ރާއްޖެ އަށް އެއް މިލިއަން ޓޫރިސްޓުން އަތުވެއްޖެ

ރާއްޖެ އަށް މި އަހަރު އައި ޓޫރިސްޓުންގެ އަދަދު އެއް މިލިއަނަށް އަރައިފި އެވެ.


މި އަހަރު އެއް މިލިއަން ވަނަ އަށް ރާއްޖެ އައި ޓޫރިސްޓްގެ ޝަރަފް ލިބުނީ މިއަދު މެންދުރުފަހު 12:45 ގައި ޖެއްސި އެއާ އިންޑިއާގެ ފްލައިޓުން އައި އިންޑިއާގެ ދެމަފިރިއަކަށެވެ.

ބެންގަލޫރުން އައި އަލީ އަސްގަރު ގޮދުރަވާލަ އާއި އޭނާގެ އަންހެނުން އަލީފިޔާ މާޗެންޓަށް މަރުހަބާ ކިޔުމަށް އެއާޕޯޓުގެ ވީއައިޕީ ލައުންޖްގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. އެގޮތުން ބޮޑުބެރު ފަދަ ސަގާފީ ހަރަކާތްތައް ހުށަހެޅި އެވެ. ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާ ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި އެ ދެމަފިރިންނަށް ވަނީ ވަރަށް ފަހުން ހުޅުވި ހުރަވަޅި ރިސޯޓުގައި އަށް ދުވަހު ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތާއި އެހެން ބައެއް ހަދިޔާ ވެސް ދީފަ އެވެ.

ރާއްޖެ އައި އެއް މިލިއަން ވަނަ ޓޫރިސްޓްގެ ޝަރަފް ލިބުނު އިންޑިއާގެ ދެމަފިރިންނަށް މިއަދު އެއާޕޯޓުން މަރުހަބާ ކިޔަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިންޑިއާގެ ގުޖުރާތަށް އުފަން ދެމަފިރިންގެ ތެރެއިން އަލީ ނޫސްވެރިންނަށް ބުނި ގޮތުގައި ފަސް އަހަރު ވަންދެން އެންގޭޖް ވެގެން އުޅުނު އިރު އަބަދު ވެސް ރާވަމުން ދިޔައީ ހަނީމޫނަށް ރާއްޖެ ދިޔުމަށެވެ. އަބަދު ވެސް ދާން ބޭނުންވާ މަންޒިލަށް އަލަށް އާދެވުމުން ލިބޭ ބޮޑު އުފާ، މިހާ ބޮޑު ޝަރަފެއް ލިބުމުން އެތައް ގުނައަކަށް އިތުރުވެފައިވާ ކަމަށް އޭނާ ބުންޏެވެ.

"މިއީ ވަރަށް ބޮޑު ސަޕްރައިޒެއް. ވަރަށް އުފާވެއްޖެ. އަދިވެސް ރާއްޖެ އަންނަން ބޭނުން،" އަލީ ބުންޏެވެ.

ރާއްޖެ އައި އެއް މިލިއަން ވަނަ ޓޫރިސްޓްގެ ޝަރަފް ލިބުނު އިންޑިއާގެ ދެމަފިރިން މިއަދު އެއާޕޯޓުގައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖެ އަށް އެއް މިލިއަން ޓޫރިސްޓުން ހަމަވި އިރު މި ދުވަސްވަރު ވަނީ ޓޫރިޒަމް ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. އެގޮތުން، ކުރިން ގާތްގަނޑަކަށް އަހަރަކު ހަ ޕަސެންޓުގައި ކުރިއަރަމުން ދިޔަ މި ސިނާއަތް މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ކުރިއަރާފައި ވަނީ، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، 1.8 ޕަސެންޓުގަ އެވެ.

މި އަހަރު 1.5 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ކުރިން ލަފާކުރި ނަމަވެސް ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާ މާކެޓް ވަރަށް ބޮޑަށް ދަށްވުމުން މިދިޔަ އަހަރެކޭ އެއްވަރަށް 1.4 މިލިއަން ޓޫރިސްޓުން ގެންނަން މިހާރު ވަނީ އަމާޒު ހިފާފަ އެވެ.

އަންނަ އަހަރު ރާއްޖޭގެ ޓޫރިޒަމް ރަނގަޅުކޮށް، ޓޫރިސްޓުންގެ އަދަދު އިތުރުކުރުމަށް ގިނަ މަސައްކަތަކެއް ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އަންނަނީ ކުރަމުންނެވެ. އެގޮތުން ގިނަ ފެއާތަކެއްގައި ބައިވެރިވުމާއި ރާއްޖޭގައި ބައިނަލްއަގުވާމީ ޓޫރިޒަމް ފެއާއެއް ބޭއްވުމުގެ އިތުރުން ޓޫރިޒަމް އިޝްތިހާރު ކުރުމަށް ގެންގުޅޭ އުސޫލް ބަދަލުކުރުން ހިމެނެ އެވެ.