އައިފޯނާއި އައިޕެޑުން މިހާރު ސްކައިފް ކޯލްގެ ބެކްގްރައުންޑް ފުސްކޮށްލެވޭނެ

ފޯނު ނުވަތަ އައިޕެޑުން ސްކައިޕް ވީޑިއޯ ކޯލެއް ކުރާ ނަމަ ބެކްގްރައުންޑްގެ މަންޒަރުތައް ފާޅުނުވާނެ ނަމައޭ ހިތަށް އަރާ ހެއްޔެވެ؟


އައިފޯނާއި އައިޕެޑްގައި ސްކައިޕް ބޭނުންކުރާ ނަމަ މިހާރު ފަހަތް ފުސްކޮށްލެވޭނެ އެވެ. މިހާރު ސްކައިޕް ކޯލެއްގައި އިންނަ އިރު، މައިގަނޑު ފޯކަސް އިންނާނީ ތިމާއަށެވެ. ފަހަތުގެ މަންޒަރުތައް ހުންނާނީ ފުސްކޮށެވެ. މި ފީޗާ އަށް ސްކައިޕް އައިއޯސްގައި އަޕްޑޭޓްކޮށްލާށެވެ.

މައިކްރޮސޮފްޓުން އާޓިފިޝަލް އިންޓެލިންސް (އޭއައި) ގެ އެހީގައި ސްކައިޕަށް މި ބަދަލު އެންމެ ފުރަތަމަ ގެނައީ މިދިޔަ އަހަރު ޑެސްކްޓޮޕް ވާޝަނަށެވެ. ދާދި ފަހުން މައިކްރޮސޮފްޓުން ވަނީ އެތަނުގެ ޓީމްސް އަށް ވެސް މި ފީޗާ ގެނެސްފަ އެވެ.

ނަމަވެސް އެންޑްރޮއިޑް ޑިވައިސްތަކަށް ސްކައިޕްގެ ބެކްގްރައުންޑް ފުސްކޮށްލެވޭ ފީޗާ އަންނާނެ އިރެއް ނޭނގެ އެވެ.

ރިޕޯތައް ބުނާގޮތުން ގޫގުލް އިން މިހާރު ގޫގުލް މީޓަަށް ވެސް މި ފީޗާ ގެންނަން ތައްޔާރުވަމުންނެވެ.

ވީޑިއޯ ކޮންފަރެންސިން އެޕްތަކަކީ ކޮވިޑް-19 ދިމާކޮށް ވަރަށް ގިނަ ބަޔަކު އެކި ކަންކަމަށް މިހާރު ބޭނުންކުރާ ވަސީލަތެކެވެ. އެގޮތުން އޮފީސް މަސައްކަތްތަކާއި މުހިއްމު ބައްދަލުވުންތަކާއި ކިޔަވައި ދިނުން ފަދަ ކަމަށް މީގެ ބޭނުން މިހާރު ވަރަށް ބޮޑެވެ.