މަސައްކަތްތެރިންގެ ހައްގު ހިމާޔަތް ނުކުރާ ކަމަށް ބުނެ އީސަ އަށް ފާޑުކިޔުން

މަސައްކަތްތެރިންގެ ހައްގުތައް ހޯދައި ދިނުމަށްޓަކައި ޓީމްގެ ނަމުގައި ޖަމިއްޔާ އަށް ހަދައި، އެ ޖަމިއްޔާގައި އިސްވެ މަސައްކަތް ކުރެއްވި އަހުމަދު އީސާ، ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވުމާ އެކު، އެ މަސައްކަތް ހުއްޓާލައްވައި އުޅުއްވަނީ ބޮޑެތި ވިޔަފާރިވެރިންގެ ހިމާޔަތުގައި ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ރޭ ބޭއްވި ބައްދަލުވުމުގައި އޭނާ އަށް ވަރަށް ސީދާކޮށް ފާޑުކިޔައިފި އެވެ.


އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ގޮތުން، އާންމުންގެ ހިޔާލު ހޯދުމަށް މަޖިލީހުގެ އިދާރާ އިން ބޭއްވި އެ ބައްދަލުވުމުގައި، ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އީސާ އަށް ހޫނު ރައްދެއް ދީ، އެތައް ބައެއްގެ ސަމާލުކަން ހޯދީ، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި އާންމުންގެ ހައްގުތަކުގައި ވަކާލާތު ކުރާ ފާތިމަތު ޝާއިރާ އެވެ.

"މަސައްކަތްތެރިން ހެނދުނު ހޭލައި، ރޭގަނޑު ވަންދެން މަސައްކަތް ކުރާއިރު، އަޅުގަނޑު ވަރަށް ޑިސްއެޕޮއިންޓް [މާޔޫސްވޭ] އީސަ އަކީ ޓޫރިޒަމް އިންޑަސްޓްރީގެ މުވައްޒަފުން ރިޕްރެޒެންޓް ކުރުމަށް ފަހުގައި މަޖިލީހަށް އައިސް މިހާރު މަސައްކަތްތެރިންގެ ހައްގުގައި ވާހަކަ ނުދައްކަވާ ބޭފުޅެއް. ވަރަށް ހިތާމަކުރަން،" މިނިމަމް ވޭޖާ ގުޅޭ ގޮތުން އާންމުގެ ހިޔާލު ހޯދުމަށް މަޖިލީހުގެ އިދާރާ އިން ކަނޑައެޅި ޕެނަލްގައި އިންނެވި އީސާ އަށް އަމާޒު ކުރައްވައި ޝާއިރާ ބުންޏެވެ.

ރޭގެ ބައްދަލުވުމުގައި ދެއްކި ވާހަކަ އަށް އެތައް ބައެއްގެ ސަމާލުކަން ލިބުނު ޝާއިރާ (ވ-2)

އޭނާ ބުނީ، ރައްޔިތުންގެ އިތުބާރާ އެކު، އީސާ މަޖިލީހަށް އިންތިޚާބު ކުރުމުން، އެ މީހުންގެ ހައްގުގައި މަސައްކަތްތައް ނުކުރައްވައި މިހާރު ވިޔަފާރިވެރިން ދިފާއު ކުރެއްވުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

ޝާއިރާގެ އެ ވާހަކަތަކަށް، ބައްދަލުވުމަށް ދިޔަ އެތައް ބަޔަކު ހޫނު އަތްތިލަބަޑިއެއް ދިނެވެ. ނަމަވެސް ޝާއިރާގެ ފާޑުކިޔުން އީސަ އަށް ބަލައެއް ނުގަނެވުނެވެ. ޕެނަލުން ފުރުސަތު ނުދެނީސް، ޝާއިރާ އަށް ޖަވާބު ދެއްވި އެވެ. އެކަމަކު، ވަކި ހިސާބަކުން ހޫނުވެދާނެ ހެން ހީވުމުން ވާހަކަ ހުއްޓައިލެއްވި އެވެ.

