ކަރަންޓު ބިލުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

މިދިޔަ މަހުގެ ކަރަންޓު ބިލްތައް އާދަޔާ ހިލާފަށް ބޮޑުވެފައިވާތީ އެ މައްސަލަ ބަލައިދިނުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.


މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ރޭގެ ވަގުތެއްގައި މީކާއިލް ފޮނުއްވި ސިޓީގައި ބުނެފަައިވަނީ ކަރަންޓު ބިލް ބޮޑުވުމުގެ ޝަކުވާތައް އެ ދާއިރާގެ ރައްޔިތުންގެ ފަަރާތުން ލިބެމުންދާ ކަމަށެވެ. އަދި ލޮކްޑައުންގެ ކުރީގެ މަސްތަކާ އަޅާ ބަލާއިރު ވެސް މިދިޔަ މަހުގެ ބިލް ބޮޑުކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް މީކާއިލް ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން މި ދުވަސްވަރަކީ ރައްޔިތުންނަށް މާލީ ގޮތުން ދަތި ދުވަސްވަރަކަށް ވެފައި ކަރަންޓު ބިލް ބޮަޑުވި ސަބަބެއް ބަލަން ޖެހޭ ކަމަށް ވެސް މީކާއިލް ވަނީ ސިޓީގައި ވިދާޅުވެފަ އެވެ. އެގޮތުން މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީ (އެސްއޯއީ ކޮމިޓީ) އިން ސްޓެލްކޯ ޖަވާބުދާރީ ކޮށްދިނުމަށް އޭނާ އެދިވަޑައިގަންނަވަ އެވެ.

މިދިޔަ މަހުގެ ކަރަންޓު ބިލް ކުރީ މަސްތަކާ އަޅާ ބަލާއިރު ދެ ގުނަ އަށް ބޮޑުވެފައިވާތީ އެކަމުގެ ޝަކުވާތައް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ސްޓެލްކޯއިން ބުނިގޮތުގައި މިދިޔަ މަހުގެ ބިލް ބޮޑު ކަމަށް ދައްކަނީ އޭޕްރިލް އަދި މެއި މަހު ސަރުކާރުން ދިން ސަބްސިޑީ މިދިޔަ މަހު ނުލިބޭތީ އެވެ. އަދި އެހެން މަސްތަކާ އަޅާ ބަލާއިރު ލޮކްޑައުންގައި ތިބެން ޖެހުމުން ފާއިތުވި ތިން މަހު ކަރަންޓު ބޭނުން ކުރި ވަރު އިތުރުވެފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.