އެންގުމަށް އަމަލުނުކުރާ ފިހާރަތަކުގެ ހުއްދަ ބާތިލްކުރަނީ

ކޮވިޑް-19 އާ ގުޅިގެން މާލެ ލޮކްޑައުންކޮށް، ވިޔަފާރިކުރުމުގެ ހުއްދަ ދީފައިވާ ފިހާރަތަކުގެ ތެރެއިން އިކޮނޮމިކް މިނިސްޓްރީގެ އެންގުމާ އެއްގޮތަށް ޚިދުމަތް ނުދޭ ފިހާރަތަކުގެ ހުއްދަ ބާތިލްކުރަން ނިންމައިފި އެވެ.


އާއްމުންގެ ތެރޭގައި ބަލި ފެތުރުން ކޮންޓްރޯލްކުރުމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ލޮކްޑައުންކޮށްފައިވާއިރު، ވިޔަފާރިކުރަން ވަކި ފިހާރަތަކަކަށް ފުލުހުން ވަނީ ޚާއްސަ ހުއްދައެއް ދީފަ އެވެ. މި ފިހާރަތަކުން ހަތަރު ކަމެއް ފުރިހަަމަ ކުރަން އިކޮނޮމިކް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.

އޭގެތެރޭގައި، އެ ފިހާރައެއްގެ ކުޑަ ބޮޑު މިނަށް ބަލައި، އެންމެ ގިނަވެގެން ވަދެވޭނެ ކަސްޓަމަރުންގެ އަދަދު ބޭރަށް ފެންނާނެހެން ބެހެއްޓުމާއި ފިހާރައިގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކު ވެސް ހިދުމަތްދޭ ގަޑީގައި، ނޭފަތާއި އަނގަމަތި ފޮރުވޭ ގޮތަށް މާސްކު އެޅުމާއި އަތަށް އަންގި ލައްވައިގެން ޚިދުމަތް ދިނުން ހިމެނެ އެވެ.

އެ ފިހާރައެއްގައި މަސައްކަތް ކުރަން ފުލުހުން ހުއްދަ ދީފައިވާ މީހުން ފިޔަވައި އިތުރު ބަޔަކު ތިބުން ވެސް މަނަލެވެ. އަދި ހުއްދަ އޮތް ފިހާރައެއް ނަމަ، ގަވާއިދުން ހުޅުވަން އިކޮނޮމިކް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.

މިކަންކަން ފުރިހަމަ ނުވާ ނަމަ ވިޔަފާރި ހުއްދަ ބާތިލްކުރާނެ އެވެ.

ލޮކްޑައުންގެ ހާލަތުގައި ހުއްދަ ދީފައިވާ ތަންތަނުގެ ތެރެއިން ނުހުޅުވާ ހުންނަ ތަންތަނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވެސް ވަނީ މީގެ ކުރިން ބުނެފަ އެވެ. އާއްމުންނަށް ދަތިނުވާނެ ގޮތަށް މުދާ ފޯރުކޮށްދޭން ގިނަ ފިހާރަތަކަކަށް ފުލުހުން ހުއްދަ ދީފައިވެ އެވެ.

ކޮވިޑް-19 އަށް ރާއްޖެއިން 800 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ އިރު މީގެ ތެރޭގައި ބައެއް ފިހާރަތަކުގައި ޑެލިވަރީ ކުރުމުގެ މަސައްކަތުގައި އުޅުނު މީހުން ވެސް ހިމެނެ އެވެ. މިހާލަތުގައި ހުރިހާ އެންމެން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ނޫން ގޮތަކަށް ބޭރަށް ނުދިއުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެ އެވެ.