29 މާޗް 2020 - 08:17
ކޮރޯނާވައިރަހުގެ ހާލަތު ޗައިނާގައި މައިތިރިވެފައިވާ މި ދަނޑިވަޅުގައި، އެ ގައުމުގެ މަޝްހޫރު ކުންފުނި ވާވޭ އިން ސްމާޓްފޯނުތަކެއް އާ މޮޑެލްތަކެއް ދައްކާލައި، ވިއްކަން ތައްޔާރުވާން ފަށައިފި އެވެ.
އާންމުކޮށް ފޯނުތައް ދައްކައިލަން ބާއްވާ ބޮޑު ހަފުލާއެއްގެ ބަދަލުގައި ވާވޭގެ ޕީ40 ގެ އެންމެ ފަހުގެ ވާޝަންތައް ދައްކައިލީ ލައިވްސްޓްރީމްޑް ވީޑިއޯ ފީޑް މެދުވެރިކޮށެވެ.
އަލަށް ނެރުނު ތިން މޮޑެލަކީ 5ޖީ ވެސް ސަޕޯޓްކުރާ 6.1 އިންޗީގެ ޑިސްޕްލޭ ހިމެނޭ ޕީ40 އާއި 6.58 އިންޗީގެ ޑިސްޕްލޭ އެކުލެވޭ ޕީ40 ޕްރޯ އާއި ޕްރޯ+ އެވެ. މި ފޯނުތަކުގައި ތިން ކެމެރާ ވެސް ހިމެނޭ އިރު، އޭގެ ތެރެއިން އެކައްޗަކީ އެތައް ގުނައަކަށް ޒޫމްކޮށްލެވޭނެ ވަރަށް ވަރުގަދަ ކެމެރާއެކެވެ. ވާވޭ އިން ބުނިގޮތުގައި އަލަށް ނެރުނު ފޯނުތަކުގައި ހިމެނޭ ކެމެރާތަކުގެ ސެންސަތައް ގެލެކްސީ އެސް20 އާއި އައިފޯން11 ގެ ކެމެރާތަކުގެ ސެންސަތަވުރެ ބޮޑުވެފައި ވަރުގަދަވާނެ އެވެ.
މި މޮޑެލްތަކުގެ އިތުރު ފީޗާތަކުގެ ތެރޭގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ވަރުގަދަ ސްލޯ-މޯޝަން ވީޑިއޯ މޯޑާއި 4ކޭ ކޮލިޓީ ގެނެސްދޭ 32 މެގަޕިކްސެލްގެ ސެލްފީ ކެމެރާގެ އިތުރުން އެކި އެއްޗެހި ދެނެގަންނަ ސްމާޓް އެސިސްޓަންޓް ހިމެނެ އެވެ.
ޕީ40 ފަހަރުގައި ބައެއް މީހުން އެހާ ގަޔާނުވާނެ އެއްޗަކަށް ވެދާނެ ސަބަބަކީ ގޫގްލްގެ އެންޑްރޮއިޑް އެޕްތައް މީގައި ނުހިމެނުމެވެ. ސަބަބަކީ އެމެރިކާ އިން ވާވޭ އަށް ބްލެކްލިސްޓްކޮށް، ސަޕޯޓްދިނުން ހުއްޓާާފައި އޮތުމެވެ.
އެގޮތުން ފޭސްބުކާއި ޓްވިޓާ އާއި އިންސްޓަގްރާމާއި ވަޓްސްއެޕާއި ޔޫޓިއުބާއި ގޫގްލް މެޕްސް އާއި ޕްލޭސްޓޯރާއި ގޫގްލް އެސިސްޓަންޓް ފަދަ އެޕްތައް ޕީ40 އަކުން ނުލިބޭނެ އެވެ.
ނަމަވެސް މީގެ އެޕް ގެލެރީގައި ޓިކްޓޮކާއި ޓެލެގްރާމާއި ވައިބަ އާއި މައިކްރޮސޮފްޓް އޮފީސް ފަދަ އެޕްތައް އެކުލެވޭނެ އެވެ.
އަގުތަކަށް ބަލާ އިރު ޕީ40 އާއި ޕީ40 ޕްރޯގެ އަގުތައް އުޅޭނީ 890-1,115 ޑޮލަރާ ދެމެދުގަ އެވެ. އަދި ޕީ40 ޕްރޯ+ އަގަކީ 1,562 ޑޮލަރެވެ.
ވާވޭ އިން ބުނިގިތުގައި ޕީ40 އާއި ޕީ40 ޕްރޯ ވިއްކަން ފަށާނީ އަންނަ މަހުގެ 7 ގަ އެވެ. އަދި ޕީ40 ޕްރޯ+ ވިއްކަން ފަށާނީ ޖޫން މަހުގެ ތެރޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy