޓް އުފެއްދުމާ އެކު، ހިދުމަތްދޭ ކުންފުނިތަކަށް ދެފުށް ފެންނަ އުސޫލެއްގެ ދަށުން ލައިސަންސް ދޫކުރުމެވެ. އަދި މިފަދަ އުސޫލުތަކަށް މަރުހަބާ ކިޔާ ގައުމުތަކުން އިންޓަނެޓްގެ އަގުން ހެޔޮ ބަދަލު ފެންނަމުން އަންނަ ކަމަށް ވެސް ރިޕޯޓްގައި ބުންޏެވެ.
އެގޮތުން ނެމީބިއާ އާއި ކެނިއާ ފަދަ ގައުމުތަކުގައި އިންޓަނެޓްގެ ކުރިއާ އަޅާބަލާ އިރު ކުޑަވަމުން އަންނަކަން ފާހަގަކޮށްފައިވެ އެވެ.
އދ. ގެ މުސާލަތީ ހިދުމަތާ ބެހޭ ގޮފި އިންޓަނެޝަނަލް ޓެލެކޮމިނިއުކޭޝަން ޔުނިއަން (އައިޓީޔޫ) އިން ބުނީ އަމާޒަކީ ހުރިހާ އެންމެންނަށް ވެސް ބޭނުންކުރެވޭ އަތްފޯރާ އެއްޗަކަށް އިންޓަނެޓްގެ ވަސީލަތް ހެދުމަށްޓަކައި އެކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ފުޅާކުރުން ކަމަށެވެ. އަދި މިކަން ކުރަނީ ގައުމުތަކުގެ މާދަރީ ބަހާއި ޑިޖިޓަލް ހުނަރާއި ތައުލީމާ އެކު، ޑިޖިޓަލް ދާއިރާ އަށް ހޭލުންތެރިކަން އިތުރުކޮށްގެން ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޫޔޫކޮ
09 February 2020
ރާއްޖެވެސް މިއޮތީ އެފްރިކާ ބައްރުގަ....
ބޮޑުމީހާ
09 February 2020
ރާއްޖޭގައި 9000 ރުފިޔާ އާމްދަނީއަށް ނުލިބޭމީހާ 1500 ރުފިޔާ އިންޓަރނެޓަށް ޚަރަދުކުރަންޖެހޭ. އެއީ މުސާރައިގެ %16. ޢެފްރިކާގަ %7 ވީމާ އަހަރުމެންގެ ރާއްޖެ މިއޮތީ އެފްރިކާއަށްވުރެ ދެގުނަ ފަހަތުގަ. ޝުކުރިއްޔާ ސަރުކާރު، ދިރާގު، އުރީދޫ
ހާމަ333
09 February 2020
ރާއްޖެ އޮންނާނެ އިންޓްރނެޓް އެންމެ އަގުބޮޑު ގައުމުތަކުން ގަދަ ތިނެއްގަ....ސާބަހޭ
އަލީީީ
09 February 2020
ރާއްޖޭގެ އިންޓަނެޓް އަގުހެޔޮކުރާ ވާހަކަ އޮތީ އޮއްބާލާފަ. ނޫސްތަކުން އަދި މަލީހުވެސް އިންޓަނެޓު އަގުހެޔޮ ކުރުން އޮތް ހިސާބެއްގެ ވާހަކަ ދައްކާތަނެއް ނުފެނޭ.
ޕިކްސް
09 February 2020
މިރައްޖޭގަ 1ޖީބީ ލިބެނީ 125 ރުފިޔާއަށް (8.10 ޑޮލަރަށް). އެހެންވީމަ އެފްރިކާގެ ގައުމުތަކަށް ވުރެން މިގައުމުގަ އިންޓަނެޓްގެ އަގުބޮޑު.
ދިރާގު
09 February 2020
އަލްހަމްދުލިއްލާހި