ރާއްޖެ އައި ޓޫރިސްޓުންތަކެއް މަގުމަތީގައި ހިނގާފައި ދަނީ
22 މެއި 2020 - 23:34
ޓޫރިސްޓުން ރާއްޖެ އަށް އަލުން އަންނަ އިރު ކޮވިޑް ޓެކްސްގެ ގޮތުގައި ދުވާލަކަށް އަށް ޑޮލަރު ނަގަން ލަފާދޭން ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ނިންމައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އެކުލަވައިލާފައިވާ ސޭފް ޓުރިޒަމް ގައިޑްލައިންގެ ފުރަތަމަ ޑްރާފްޓަށް ހިޔާލު ހޯދަން މަޖިލީހަށް ވަނީ ފޮނުވައިފަ އެވެ. މި ގައިޑްލައިނާ ގުޅޭ ގޮތުން އިގްތިސާދީ ކޮމިޓީގައި މިއަދު މަޝްވަރާތައް ކުރިއަށް ގެންދިޔަ އެވެ.
މިގޮތަށް ޓެކްސްއެއް ނަގަން ކޮމިޓީ އަށް ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ.
އޭނާ ވިދާޅުވީ، ސަރުކާރުން ކޮވިޑް-19 ގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން ވިޔަފާރިތަކާއި އާންމުންނަށް ބޮޑު އެހީތަކެއް ސަރުކާރުން ދެމުން އަންނަ އިރު އެކަމަށް ފައިސާ ހޯދުމުގައި އިތުރު ޓެކްސްއެއް ނެގުން މުހިއްމު ކަމަށެވެ.
"ހުރިހާ ކަމެއް ކުރަމުން، ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ ސިއްހީ ކަމެއް ބަލަމުން މި ހުރިހާ ކަމެއް ކުރުމަކީ ދިވެހި ދައުލަތަށް ކުޅަދާނަ ކަމެއް ނޫން. އަދި އެއްވެސް ދައުލަތަކަށް ކުޅަދާނެ ކަމެއް ނޫން އެއީ. އެހެންވީމަ އަޅުގަނޑު ހުށަހަޅަން ފައިނަލް ޑްރާފްޓް އަންނަ އިރު ޓެކްސްއެއް ނެގުމުގެ ވިސްނުން ގެންގުޅެން،" އޭނާ ވިދާޅުވި އެވެ.
ބޮންޑޭގެ ހުށަހެޅުން ވަކިން ބަލައިގަތުމުގެ ބަދަލުގައި ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދު ހުށަހަޅުއްވާފައިވާ، ކޮމިޓީގެ ހުރިހާ މެންބަރުންގެ ހިޔާލަތުތައް ހިމެނޭ ކޮމެންޓްތައް ޓޫރިޒަމް މިނިސްޓްރީއާ ހިއްސާކުރުމަށް ނިންމި ނިންމުން ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. އިސްމާއިލް ވިދާޅުވީ، މިއީ ޓޫރިޒަމް މިނިސްޓްރީން ހުށަހަޅާފައިވާ ފުރަތަމަ ޑްރާފްޓް ކަމަށް ވާތީ، ހުރިހާ ސްޓޭކްހޯލްޑަރުންނާއި ކޮމިޓީން ކޮންމެހެން ބައްދަލުކުރުން މުހިއްމު ނޫން ކަމަށެވެ. އަދި ދިރާސާކުރުމަށް ދީފައިވާ މުއްދަތު، މިމަހުގެ 25 އަށް ހަމަވާއިރު އެއީ ފުޅާ ދާއިރާއެއްގައި ދިރާސާކުރުމަށް ކުރު މުއްދަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެން މެންބަރުން ވެސް ވަނީ މަޖިލީހަށް ގައިޑްލައިންގެ ފައިނަލް ކޮޕީއެއް ލިބުމުން އެކަމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުން މުހިއްމުކަން ފާހަގަކޮށް، މިވަގުތަށް ކޮމިޓީގެ ކޮމެންޓެއްގެ ގޮތުގައި މެންބަރުންގެ ހިޔާލުތައް ފޮނުވުމަށް ތާއީދުކޮށްފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން އެކުލަވާލައިފައިވާ ގައިޑްލައިންގައިވާ ކަންތައްތަކާ ގުޅޭ ގޮތުން ޓޫރިޒަމް މިިނިސްޓަރު އަލީ ވަހީދު ގެންދަވަނީ އެ އިންޑަސްޓްރީގެ ސްޓޭކް ހޯލްޑަރުންނާ މަޝްވަރާ ކުރައްވަމުންނެވެ. އެގޮތުން ހުރިހާ ސްޓޭކް ހޯލްޑަރުން ހިމެނޭހެން މިދިޔަ ބުދަ ދުވަހު އޮންލައިން ބައްދަލުވުމެއް ބާއްވާފައިވާއިރު ރޭ ވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި އެމްއޭސީއެލް އަދި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ އަދި އެމްއެމްޕީއާރުސީއާ ބައްދަލުކުރައްވައިފަ އެވެ.
