އެމިރޭޓްސްއަށް މިދިޔަ އަހަރު ލިބުނު ފައިދާ 21 ޕަސެންޓަށް މަތިވި

މިދިޔަ އަހަރު އެމިރޭޓްސްގެ ފައިދާ 21 ޕަސެންޓަށް އިތުރުވި އިރު، މި އަހަރު ބޮޑު ގެއްލުމަކާ ކުރިމަތިވާނެ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.


އެމިރޭޓްސް އިން އަހަރު ގުނަނީ ކޮންމެ އަހަރެއްގެ މާޗް މަހުން އަނެއް އަހަރުގެ މާޗަށެވެ. އެ ކުންފުންޏަށް މިދިޔަ އަހަރުގެ މާޗް އިން ފެށިގެން އަހަރެއްވި އިރު، ގާތްގަނޑަކަށް 525 މިލިއަން ޑޮލަރުގެ ފައިދާއެއް ވަނީ ލިބިފަ އެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ ގާތްގަނޑަކަށް 288 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ސްޓޭޓް އެއާލައިން، އެމިރޭޓްސް އަކީ މުޅި ދުނިޔޭގައި އެންމެ ފުޅާކޮށް ދަތުރުފަތުރުތައް ކުރަމުން އަންނަ އެއް އެއާލައިނަށްވާ އިރު އެ ކުންފުންޏަށް މި ހިނގާ އަހަރުގައި ބޮޑު ގެއްލުމަކާ ކުރިމަތިވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ.

އެމިރޭޓްސްގެ ޗެއާމަން ޝެއިހް އަހުމަދު ބިން ސައީދު އަލް މަޚްތޫމް ވިދާޅުވީ، ކޮރޯނާވައިރަހާ ގުޅިގެން ފެބްރުއަރީ މަހުން ފެށިގެން އެއާލައިނަށް ބޮޑު އަސަރެއް ކުރަމުން އަންނަ ކަމަށެވެ.

"މި ނިމުނު އަހަރު ވިޔަފާރީގައި ބޭނުންވި އަމާޒުތައް ހާސިލުވި. އެހެން ނަމަވެސް ފެބްރުއަރީ މެދަކާ ހަމައިން އެއާލައިނަށް ބޮޑު އަސަރެއް ކުރި. ގައުމުތައް ބަންދުކޮށް، ދަތުރުފަތުރު ކުރުން ހުއްޓާލުމާ ގުޅިގެން ބޮޑު ގެއްލުމަކާ ވަނީ ކުރިމަތިވެފައި،" އޭނާ ވިދާޅުވި އެވެ.

އެމިރޭޓްސް އަށް މިދިޔަ މާޗް މަހު އެކަނި ވެސް ވަނީ 925 މިލިއަން ޑޮލަރުގެ އާމްދަނީ ގެއްލިފަ އެވެ.

މަޚްތޫމް ވިދާޅުވީ ކުރިއަށް އޮތް 18 މަސް ދުވަހު ވެސް މި ހާލަތު ބަދަލުވާނެ ކަމަކަށް ނުބެލެވޭ ކަމަށެވެ. އެހެންވެ ކުންފުނީގެ ހިދުމަތް މެދުކަނޑާނުލާ ކުރިއަށްގެންދިއުމަށްޓަކައި ހަރަދުތައް ކުޑަ ކުރަން ވަރަށް ގިނަ ފިޔަވަޅުތަކެއް މިހާރު ވެސް އަޅަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އެމިރޭޓްސް އިން ވަނީ ހަރަދުތައް ކުޑަ ކުރުމުގެ ގޮތުން އެއެއާލައިންގެ ހުރިހާ މުވައްޒަފުންގެ މުސާރައިން ބޮޑު ބައެއް އުނިކޮށްފަ އެވެ.

މި ނިމުނު އަހަރު އެމިރޭޓްސްގެ މިލްކިއްޔާތު ވަނީ 5.5 ބިލިއަން ޑޮލަރަށް އަރައިފަ އެވެ. މި އަހަރުގެ މާޗް މަހުގެ ނިޔަލަށް އެ އެއާލައިނުން 56.2 މިލިއަން ޕެސެންޖަރުން އުފުލާފައިވެ އެވެ.

އެމިރޭޓްސް އަކީ ދުނިޔޭގެ އެންމެ ބޮޑު ވައިޑް ބޮޑީ ޖެޓް އޮޕަރޭޓްކުރާ އެއާލައިނެވެ. އަދި ޕެސެންޖަރުންނާއި ފްރައިޓް އުފުލުމުގައި ދުނިޔޭގެ ހަތަރު ވަނަ އަހަށް އެންމެ ބޮޑު އެއާލައިނެވެ. ދުބާއީ އެއާޕޯޓަކީ މިދިޔަ އަހަރު އެންމެ ގިނަ ޕެސެންޖަރުން ދަތުރުކުރި އެއާޕޯޓެވެ.