ފެޝަން އިންޑަސްޓްރީގައި މަޝްހޫރު "މެންގޯ" ގެ ފިހާރައެއް މާލޭގައި ހުޅުވައިފި

ބާސެލޯނާގެ މަޝްހޫރު ފެޝަން ބްރޭންޑެއް ކަމަށްވާ "މެންގޯ" ގެ ފިހާރައެއް މާލޭގައި ހުޅުވައިފި އެވެ.


އަންހެނުންނަށް ހާއްސަ ހެދުމާއި ރީތިވާން ބޭނުންވާ އެކްސަސަރީސްތަކަށް ހާއްސަކޮށްގެން މަޖީދީމަގުގައި ހުޅުވި މި ފިހާރައަކީ ރާއްޖޭގައި ހުޅުވި މި ބްރޭންޑުގެ ފުރަތަމަ ފިހާރަ އެވެ. މިއާ އެކު ދެކުނު އޭޝިއާ ސަރަހައްދުގައި އެ ބްރޭންޑުން ހުޅުވާފައިވާ ފިހާރަތަކުގެ އަދަދު 27 އަށް އެރީ އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ސޮނީ އާ ގުޅިގެން "މެންގޯ" އިން ހުޅުވި މި ފިހާރައިން ރަސްމީ ކަންކަމުގައި ލާނެ ޒަމާނީ ހެދުމާއި ހަވީރީ ހެދުން ވެސް ލިބެން ހުންނާނެ އެވެ. މިއީ ރާއްޖޭގެ އިތުރުން ދުނިޔޭގެ އެތައް ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ފެޝަން ބްރޭންޑުތަކުގެ ތެރެއިން އެންމެ މަޝްހޫރު އެއް ބްރޭންޑެވެ.

މި ފިހާރަ ހުންނަނީ މަޖީދީމަގުގައި، ކުރިން ސޮނީ ހާޑްވެއާ ޕްރޮފެޝަނަލް ހިންގި ތަނުގަ އެވެ.

"މެންގޯ" އިން ބުނި ގޮތުގައި ރާއްޖޭގައި ހުޅުވި ފިހާރައިގެ ސަބަބުން ދެކުނު އޭޝިއާގައި އެ ބްރޭންޑު ވަރުގަދަ ވެގެންދާނެ އެވެ. އަދި މި ފިހާރަ އަކީ ކަސްޓަމަރުންނާ ގުޅޭ، ވިޔަފާރި ކުރުމަށް ފަސޭހަ ފިހާރައެއް ކަމަށް ވެސް ބުންޏެވެ.

"މެންގޯ" ބްރެންޑު އުފެދިފައިވަނީ 1984 ވަނަ އަހަރު ބާސެލޯނާގަ އެވެ. މި ބްރޭންޑު އުފެދުނުތާ މިހާރު 36 އަހަރު ވެފައިވާއިރު ކޮންމެ އަހަރަކު އެ ބްރޭންޑުގެ 18،000 އަށްވުރެ ގިނަ އާ ހެދުމާއި އެކްސަސަރީސް ބާޒާރަށް ނެރެ އެވެ. މީގެ ތެރޭގައި އަންހެނުންނާއި ފިރިހެނުންގެ އިތުރުން ކުޑަކުދިންގެ ހެދުންތައް ވެސް ހިމެނެ އެވެ.