ޖިންސީ ގޯނާގެ މައްސަލަ ބެލޭނެ މާހައުލެއް ނެތުމުން ގެސްޓު ހައުސް އެސޯސިއޭޝަންގެ ރައީސް އިސްތިއުފާ ދެއްވައިފި

ޖިންސީ ގޯނާގެ މައްސަލަތައް ބެލޭނެ މާހައުލެއް ނެތް ކަމަށް ވިދާޅުވެ، ގެސްޓު ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް)ގެ ރައީސް ކަމުގެ މަގާމުން މޫސާ ނާސިހު އިއްޔެ އިސްތިއުފާ ދެއްވައިފި އެވެ.


ނާސިހު "މިހާރު" އަށް މިއަދު ވިދާޅުވީ އެ އެސޯސިއޭޝަންގެ އިދާރީބައިގައި މަސައްކަތް ކުރާ އަންހެނަކަށް، ސިޔާސީ ނުފޫޒު އޮތް މީހަކު މިދިޔަ މަހުގެ 23 ގައި މަސައްކަތުގެ މާހައުލުގައި ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު، އެ މައްސަލަ ބަލަން އިންޓާނަލް ކޮމިޓީން ފާސްކޮށް، ހިންގާ ކޮމިޓީއާ ހަވާލު ކުރުމުން މައްސަލަ ރައްދުވާ މީހާ ނުފޫޒުގެ ބޭނުން ކޮށްގެން މައްސަލަ ހިންދާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ނާސިހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ އަންހެން މީހާ އަށް ޖިންސީ ގޯނާ ކޮށްފައިވަނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރެކެވެ.

"އަޅުގަނޑު އަމިއްލަ އަށް ވެސް ވިކްޓިމްއާ ވާހަކަ ދެއްކިން. ހުރިހާ ހެކިތައް ވެސް އިޝާރާތް ކުރަނީ ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް. ނަމަވެސް އަނިޔާ ކުރި މީހާ އަކީ ސިޔާސީި ނުފޫޒު އޮންނަ މީހަކަށް ވުމުން އެކްސްކޯ އިން އެ މައްސަލަ ބެލުނަ ނުދޭން ވަރަށް ބޮޑަށް މަސައްކަތް އެބަކުރޭ،" ނާސިހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ފަދަ މައްސަލަތައް މިނިވަން ކަމާއެކު ގޭމްގެ ހިންގާ ކޮމިޓީން ބެލޭނެ މާހައުލެއް ނެތުމަކީ އެ އެސޯސިއޭޝަންގެ އަގުވެއްޓޭނެ ސަބަބެއް ކަމަށެވެ. ޚާއްސަކޮށް ޖަމިއްޔާގެ ރައީސްގެ މަގާމުގައި ހުންނަވައިގެން އެފަދަ އެއްވެސް ފުރުސަތެއް ދޭން ބޭނުން ނުވާތީ އިސްތިއުފާ ދެއްވީ ކަމަށް ވިދާޅުވި އެވެ.

މަސައްކަތުގެ މާހައުލުގައި ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ރާއްޖޭގައި އިތުރުވަމުން ދާއިރު، މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލަތަކެއްގެ ތުހުމަތުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މަގާމުން އިސްތިއުފާ ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަންގަވައިފަ އެވެ.

ނަމަވެސް އަލީ ވަހީދު އަދި އިސްތިއުފާއެއް ނުދެއްވަ އެވެ. އެކަމަކު، އަލީ ވަހީދަށް ކުރެވޭ ތުހުމަތުގެ މައްސަލަތައް ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.