"މަސައްކަތްތެރިން ހެނދުނު ހޭލައި، ރޭގަނޑު ވަންދެން މަސައްކަތް ކުރާއިރު، އަޅުގަނޑު ވަރަށް ޑިސްއެޕޮއިންޓް [މާޔޫސްވޭ] އީސަ އަކީ ޓޫރިޒަމް އިންޑަސްޓްރީގެ މުވައްޒަފުން ރިޕްރެޒެންޓް ކުރުމަށް ފަހުގައި މަޖިލީހަށް އައިސް މިހާރު މަސައްކަތްތެރިންގެ ހައްގުގައި ވާހަކަ ނުދައްކަވާ ބޭފުޅެއް. ވަރަށް ހިތާމަކުރަން،" ޝާއިރާ

ޝާއިރާ އަށް ރައްދު ދެއްވަމުން އީސަ ވިދާޅުވީ މިއަދު އޭނާ އަކީ މަސައްކަތެރިއެއް ނޫން ކަމަށާއި މަޖިލީހުގައި ތަމްސީލު ކުރައްވަނީ ވެސް މަސައްކަތްތެރިންގެ ގޮނޑިއެއް ނޫން ކަމަށެވެ.

"އަޅުގަނޑުގެ ދާއިރާގައި އެބަތިބި އެންމެ ކުދި ވިޔަފާރިވެރިން ފެށިގެން ގޮސް ރާއްޖޭގައި ތިބި އެންމެ ބޮޑެތި ވިޔަފާރިވެރިންނަށް ދަންދެން. ޝާއިރާ އަށް ކުރިން އަޅުގަނޑު ފެނުނީ ޓީމް ހަދައިގެން މަސައްކަތްތެރިންގެ ހައްގުގައި ވަކާލާތު ކުރަން ހުރި، ވަޒީފާ އަދާކުރާ މީހެއްގެ ގޮތުގައި،" އޭނާ ވިދާޅުވި އެވެ.

އީސަ ވިދާޅުވި ގޮތުގައި، ޓީމުގައި އުޅުއްވިއިރު އޭނާ ވާހަކަ ދެއްކެވީ ހަމައެކަނި މަސައްކަތްތެރިން ބޭނުންވާ ގޮތް އިސްކުރައްވައިގެންނެވެ. އެކަމަކު، މަޖިލީހުގެ މެމްބަރުކަމަށް އިންތިޚާބުވެވަޑައިގަތުމާ އެކު، ހާލަތު ބަދަލުވެ. މިއަދު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވަނީ ދެ ފަރާތުގެ ހައްގުތައް ކަށަވަރު ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ރޭގެ ބައްދަލުވުމުގައި އީސާ ވާހަކަ ދައްކަވަނީ.--ފޮޓޯ: މަޖިލީހުގެ އިދާރާ

އެތައް ބަޔަކު ދިޔަ އާންމު ބައްދަލުވުމެއްގައި، އީސަ އަށް ބަވައިލިއިރު، ވަޒީފާގެ ޕްރޮބޭޝަން މުއްދަތު ހަ މަހަށް އިތުރުކޮށް، ސަލާމް ބުނުމުގެ އުސޫލުތަކަށް ބަދަލު ގެންނަން މިދިޔަ ފެބްރުއަރީ މަހު ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމުން ވެސް އީސަ އަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އޭގެ މައިގަނޑު މައްސަލަ އަކީ، މަސައްކަތްތެރިންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް ތައްޔާރު ކޮށްފައިވާ އެ ބިލް ސަރުކާރުފެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ އީސަ ކަމަށް ވުމެވެ.

