އެމްޕީއެލް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން--މި ޕްރެސް ކޮންފަރެންސް ބޭއްވީ އޮންލައިންކޮށް-- ފޮޓޯ:އެމްޕީއެލް
18 މާޗް 2020 - 19:05
ކޮވިޑް-19 ރޯގާގެ ހާލަތު ގޯސްވެ މާލެ ބަންދުކުރަންޖެހޭ ހާލަތެއްގައި އެކަމަށް ވެސް ތައްޔާރުވެފައިވާ ކަމަށް އެމްޕީއެލް އިން މިއަދު ބުނެފި އެވެ.
ރޯގާ ފެތުރުން ކޮންޓްރޯލްކުރަން، މީހުން އެއްވެ އުޅުން މަދުކުރަން ދޭ ލަފަޔަށް ބަލައި، މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް ބޭއްވި ވީޑިއޯ ޕްރެސް ކޮންފަރެންސްގައި އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވީ މާލެ ލޮކްޑައުން ހާލަތަކަށް ދިޔަ ނަމަވެސް އެ ކުންފުނިން ދެމުން އަންނަ މުދާ ކްލިއާ ކުރުމުގެ މަސައްކަތަށް އެއްވެސް ހުއްޓުމެއް ނާންނާނެ ކަމަށެވެ. އެފަދަ ހާލަތެއް އައިސްފި ނަމަ އަމަލު ކުރާނެ ކޮންޓިންޖެންސީ ޕްލޭނެއް ވަނީ އެކުލަވާލާފައި ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަސައްކަތަށް ވަކި ހާއްސަ ޓީމެއް ނަގައި، އެ މީހުންނަށް އެމްޕީއެލްގެ ބަނދަރުން ނުނިކުމެ ހިދުމަތް ދެވޭނެ އުސޫލެއް ވަނީ ހަމަޖައްސާފައި ކަމަށެވެ.
"ވިސްނާފައި އޮތީ ޓެކްނިކަލް ގްރޫފެއް ކަނޑައަޅައި އެތެރޭ އޮޕަރޭޝަން ހުއްޓުމެއް ނެތި ކުރެވޭ ގޮތަށް. އެ ކަނޑައަޅާ ޓީމުން ބަނދަރު ސަރަހައްދުގައި ތިބެން ޖެހޭނީ ހާލަތު ބަދަލުވަންދެން،" އޭނާ ވިދާޅުވި އެވެ.
އެމްޕީއެލް އަކީ މިފަދަ ހާލަތެއްގައި އެންމެ މުހިއްމު އެއް ހިދުމަތްދޭ ކުންފުންޏަށް ވާއިރު، އިތުރު މުވައްޒަފުން ބޭނުންވާ ހާލަތެއްގައި ވެސް ހާއްސަ ހުއްދަތަކެއް ހޯދައިގެން މުވައްޒަފުން މަސައްކަތުގައި ގެންގުޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. މާލެ ލޮކްޑައުން އަށް ދާ ހާލަތުގައި ބަނދަރު ސަރަހައްދުން ނުނިކުމެ، 30 - 50 މުވައްޒަފުން ގެންގުޅެވޭނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
މިހާރު ވެސް މުދާ ކްލިއާ މަސައްކަތްތައް ކުރިއަށް ގެންދަނީ ތިން ޝިފްޓަށް ބަހާލައިގެންނެވެ. އާންމުގޮތެއްގައި ޝިފްޓެއްގައި 100 އާއި 150 ދެމެދުގެ ސްޓާފުން މަސައްކަތް ކުރާ އިރު ބަނދަރުގައި މުދާ ކްލިއާ ކުރުމަށް 80 ވަރަކަށް މުވައްޒަފުން އަބަދުވެސް ހަރަކާތްތެރިވެ އެވެ.
ޝާހިދު ވިދާޅުވީ. ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ ހާއްސަ ހާލަތުގައި ބޭހާއި ކާބޯތަކެތި ވީހާ ވެސް އަވަހަށް ކްލިއާ ކުރުމަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ. އާންމު އުސޫލުން ވެސް މުދާ ކްލިއާ ކުރުމުގައި ބޭހާއި ފަސޭހައިން ހަލާކުވާ ބާވަތްތަކަށް ހާއްސަ އިސްކަމެއް ދެ އެވެ.
މިދުވަސްވަރު މުދާ ރާއްޖެއަށް އަންނަ ވަރު އެހެން ދުވަސްވަރަށް ވުރެ މަދު ނަމަވެސް، އެއްވެސް ހުއްޓުމެއް ނެތި އެހެން ދުވަސްވަރޭ އެއްގޮތަށް ކާބޯތަކެތި އެތެރެކުރެ އެވެ. އިމްޕޯޓު މުދަލުގެ ތެރެއިން މިދުވަސްވަރު އެންމެ ބޮޑަށް މަދީ ކޮންސްޓްރަކްޝަން މުދަލެވެ.
އިގްތިސާދީ ގޮތުން ހީނަރު މި ދުވަސްވަރު ގެއްލުންތައް ކުޑަ ކުރުމުގެ ގޮތުން އެ ކުންފުނިން ވަނީ، ބޯޑުގެ މެމްބަރުންނާއި ސީނިއާ އެގްޒެކެޓިވްސް އަދި ޑިޕާޓްމަންޓުތަކުގެ އެންމެ އިސްވެރިންގެ މުސާރަ އިން 20 ޕަސެންޓު އުނިކުރަން މިއަދު ނިންމައިފަ އެވެ.
ކޮވިޑް-19 އަށް ރާއްޖެއިން 13 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. މި ބަލިމަޑުކަމާ ގުޅިގެން ޓޫރިޒަމާއި މަސްވެރިކަމާއި އެހެނިހެން ވިޔަފާރިތަކަށް ވެސް ބޮޑެތި ގެއްލުންތައް ދަނީ ވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ިއިބްރާ
19 March 2020
އެމްޕީއެލް ތެރޭ ހުންނަ މުދާ ކްލިއަރ ކުރަނީ އެމްޕީއެލް އަކުން ނޫން. ތީ މުދާ ދޫކުރާ ބައެއް. މުދާ ކްލިއަރ ކޮށް އެކި ތަންތަނަށް ގެންގޮސްދީ ހަދަނީ މުދާ ކްލިއަރ ކުރާ އެޖެންޓްން. ލޮކްޑައުން އަކަށް ގޮސްފިނަމަ އެމްޕީއެލް އަކަށް އެކަމެއް ނުކުރެވޭނެ. މިހާރުވެސް ގަދަކަމުން ޚިދުމަތް ލިބިގަންނަނީ.
ހައިކަލް
18 March 2020
ގަދަ ބާރުން މުވައްޒަފުންގެ މުސާރަ ކުޑަކޮށް. ވެރިން އޭ ކިޔާ މީހުން ކުޅޭ ޑްރާމާ ތި. މަޖޫރިން އަދިވެސް 500 އިން ދިގެން ނޫނީ ފޯކް ލިފްޓްއަަކަށް ތީގެން ޑްރައިވަަކު ނާރާ. ފެއިލް ވެފައިވާ ވެރިންގެ ކިއްލާއެއްތީ.
ތަމީމް
18 March 2020
ހުކުރު ދުވަސް އޮފް ޑިއުޓީއަށް ހެދުމަކީ، މުވައްޒަފުންނަށް ލިބޭ މުސާރަ ކުޑަވާނޭ ކަމެއް.
ހެެބަލި
18 March 2020
ކަލޭ ވާނުވާތަ؟