ފައިނަލް ޑްރާފްޓެއް އެކުލަވައިނުލި ނަމަވެސް މިވަގުތަށް އާންމުކޮށްފައި އޮތް ގައިޑްލައިންގައި ހުރި ފީތައް ނުނަގަން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ރާއްޖެ އަށް އަންނަ ޕްރައިވެޓް ޖެޓްތަކާއި ޗާޓާޑް ފްލައިޓްތައް ޖެއްސުމަށް ފީއެއްގެ ގޮތުގައި 50،000 ޑޮލަރު ނެގުމާއި ރާއްޖެ އަންނަ ޓޫރިސްޓުންގެ އަތުން ހާއްސަ ވިސާ ފީއެއްގެ ގޮތުގައި 100 ޑޮލަރާއި ކޮވިޑަށް ޓެސްޓް ކުރުމަށް ކޮންމެ މީހަކަށް 100 ޑޮލަރު ނަގަން އޮތް އޮތުން ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީގ
23 May 2020
ތިބުނާ ޓެކްސް އެއް ނެގިޔަސް ކޮވިޑް ޓެކްސްނޫން އެހެންނަމެއް ކިއްޔާ ކިތަންމެހާވެސް ރަނގަޅު.
އަހައްމާކަލޯ
23 May 2020
ފާޑުފާޑުގެ އިތުރު ޓެކްސްއާ ފީތަށް ޓުއަރިސްޓުން އަތުން ނަގަން ހުވަފެނުގަ ތިބޭ. ތިހުރިހާ ޓެކްސް ތަކެއް ދައްކާފަ ދިވެހި ރާއްޖެއަށް އަންނާނެ ބައެއް ނުތިބޭނެ. ދުނިޔޭގެ ގައުމުތަކުން ޓުއަރިސްޓުންނަށް އާދޭސް އެކުރަނީ އެގައުމުތަކަށް ދޭތޯ. ހެހެހެ. މިމީހުން ހީކުރަނީ ރާއްޖެ އަށް މީހުން އަންނަނީ އެހެން ތަނަކަށް ދެވެން ނެތިގެންހެން. އެކިނަންނަމުގަ ޓެކްސް ނަގާ ޗުއްޓީގެ އަގު ބޮޑު ކުރިވަރަކަށް އަންނަ މީހުން މަދުވާނެ. ބޮޑުމުސާރަ ނަގައިގެން ތިބޭ. ވ.ސަލާމް.
ހަސަންމަނިކުފާނު
23 May 2020
ކޮވިޑް ޓެސްޓުކުރުމަށް ހަރަދުވަނީ ކިހާވަރެއްތޯ ބަލާފަ އެއަދަދެއް ކަނޑައަޅަން އަޅުގަނޑަށް ވަރަށް ފެނޭ!
ޖަޒީރާމަނިކު
23 May 2020
ތިވަރު މާމަދުވާނެ. 30ޑޮލަރަށް ބަދަލުކުރޭ.
ކޮވިޑޭ-20
23 May 2020
ދައުލަތުގެ ޙަރަދު ކުޑަކުރަން އެންމެ ރަނގަޅު ގޮތަކީ ރާއްޖޭގެ މަހާ މަޖްލިސް (އިއްޒަތްތެރި މަޖްލިސް) ރައްޔިތުންގެ މަޖްލިސް އުވާލާފަ ރާއްޖޭގެ ކޮންމެ އަތޮޅަކަށް 2 މެމްބަރުންް ހަމަޖެއްސުން، މަޖްލިސް މެމެބަރުންގެ އަދަދު އިތުރުވުމަކުން ލިބުނު ފާއިދާއެއް ނެތް! މިހާރު ތިބި މީހުން މާމޮޅު ވާހަކަ ދައްކަން ހަދައިގެން މޮޔަގޮވޭ އިރުވެސް ނޭގޭ.....