މިނިމަމް ވޭޖާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ރޭ ބޭއްވި ބައްދަލުވުމުގައި، އިމާރާތް ކުރުމުގެ ސިނާއަތުގެ އިސް ބޭފުޅެއް ކަމަށްވާ އަދުނާން ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލީހުގެ އިދާރާ

ޝާއިރާ، ރޭ ވަނީ ކޮންސްޓްރަކްޝަން ދާއިރާގައި އިސްކޮށް މަސައްކަތް ކުރައްވާ އަދުނާން އަލީ އަށް ވެސް ފާޑުކިޔައި ވާހަކަ ދައްކައިފަ އެވެ. އެ ބައްދަލުވުމުގައި ވެސް އިންނެވި އަދުނާނަށް އަމާޒުކޮށް ޝާއިރާ ބުނީ، އެ ފަދަ ބޭފުޅުންނަކީ ގޭގޭގެ ކުލި ކޮންޓްރޯލް ކުރުމާ ވަރަށް ދެކޮޅު ބައެއް ކަމަށެވެ. އަދި އިމާރާތް ކުރުމުގެ ދާއިރާގެ މީހުންނަށް މިނިމަމް ވޭޖެއް ކަނޑައަޅަން ވެސް އަދުނާން މެން ފަދަ ބޭފުޅުން ދެކޮޅު ހައްދަވާ ކަމަށް ޝާއިރާ ތުހުމަތު ކުރި އެވެ. އޭނާ ބުނީ، ޓޫރިޒަމް ދާއިރާގެ މީހުންގެ ޖަމިއްޔާ މަޓީ އާއި އިމާރާތް ކުރުމުގެ ވިޔަފާރިވެރިން ތަމްސީލް ކުރާ މަސީން ތިބީ ރައްޔިތުންގެ ހުރިހާ ހައްގުތަކަށް "ފައިން އަރަން ވިއްދާފައި" ކަމަށާއި މިކަންކަން ހުއްޓުވަންޖެހޭ ކަމަށެވެ.

"އަސާސީ ހައްގަކީ ހަމައެކަނި ޖަލަށް ލުމެއް ނޫން. މަސައްކަތް ކުރާ ވަގުތު ކުޑަވާން ޖެހޭ. އާއިލާ އެކީގައި ވަގުތު ހޭދަކުރެވެން ޖެހޭ. އާއިލާ އެކީގައި ރަނގަޅު ޖީލެއް ކުރި ނޭރުމަކީ ކިހާ ބޮޑު ކޮސްޓެއްތޯ ދައުލަތަށް،" އޭނާ ބުންޏެވެ.

އަދުނާނަކީ މަސީގެ މެންބަރެއްގެ އިތުރުން ވޭޖް އެޑްވައިޒަރީ ބޯޑުގައި ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ޝާއިރާ ދެކޭ ގޮތުގައި، ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް 6،400ރ. ގެ މިނިމަމް ވޭޖެއް ކުޑަ އެވެ. އާއިލާ އާއި ދުރުގައި ޗުއްޓީ އާއި އޮފް ދުވަސް ނުނަގާ މަސައްކަތް ކުރާ ގިނަ މުވައްޒަފުންތަކެއް ޓޫރިޒަމް ދާއިރާގައި އުޅޭ އިރު އެމީހުންނަށް އެ އަށް ވުރެ ބޮޑު އުޖޫރައެއް ހައްގު ކަމަށް އޭނާ ބުންޏެވެ.

މިނިމަމް ވޭޖެއްގެ ގޮތުގައި ވޭޖް ބޯޑުން ކަނޑައަޅާފައިވަނީ 6،400ރ. އެވެ. މިކަމުގައި މަޖިލީހުގެ ލަފައެއް ހޯދުމަށް އިކޮނޮމިކް މިނިސްޓްރީން އެ ރިޕޯޓު މަޖިލީހަށް ފޮނުވާފައިވާ އިރު މި ރިޕޯޓު ދިރާސާ ކުރުމުގެ މަސައްކަތް އިގްތިސާދީ ކޮމިޓީން އަންނަނީ ކުރަމުންނެވެ.