މިއީ ބޮޑު ގެއްލުމެއް، ރިސޯޓުތައް އޮތީ ބަންދުކުރާ ހާލަތުގައި: އަފީފު

މީގެ ކުރިން ދުވަހަކު ވެސް ރާއްޖޭގެ ޓޫރިޒަމަށް ނުލިބޭ ވަރުގެ ގެއްލުމެއް ކޮވިޑް-19 އާ ގުޅިގެން ލިބޭނެ ކަމަށާއި، ޓޫރިސްޓުން ނާންނާތީ ރިސޯޓުތައް ހުރީ ބަންދުކުރާ ހާލަތުގައި ކަމަށް ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރު ހުސައިން އަފީފު ވިދާޅުވެއްޖެ އެވެ.


ކޮވިޑް-19 އާ ގުޅިގެން، ކްރައުން އެންޑް ޗަމްޕާގެ ދަށުން ހިންގާ ރިސޯޓުތައް ވަގުތީ ގޮތުން ބަންދު ކުރުމާ ގުޅޭ ގޮތުން އެ ކުންފުނީގެ މައި ހިއްސާދާރު އަފީފު ވިދާޅުވީ، ރިސޯޓުތައް ބަންދުކުރަނީ ޓޫރިސްޓުން ނެތިގެން ކަމަށެވެ.

"މިހާރު ޓޫރިސްޓުންނެއް ނާދޭ. ހުރިހާ އެއާލައިންތަކެއް ހެން ހުއްޓިފައި އޮތުމާ އެކު ރިސޯޓުތައް މިހާރު ވަރަށް ބޮޑަށް އޮތީ ހުސްވެފައި،" އޭނާ ވިދާޅުވި އެވެ.

އަފީފު ވިދާޅުވީ، ކްރައުން އެންޑް ޗަމްޕާގެ ދަށުން ހިންގާ ބައެއް ރިސޯޓުތަކުގައި މިވަގުތު 60 އަކަށް ޓޫރިސްޓުން އެބަތިބި ކަމަށެވެ. އެ އެންމެންނަށް ހިދުމަތް ދެވޭނެ ކަމަށާއި އެހެން ނަމަވެސް އެއްވެސް ވަރަކަށް ޓޫރިސްޓުން ނާންނަ ނަމަ ވަގުތީ ގޮތުން ރިސޯޓުތައް ބަންދުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކްރައުން އެންޑް ޗަމްޕާ ގްރޫޕްގެ ދަށުން ހިންގާ ރިސޯޓްތަކުގެ ތެރޭގައި ކުޑަދޫ މޯލްޑިވްސް، ހުރަވަޅި، ވެލިގަނޑު އައިލެންޑް ރިސޯޓް، ކޮމަންޑޫ އާއި ކުރެއްދޫ އާއި ވިލަމެންދޫ، މީރު އަދި އިންނަހުރާ ރިސޯޓު ހިމެނެ އެވެ. އެ ކުންފުންޏަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓޫރިޒަމް ވިޔަފާރި ކުރަމުން އަންނަ ކުންފުންޏެވެ. މި ކުންފުނީގައި 3000އެއްހާ މުވައްޒަފުން މަސައްކަތް ކުރެ އެވެ.

ރާއްޖޭގެ ޓޫރިޒަމަށް ކުރިމަތިވެފައިވާ ހާލަތާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ، މިހާރު އޮތީ ވަރަށް ދެރަ ހާލަތެއް ކަމަށާއި އުންމީދު ކުރަނީ މިހާރު ކުރިމަތިވެފައިވާ ހާލަތް ވީ އެންމެ އަވަހަކަށް ބަދަލުވުން ކަމަށެވެ. މިއީ އަމިއްލަ ބާރުގައި އޮތް ހާލަތެއް ނޫން ކަން ފާހަގަކުރައްވައި އަފީފު ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވާ އެންމެ ބޮޑު ބިރުވެރިކަމަކީ ނުވަތަ ގޮންޖެހުމަކީ، މިކަން ދިގު ދެމިގެންދާނެ މުއްދަތެއް ތަސައްވަރު ކުރަން ނޭންގުން ކަމަށެވެ.

"މިސާލަކަށް ސުނާމީއާ ގުޅިގެން ލިބުނު ގެއްލުން އޭރު އަންދާޒާ ކުރެވުނު. އެހެންވީމަ އަރައިގަންނަން ކުރަން ޖެހުނު މަސައްކަތްތައް އެނގުނު،" އޭނާ ވިދާޅުވި އެވެ.

އަފީފު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ވިޔަފާރިއަށް ކުރިމަތިވާ ގެއްލުންތައް ދެނެގަތުމަށްޓަކައި ކޮންމެ ތިން މަހަކުން ރާއްޖޭގެ ހާލަތު ރިވިއުކޮށް ވިޔަފާރި ސަލާމަތް ކުރަން އަޅާނެ ފިޔަވަޅުތައް ދެނެގަންނާނެ ކަމަށެވެ. އެނޫން އިތުރު އެއްވެސް ގޮތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ކްރައުން ކުންފުނިން ވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް ކުރިއަށް އޮތް ދެ މަހު، އޮންނަ އުސޫލުގެ ތެރެއިން މުސާރަ އެއްކޮށް ދޭން ނިންމައިފަ ކަމަށެވެ. އެހެން ނަމަވެސް އޭޕްރީލް މަހަށް މި ހާލަތު ދިގުދެމިގެންދާ ނަމަ 5،000ރ. އަށް ވުރެ ބޮޑު ހުރިހާ މުސާރައަކުން ވަކި ޕަސެންޓެއް ކުޑަ ކުރުމަށް ނިންމާފައިވެ އެވެ.

މިހާރުގެ ހާލަތަށް ބަލާ އިރު މުވައްޒަފުން ވަޒީފާއިން ވަކި ކުރުމަށް ނުވިސްނާ ކަމަށާއި އެ ކުންފުނީގެ މުވައްޒަފުން ދަމަހައްޓަން ވަރަށް ބޮޑަށް މަސައްކަތް އެކުންފުނިން ބުނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓޫރިޒަމް ވިޔަފާރި ކުރާ ކުންފުނިތައް ކަމުގައިވާ ވިލާގެ ރިސޯޓުތަކާއި ޔުނިވާސަލްގެ ރިސޯޓުތައް ވެސް ބަންދުކުރުމަށް ވަނީ ނިންމައިފަ އެވެ. މި ހާލަތުން ލިބޭ ގެއްލުންތައް ކުޑަ ކުރުމަށްޓަކައި ވިލާ ގްރޫޕުން ވަނީ އެ ކުންފުނީ ބައެއް މުވައްޒަފުން ނޯ ޕޭ ލީވަށް ފޮނުވާއި ބައެއް މުވައްޒަފުންގެ މުސާރަ ކުޑަ ކުރުމަށް ވެސް ނިންމައިފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން މިބައްޔަށް 13 މީހަކު ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރެއިން ފަސް މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. ރާއްޖޭގެ ޓޫރިޒަމް ދާއިރާ މިއަހަރު 35 ޕަސެންޓް ދަށަށް ދާނެ ކަމަށް ލަފާކުރެވެ އެވެ.