ކުކޫން މޯލްޑިވްސް--
06 ޖުލައި 2020 - 19:57
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ސަރުކާރުން ދީފައިވާ ލުޔާއެކު، މި މަހުގެ 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވައިލާއިރު، ފުރަތަމަ ފަހަރު ވެސް 42 ރިސޯޓެއް އަލުން ހިންގަން ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން އާންމުކުރި، ލިސްޓުގައިވާ ގޮތުން، ކޮވިޑް-19 ގެ އެންމެ ސީރިއަސް ހާލަތުގައި ވެސް އަށް ރިސޯޓަކުން އައީ ހިދުމަތް ދެމުންނެވެ. އެ އަށް ރިސޯޓުގެ އިތުރުން މި މަހުގެ ތެރޭގައި 34 ރިސޯޓަކުން އަލުން ޚިދުމަތް ފަށާނެ ކަމަަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ. އޭގެ ތެރެއިން ގިނަ ތަންތަން ހުޅުވާނީ މި މަހުގެ 15 ގަ އެވެ.
އެ ތާރީޚުގައި އަލުން ޚިދުމަތަށް ނުކުންނަ ރިސޯޓުތަކުގެ ތެރޭގައި ވަން އެންޑް އޮންލީ ރީތި ރަށާއި ސައި ލެގޫން އާއި ސޮނޭވާ ޖާނީ އާއި ތާޖްގެ ދެ ރިސޯޓެއްގެ އިތުރުން ޕެރެޑައިސް އާއި ކުކޫން ފަދަ ތަންތަން ވެސް ހިމެނެ އެވެ.
ކޮވިޑް-19 ގެ އެންމެ ސީރިއަސް ވަގުތު، ބަންދު ނުކޮށް ޓޫރިސްޓުންނަށް ޚިދުމަތް ދެމުން އައީ ފޯ ސީޒަން ލަނޑާގިރާވަރާއި ފޯ ސީޒަން ޕްރައިވެޓް އައިލެންޑް އެޓް ވޯވަށާއި ސޮނޭވާފުއްޓާއި ލިލީ ރިސޯޓު ބީޗާއި ލަކްސް ނޯތު މާލެ އެޓޯލް އާއި ވެލާ ޕްރައިވެޓް އައިލެންޑާއި އަންގްސާނާ ރިސޯޓު އެންޑް ސްޕާ އާއި ހެލެނގެލި ރިސޯޓެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނިގޮތުގައި، އިތުރު 25 ރިސޯޓެއް ވެސް އަންނަ އޮގަސްޓު މަހު އަލުން ހުޅުވާނެ އެވެ. ސެޕްޓެމްބަރު މަހު 28 ރިސޯޓެއް، އޮކްޓޫބަރުގައި 47 ރިސޯޓަކުން އަލުން ޚިދުމަތް ފަށަން ވަނީ ރާވައިފަ އެވެ. ބާކީ ރިސޯޓުތައް އަލުން ހުޅުވާނީ އަންނަ އަހަރެވެ.
މި އަހަރުގެ މާޗު 7 ގައި ރާއްޖެ އިން ކޮވިޑް-19 ފެނުމުގެ ކުރިން 157 ރިސޯޓެއް ދިޔައީ ހިންގަމުންނެވެ.
ކޮވިޑް-19 ގެ އެންމެ ސީރިއަސް ވަގުތު، ބަންދު ނުކޮށް ޓޫރިސްޓުންނަށް ޚިދުމަތް ދެމުން އައީ ފޯ ސީޒަން ލަނޑާގިރާވަރާއި ފޯ ސީޒަން ޕްރައިވެޓް އައިލެންޑް އެޓް ވޯވަށާއި ސޮނޭވާފުއްޓާއި ލިލީ ރިސޯޓު ބީޗާއި ލަކްސް ނޯތު މާލެ އެޓޯލް އާއި ވެލާ ޕްރައިވެޓް އައިލެންޑާއި އަންގްސާނާ ރިސޯޓު އެންޑް ސްޕާ އާއި ހެލެނގެލި ރިސޯޓެވެ.
ޓޫރިޒަމް މިނިސްޓްރީގެ ލިސްޓުގައިވާ ގޮތުން، ކްރައުން އެންޑް ޗަމްޕާގެ ގިނަ ރިސޯޓުތައް ހުޅުވާނީ ސެޕްޓެމްބަރު މަހު އެވެ. ޔުނިވާސަލްގެ ރިސޯޓުތަކުން އޮޕަރޭޝަން އަލުން ފަށާނީ އޮކްޓޫބަރުގަ އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރީ މާޗް 27 ގަ އެވެ. އެ އަށް ފަހު އަލުން ބޯޑަރު ހުޅުވާނެ ތާރީޚެއް ރައީސް އިބްރާހިމް މުހައްމަދު އިއުލާނު ކުރެއްވީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. ބޯޑަރު ހުޅުވާލައި ދުވަސް އެނގި ރިސޯޓުތައް ހުޅުވުމުގެ ތައްޔާރީތަކަށް އެންމެ މަދުވެގެން ވެސް މަހެއްހާ ދުވަސް ބޭނުންވާނެ ކަމަށް ރިސޯޓުތައް ހިންގާ ފަރާތްތަކުން ބުނެ އެވެ. މިއީ ބުކިންތައް ކަށަވަރުކޮށް، ޕެކޭޖުތައް އިއުލާނުކޮށް، ރިސޯޓުތައް ޕްރޮމޯޓް ކުރުމަށާއި ރިސޯޓުތަކުގެ އޮޕަރޭޝަނަށް ވާން ޖެހޭ ތައްޔާރީތައް ވާން ހޭދަވާ މުއްދަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލާމަސީލު
07 July 2020
ގަވާއިދުގައި ވާގޮތަށް ރިސޯރޓްގެ މުވައްޒަފުންގެ %60 ތިބީ ދިވެހިން ނޫންކަމުގައި ވާނަމަ ތިރިސޯރޓްތައް ހުޅުވަން ހުއްދަދިން ޓުއަރިޒަމް މިނިސްޓްރީގެ އިސް މީހުންނަށް ގާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދޭންޖެހޭނެ.