ފިޔާ، އަލުވި އަދި ބިހުގެ އަގު ރެޑްވޭވް އިން ވެސް ހެޔޮކޮށްފި

ރާއްޖޭގައި ފުޅާދާއިރާއެއްގައި ސުޕަމާކެޓް ހިންގަމުން އަންނަ ރެޑްވޭވުން ވެސް ބިހާއި އަލުވި އަދި ފިޔަލުގެ އަގު ހެޔޮކޮށްފި އެވެ.


ރެޑްވޭވުގެ ފިހާރަތަކުން މިއަދުން ފެށިގެން ރަތް ފިޔާ ކިލޯއެއް ލިބޭނީ 15ރ. އަށެވެ. އަދި އަލުވި ކިލޯއެއް 15ރ. އަށް ވިއްކާ އިރު ބިހެއް ލިބެނީ 1.5ރ. އަށެވެ.

ރެޑްވޭވުން ބުނީ، މާކެޓުގައި ވިޔަފާރިވެރިންނަށް ބޮޑު އަގުގައި މިފަދަ ބާވަތްތައް ވިއްކުމުގެ ފުރުސަތު ލިބެނީ ކަސްޓަމަރުން އަގަށް ނުބަލައި ތަކެތި ގަންނާތީ ކަމަށެވެ. ރެޑްވޭވުން އަގުހެޔޮކުރީ މި ދުވަސްވަރަކީ މާލީ ގޮތުން ގިނަ ބަޔަކަށް ދަތިވެފައިވާ ދުވަސްވަރަކަށް ވާތީ ކަމަށް ރެޑްވޭވުން ބުންޏެވެ.

އަގަށް ގެނައި ބަދަލާއެކު ކަސްޓަމަރުންނަށް 500ރ. އާއި 100ރ. އާ ދެމެދުގެ އަދަދެއް ސަލާމަތް ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް އެ ފިހާރައިން ބުނެ އެވެ.

ރެޑްވޭވަކީ ގިނަ އަދަދެއްގެ މުދާ އެއްތަނަކުން ކަސްޓަމަރުންނަށް ހެޔޮއަގުގައި ފޯރުކޮށްދެމުންދާ ކުންފުންޏެކެވެ. އަދި މިހާރު ރެޑްވޭވްގައި ކުރިއަށްދާ ރޯދަސޭލްގައި ކުރާ ކޮންމެ 500ރ. ގެ ވިޔަފާރިއަކަށް ލިބޭ ކޫޕަނުން 100،000ރ. އަދި އިތުރު އިނާމު ހޯދުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ކަސްޓަމަރުން އެއްވެ އުޅުމަށް ފުރުސަތު ނުދިނުމުގެ ގޮތުން ރެޑްވޭވުން އަންނަނީ މާލެ އާއި ހުޅުމާލެއަށް ޑެލިވަރީކޮށްދިނުމުގެ ހިދުމަތް ވެސް ދެމުންނެވެ.