އަބަދު ނަގާވާހަކަ
23 May 2020
އެއްޗެއްނުނަގާ ހަމަނުނިދިވެސް ނުނިދެނީތައް؟ އެކައްޗެއްވެސް ނަގާކަށް ނުޖެހޭ ފުރަތަމަ މިހާލަތުން އަރައިގަންނަން ތިނަގަން ޖެހޭ އެއްޗިހީގެ ވާހަކަ ނުދައްކަ ބަލަ ހާލާތު ރަގަޅުވާއިރަށް ތިނަގަން ޖެހޭ އެތިވަރުތައް ނަގަން އުޅެބަލަ މިއަދު ބޭނުންވަނީ އިގްތިސާދީ ގޮތުން ހަރަކާތް ތެރިވާނެ ބޮޑުއާބާދީއެއް އުފައްދަން ވިޔަފާރިތަކަށް ނޭވާ ލެވޭނެ ގޮތް ހަދައި ދިނުން އަންނަ ތިބި މީހުން ހިތްމަޖެހޭ ކަލަ ހުށަހެޅުންތަކެއް އެމީހުންނަށް ދިނުން އޭރުން އެމީހުން އަންނާނީ
އުދުހޭ
23 May 2020
ޓޫރިޒަމްގެ އެއްވެސް ތަޖުރިބާއެއް ނެތް ބަޔަކު ޓޫރިޒަމް ބައްޓަންކުރަން ގޮތް ކަނޑައެޅުމަކީ ރަގަޅު ގޮތެއްނޫން. ހީވާކަހަލަ ޓޫރިސްޓުން ރާއްޖެއައުމަށް ފިތިބާރުވެފައިވާ ކަމަށް. ދޮރު ހުޅުވާލާއިރަށް ރާސްލާފައި ނުހިފެހެއްޓޭވަރަށް މީހުންތަށް އެތެރެވާން އެބައޮތޭ. ނިދިން ހޭލާ!!! ފޮލާ ކާލާ އަމިއްލައަށް.
އެއްކަލަ ސޮރު
23 May 2020
ޒުވާނާ މެންގެ ދެކޮޅު ނުޖެހޭ ވާހަކައަށް މިހާރުވެސް ތިއޮތީ މަޖިލިހުން ސާވިސް ޗާޖް ގާނޫނަކަށް ހަދާފަ . ހަގީގަތުގަ ސާވިސް ޗާޖަކީ އެއީ ޓިޕްސް. މިހާރު ތިއުޅެނީ 15% ޓިޕްސް ދިނުމަކީ ގާނޫނަކަށް ފާސްކުރުވަން. ރިސޯޓްބޯއިންނޭ މަޖިލިސް ލައްވާ މޮޔަ ނު ހައްދާ،
ހަހަސަނާ
23 May 2020
އިތުރު ޓެކްސްތައް މިހާރު ނެގުމަކީ އިގްތިސާދު ފުޑާލުން. އަތުގައިނެތްލާރި އަކުން ވައުދުތައް ނުފުއްދަދިނަސް އަހަރެމެނަށް އޯކޭ! ސަރުކާރުގެ ހަރަދުތައް ކުރެވޭނެ ފިޔަފަޅުތައް އަޅަންވީ އިތުރަށް ދަަރަނި ބޮޑުނުކޮށް
އައްޔު
23 May 2020
ދުނިޔޭގައި މީހުން ކޮށް ނޫޅޭ ސޭކް ކަންތައް ކުރަން ނޫޅެބަލަ، ކޮން ކޮވިޑް ޓެކްސް އެއްތަ؟ ތިމާމެންގެ ސޭކް ކަމާ ޕައިރޭޓް އިން ކަން އެހެން މީހުންނަށް ހާމަކުރަން ނޫޅެބަލަ، ޓެކްސް އެކޭ ނުކިޔަކަސް ޓެސްޓެއް ހަދައިފިއްޔާ އޭގެ ހަމަ އަގު ގެސްޓްމީހާ އަށް ޗާރޖްކުރެވިދާނެ 'މަޖްލިސްތެރެއިން ނުނިންމިޔަކަސް'