މިފްކޯގެ ފެކްޓްރީގައި ބަހައްޓާފައި ހުރި ފިނި ކުރި މަސް-- ފޮޓޯ: މިހާރު
28 ފެބުރުއަރީ 2020 - 13:45
މިހާރު ފެތުރެމުން އަންނަ ކޮވިޑް 19 ގެ ސަބަބުން ޔޫރަޕުން މަސް ގަންނަ އަދަދު 30 ޕަސެންޓް ދަށަށް ހިނގައްޖެ ކަމަށް މޯލްޑިވްސް ސީފުޑް ޕްރޮސެސާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަން (އެމްއެސްޕީއީއޭ) އިން ބުނެފި އެވެ.
އެމްއެސްޕީއީއޭއިން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓު ކުރާ މަސް އެ މާކެޓުން ގަންނަ ވަރު ވަރަށް ބޮޑަށް ދަށްވަމުން އަންނަ ކަމަށެވެ. ކުރިން އެ މާކެޓުގައި ކަންނެލި ބާރުމިނުގައި ވިކުނު ނަމަވެސް މިހާރު އެ އަދަދު 30 ޕަސެންޓާ ހަމައަށް ދަށްވެފައިވާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ޔޫރަޕުގެ ގައުމުތަކުން މަސް ގަންނަ މިންވަރު ދަށްވެފައިވަނީ އިޓަލީ އާއި ޖަރުމަނުގައި ކޮވިޑް 19 ފެތުރުމާ ގުޅިގެން އެ ގައުމުގެ ގިނަ އަދަދެއްގެ ރެސްޓޯރެންޓުތައް ބަންދު ކުރުމުންނެވެ. މި ދެ ގައުމަކީ ރާއްޖެއިން އެންމެ ގިނައިން ތާޒާ ކަންނެލި އެކްސްޕޯޓު ކުރާ ދެ ގައުމެވެ.
ގިނަ ރެސްޓޯރެންޓުތައް ބަންދު ކުރުމާ ގުޅިގެން ކުރިއަށް އޮތްތާނގައި ވެސް މަސް ގަންނަ އަދަދު ދަށްވާނެ ކަމަށް ޔޫރަޕުގެ މަސް ގަންނަ ފަރާތްތައް ރާއްޖޭން މަސް އެކްސްޕޯޓު ކުރާ ފަރާތްތަކަށް އަންގާފައިވާ ކަމަށް އެމްއެސްޕީއީއޭ އިން ބުންޏެވެ. މިކަން މިހާރު ފިޝަރީޒް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް ވެސް އެ ތަނުން ވަނީ ބުނެފަ އެވެ.
ދުނިޔޭގެ އެކި ގައުމުތަކުން މަސް ގަންނަ މިންވަރު މަދު ކުރާ ނަމަ ރާއްޖެ އަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ އެވެ. ރާއްޖެއަކީ ފުޅާ ދާއިރާއެއްގައި މަހުގެ އެކްސްޕޯޓު ކުރާ ގައުމަކަށްވާއިރު މަސް ގަންނަ މިންވަރު ދަށަށް ދާނަމަ ރާއްޖޭގައި މަސް ގަންނަ ކުންފުނިތަކުން މަސް ގަންނަ އަދަދު މަދު ކުރާނެ އެވެ. އަދި މީގެ ސަބަބުން މަސްވެރިންނަށް ސީދާ އަސަރު ކުރާއިރު ރާއްޖޭގެ އިގްތިސާދަށް ވެސް ހީނަރުކަން އަންނާނެ ކަމަށް ބެލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަށެއްނޫން
29 February 2020
ހަބަރުގެ ސުރުޚީ ކިޔާލީމަ ހީވީ ޔޫރަޕުން ރާއްޖެއަށް މަސް ގަންނަނީ ކަމަށް.
ހައް ދުންމަތި
28 February 2020
އޭރުން އޮންނާނީ މަސްވެރީންނަށް ހައްގު މިންވަރު ލިބިފަ
ސޭކުބެ
28 February 2020
މިއީ މަމިކިޔާ ވާހަކައަކީ. މިހާރު ކޮންމެވެސް ވަރަކަށް މަޖްލިސް މެންބަރުންނަށް ރޭކާލާނެކަންނޭގެ މަހުގެ އަގު އެއްވަރެއްގައި ނުހިފެހެއްޓެނީ ކީއްވެކަން..