ބީއެމްއެލްގެ ޑައިރެކްޓާ އޮފް ބިޒްނަސް (ވ) އާއި ގެޓްއަވޭސް ގެ ސީއީއޯ (ކ9 އެއްބަސްވުން ބަދަލު ކުރަނީ-- ފޮޓޯ: ބީއެމްއެލް
09 ފެބުރުއަރީ 2020 - 12:11
ރާއްޖޭގެ ފާހަގަކޮށްލެވޭ ކުންފުނިތަކަށް ދެމުން އަންނަ 'ގޯލްޑް 100" އެވޯޑުގެ މި އަހަރުގެ ހަފްލާގެ ޕްލެޓިނަމް ސްޕޮންސަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފި އެވެ.
ބީއެމްއެލްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބީއެމްއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ބޭންކުގެ ޑައިރެކްޓާ އޮފް ބިޒްނަސް ކުލްދީޕް ޕަލިވާލް އެވެ. އަދި ކޯޕަރޭޓް މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ މޯލްޑިވްސް ގެޓްއަވޭސްގެ ސީއީއޯ ސަނީ އުމަރެވެ.
މިއީ މި އެވޯޑު ހަފްލާ ބީއެމްއެލުން ސްޕޮންސާ ކުރާ ހަތަރު ވަނަ އަހަރެވެ. މި އަހަރުގެ ގޯލްޑް އެވޯޑު ހަފްލާ ބޭއްވުމަށް ހަމޖެހިފައިވަނީ ފެބްރުއަރީ 25 ގަ އެވެ.
ބީއެމްއެލްގެ ޑައިރެކްޓާ އޮފް ބިޒްނަސް ކުލްދީޕް ޕަލިވާލް ވިދާޅުވީ ރާއްޖޭގެ ކުންފުނިތަކަށް ބޭނުންވާ މާލީ އެހީތެރިކަން އެ ބޭންކުން އިތުރު ކުރަމުން އަންނަ ކަމަށެވެ. އަދި މިފަދަ ހަފްލާއެއްގެ ސްޕޮންސަރަކަށް ވެވުމަކީ ބޭންކަށް ލިބޭ އުފަލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބީއެމްއެލުން ވަނީ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން މިދިޔަ އަހަރު އައްޑޫ ސިޓީ އާއި ހުޅުމާލެ އަދި މާލޭގައި ތިން ބިޒްނަސް ސެންޓަރު ވެސް ހުޅުވާފަ އެވެ. މި ބިޒްނަސް ސެންޓަރުތަކުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށް ރިލޭޝަންޝިޕް މެނޭޖަރުންވަނީ ހަމަޖައްސާފަ އެވެ. ވިޔަފާރި އާ ގުޅޭ ލަފާޔާއި އިރުޝާދު ދިނުމާއި ވިޔަފާރިތަކަށް އަމާޒުކޮށް ބޭންކުން ދޫކުރާ ލޯނާ ގުޅޭ މައުލޫމާތު ދިނުމާއި، ޕީއޯއެސް އަދި ޕޭމަންޓް ގޭޓްވޭ ފަދަ މާޗަންޓް ހިދުމަތްތަކަށް އެދި ހުށަހެޅުމަށް މި މުވައްޒަފުންގެ ފަރާތުން އެހީތެރިކަން ލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy