10 މެއި 2020 - 09:29
ކޮރޯނާވައިރަހާ ހެދި މާޗް މަހުގެ މެދުތެރޭގައި ބަންދުކުރަން ޖެހުނު އެޕަލް ކުންފުނީގެ އެމެރިކާގެ ފިހާރަތައް އަންނަ ހަފުތާގެ ތެރޭގައި އަލުން ހުޅުވައި ހިދުމަތް ދޭން ތައްޔާރުވަމުން އަންނަ ކަމަށް އެ ކުންފުނުން ބުނެފި އެވެ.
އެޕަލް އިން ނެރުނު ބަޔާނެއްގައި ބުނީ ކޮރޯނާވައިރަހާ ހެދި ތަންތަން ބަންދުކޮށް، ހިދުމަތްތައް ހުއްޓައިލަން ޖެހުމަކީ ކަސްޓަމަރުންނާ އޮތް ގުޅުމަށް ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ ކަމަށާއި އަލުން ކަސްޓަމަރުންނަށް ހިދުމަތް ދޭން ކެތްމަދުވެފައިވާ ކަމަށެވެ.
އެހެންވެ އަންނަ ހަފުތާގެ ތެރޭގައި އެޕަލްގެ އެމެރިކާގެ ބައެއް އައުޓްލެޓްތައް ހުޅުވަން ފަށާނެ ކަމަށް ބުންޏެވެ. އެގޮތުން އެންމެ ފުރަތަމަ ހުޅުވަން ހަމަޖެހިފައި ވަނީ އިޑާއޯ އާއި ސައުތު ކެރޮލައިނާ އާއި އަލަބަމާގެ އިތުރުން އެލަސްކާގެ އައުޓްލެޓްތައް ކަމަށް ބުންޏެވެ.
އެޕެލް އިން ބުނިގޮތުގައި ކޮރޯނާވައިރަހާ އެކު ކުރިމަތިވި ހާލަތާ އެކު، ވަރަށް ގިނަ ބަޔަކު ގޭގައި ތިބެގެން މަސައްކަތްކުރަން ޖެހިފައިވާތީ މި ދަނޑިވަޅަކި އެޕަލްގެ ހިދުމަތްތަކަށް ގިނަ ބަޔަކު ބޭނުންވާނެ ވަގުތެކެވެ.
"އެހެންވެ އަހަރެމެން އަލުން ފިހާރަތައް ހުޅުވަން ތައްޔާރު މި ވަނީ ހާލަތު ދިރާސާކޮށް، ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާ ވެސް އެއްގޮތަށް،" އެޕަލް އިން ބުންޏެވެ. "އެގޮތުން ފިހާރަތަކުގައި ރައްކާތެރިކަމުގެ ގޮތުން ހާއްސަ ފިޔަވަޅުތަކެއް އަޅާފައި ހުންނާނެ. އަދި ވަކިން ހާއްސަކޮށް ސޯޝަލް ޑިސްޓޭންސިން އަށް ވަރށް ބޮޑު އިސްކަމެއް ދެވޭނެ. އެހެން ވިޔަސް ވަރަށް ބޮޑު އިލްތިމާސެއް އޮންލައިންކޮށް ހިދުމަތް ހޯދޭ މީހުން އެގޮތަށް އަމަލުކުރުން."
އެޕަލް އިން އެމެރިކާގެ ކަންކޮޅުތަކުގައި ޖުމްލަ 271 އައުޓްލެޓެއް ހިންގާ އިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 500 އަށް ވުރެ ތަންތަން ހިންގަ އެވެ. އަދި ކޮރޯނާވައިރަހާ ދިމާކޮށް އޭޝިއާ އާއި ޔޫރަޕާއި އޮސްޓްރޭލިއާ އިން މާޗް މަހުގެ ތެރޭގައި ބަންދުކުރި ތަންތަނުގެ ތެރެއިން 70 އަށް ވުރެ ގިނަ ތަންތަން މިހާރު ވަނީ ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތަކާ އެކު ހުޅުވައި ހިދުމަތް ދޭން ފަށައިފަ އެވެ.
އެޕަލްގެ އެމެރިކާގެ ފިހާރަތައް އަލުން ހުޅުވަން ތައްޔާރުވާ އިރު، އެ ގައުމަކީ މި ވަގުތު ކޮވިޑް-19 ގެ ހާލަތު އެންމެ ގޯސް ގައުމެވެ. އެމެރިކާ އިން މިހާތަނަށް 1.32 މިލިއަން މީހުންނަށް ބަލި ޖެހިފައިވާ އިރު، 78،200 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެެ. ބަލިން ފަސޭހަވި މީހުންގެ އަދަދު މިހާރު 183،000 އަށް އަރަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy