ޖަލީލުގެ މުހިންމު މެސެޖެއް: ހާލަތު ބަދަލު ކުރުމަށް ލޯނު ނެގުން ހުއްޓާލާ!

ރާއްޖޭގެ އިގްތިސާދީ ހާލަތު ބަދަލު ކުރެވޭނީ ދިގު ދެމިގެންމިދާ ދަރަނި ނެގުމުގެ ސަގާފަތް ހުއްޓާލައިގެން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު މުހައްމަދު ޖަލީލު މިއަދު ވިދާޅުވެއްޖެ އެވެ.


ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯއީސް (އެންއެފްއެމްއީ) އިން ބޭއްވި ވެބިނާގައި، އެމްއެމްއޭގެ ކުރީގެ ގަވަރުނަރު މުހައްމަދު ޖަލީލު ވިދާޅުވީ، މިދިޔަ 40 އަހަރުގެ ތެރޭގައި 16 "އިކޮނޮމިކް ޝޮކް" ކުރިމަތިވި ކަމަށެވެ. މިފަދަ ޝޮކްތަކުން އަރައިގަތުމަށްޓަކައި ކޮންމެ ފަހަރަކު ވެސް އެތައް މިލިއަން ޑޮލަރެއްގެ ލޯނު ބޭރުގެ މާލީ އިދާރާތަކުން ނަގާ ކަމަށާއި އެކަން އެގޮތަށް ކުރުމުގެ ސަބަބުން ދަރަނި އިންތިހާ އަށް ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިކަން އާދައަކަށް ވެ، އިގްތިސާދު ކުރިއަރުވައި މާލިއްޔަތު އިތުރު ކުރުމުގައި އިތުރު ގޮތްތަކެއް ވެސް ހޯދިފައިނުވާ ކަމަށް ޖަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޒިންމާދާރުކަމާ އެކު މާލިއްޔަތު ބެލެހެއްޓުން ނުވަތަ ފިސްކަލް ރެސްޕޮންސިބިލިޓީއެއް ނެތުމަކީ އިގްތިސާދަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ. މިކަން ބަދަލުވެގެން ނޫނީ، އިންވެސްޓްމެންޓްތައް އިތުރުކޮށް، ޕެންޝަން ފަންޑުން ލިބޭ ފައިދާ ފުޅާ ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

"މިކަން ހައްލު ކުރެވޭނީ ސަރުކާރާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ވެސް ފިސްކަލް ރެސްޕޮންސިބިލިޓީގެ މުހިއްމުކަން ދަނެ އެކަމަށް މަސައްކަތް ކުރުމުން،" ކުރިން ފިނޭންސް މިނިސްޓަރުކަމުގެ އިތުރުން އިކޮނޮމިކް މިނިސްޓަރުކަން އަދި އެންމެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފިނޭންސް މިނިސްޓްރީގެ ސީނިއާ އެޑްވައިޒަރުކަން ވެސް ކުރެއްވި ޖަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީި ގޮތުގައި، މާލިއްޔަތު ބެލެހެއްޓުމުގައި ނުވަތަ ހަރަދުތައް މެނޭޖް ކުރުމުގައި ރަނގަޅު އުސޫލުތަކެއް ބޭނުންވާ އިރު މިދިޔަ 12 އަހަރުގައި އަބަދުވެސް ފެނުނީ އަހަރުން އަހަރަށް ދަރަނި ބޮޑުވަމުން ދިޔަ ތަނެވެ. ދަރަނި ކުޑަ ކުރުމަށްޓަކައި އެއްވެސް ވަރަކަށް ޕްލޭނެއް ހެދި، އެއަށް އަމަލު ކުރާ މަންޒަރެއް އެއްވެސް ސަރުކާރުން ނުފެންނަ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިކަން ހައްލު ކުރެވޭނީ ސަރުކާރާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ވެސް ފިސްކަލް ރެސްޕޮންސިބިލިޓީގެ މުހިއްމުކަން ދަނެ އެކަމަށް މަސައްކަތް ކުރުމުން،"--- ޖަލީލް

"އަޅުގަނޑެއް ނުދެކެއް އެއްވެސް ސަރުކަރުގެ ޑޮކިއުމެންޓެއްގައި ދަރަނީގެ މިންވަރު ޖީޑީޕީގެ 60 ޕަސެންޓަށް ކުޑަ ކުރަން ވިސްނައި އެކަން ހާސިލު ކުރަން މަސައްކަތް ކުރާނެކަން ލިޔެފައި އޮތް ތަނެއް. ނުވަތަ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭ ޖީޑީޕީގެ 60 ޕަސެންޓަށް ދަރަނި އަރާނެ ކަމަށް ލަފާކޮށް އެފަދަ ޕްލޭނެއް ވެސް ފެންނާކަށް ނެތް،" ޖަލީލް ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ދައުލަތުން ވަނީ ބޭރުގެ މާލީ އިދާރާތަކުން ލޯނުތައް ނަގަން މަޖުބޫރުވެފަ އެވެ.

މި އަހަރު ނިމޭ އިރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންވަރު 79 ޕަސެންޓަށް އަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެ އެވެ. މީގެ އިތުރުން ދައުލަތުގެ ދަރަންޏާއި ދައުލަތުން އެކި ލޯންތަކަށް ދީފައިވާ ގެރެންޓީއާ އެކު ދަރަނީގެ މިންވަރު އުފެއްދުންތެރިކަމުގެ ނިސްބަތުން ހުންނާނީ 93.8 ޕަސެންޓްގައި ކަމަށް ވެސް ވޯލްޑް ބޭންކުން ބުނެ އެވެ. މިއަހަރު ނިމޭ އިރު ދައުލަތުގެ ދަރަނި 70 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ.

އިންވެސްޓަރުން ގެންނަން ރިޒާވް ރަނގަޅު ކުރަން ޖެހޭ

ޖަލީލް ވިދާޅުވީ، ދަރަނި އިންތިހާއަށް ބޮޑު އިރު ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ހޯދުމަށްޓަކައި ރާއްޖޭގެ ރިޒާވް ބޮޑުކުރަން ޖެހޭ ކަމަށެވެ. ރާއްޖޭގެ ޔޫޒަބަލް ރިޒާވް އެންމެ ބޮޑުވެގެން ވެސް އެވްރެޖްކޮށް ހުންނަނީ ހަތަރު މަހުގެ އިމްޕޯޓަށް ފުދޭވަރުގެ ފައިސާ އެވެ. އެހެން ނަމަވެސް މިއީ ކުޑަ އަދަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަލީލް ވިދާޅުވި ގޮތުގައި، ރާއްޖެ އަށް ވުރެ ކުދި އިގްތިސާދުތަކުގައި ވެސް މިއަށް ވުރެ ރަނގަޅު ރިޒާވްގެ އަދަދު އެބަހުއްޓެވެ. މޮރިޝަސް އާއި ސީޝެލްސް އާއި ބޫޓާން ފަދަ ގައުމުތަކުގައި ވެސް އަށް މަސް ދުވަހުގެ އިމްޕޯޓަށްވާ ފައިސާ ރިޒާވްގައި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެމްއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މެއި މަހު ޔޫޒަބަލް ރިޒާވް ހުރީ 200 މިލިއަން ޑޮލަރުގަ އެވެ. މިއީ މިދިޔަ 17 މަސް ދުވަހުގެ ތެރޭގައި ވެސް ދަށް ނުވާ ވަރެކެވެ.

"އަޅުގަނޑެއް ނުދެކެއް އެއްވެސް ސަރުކަރުގެ ޑޮކިއުމެންޓެއްގައި ދަރަނީގެ މިންވަރު ޖީޑީޕީގެ 60 ޕަސެންޓަށް ކުޑަ ކުރަން ވިސްނައި އެކަން ހާސިލު ކުރަން މަސައްކަތް ކުރާނެކަން ލިޔެފައި އޮތް ތަނެއް. ނުވަތަ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭ ޖީޑީޕީގެ 60 ޕަސެންޓަށް ދަރަނި އަރާނެ ކަމަށް ލަފާކޮށް އެފަދަ ޕްލޭނެއް ވެސް ފެންނާކަށް ނެތް،" --- ޖަލީލް

ޖަލީލް ވިދާޅުވީ، ބޭރުގެ އިންވެސްޓްމެންޓްތަކުގެ ގޮތުގައި ޑައިރެކްޓް އިންވެސްޓްމެންޓާއި ޕޯޓްފޯލިއޯ އިންވެސްޓްމަންޓް ހިމެނޭ އިރު ރާއްޖޭގައި ހަމަ އެކަނި ފެންނަނީ ޓޫރިޒަމް ސެކްޓާއަށް އަންނަ ޑައިރެކްޓް އިންވެސްޓްމަންޓްތައް ކަމަށެވެ. ނަމަވެސް ޕޯޓްފޯލިއޯ އިންވެސްޓްމަންޓްތަކަކީ ކުންފުނިތަކަށް އައިސް ބޭރުގެ ގިނަ ފަރާތްތަކެއްގެ އިންވެސްޓްމަންޓްތައް ފެންނާނެ ދާއިރާއަކަށްވާ އިރު ރާއްޖޭގެ އިގްތިސާދު ބައްޓަންކޮށްފައިވާ ގޮތުން އެފަދަ އިންވެސްޓްމަންޓްތަކަށް ފުރުސަތެއް ނެތް ކަމަށް ވިދާޅުވި އެވެ.

މިކަންކަން ބަދަލު ކުރަން މިހާރު ވެސް މާ ލަސްވެއްޖެ ކަމަށާއި އެހެން ނަމަވެސް މިކަން ބަދަލުކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ޖަލީލް ވިދާޅުވި އެވެ.

އިގްތިސާދީ ހާލަތު ބަދަލު ކުރުމުގައި އެންމެ ފުރިހަމަ ފިޔަވަޅުތައް ނޭޅޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ ވަނީ ދެމެހެއްޓެނިވި ތަރައްގީގެ މަތިން ހަނދާން ނައްތާލާފައިފަ އެވެ. ހަމައެކަނި މަސައްކަތް ކުރަނީ ކުރު މުއްދަތުގެ ހާލަތުން އަރައިގަތުމަށް ކަމަށް ވިދާޅުވި އެވެ. ނަމަވެސް ދުރު މުސްތަގްބަލްގެ ތަރައްގީ ހާސިލު ކުރަން މިކަން ބަދަލު ކުރަން ޖެހޭ ކަމަށް ޖަލީލް ވިދާޅުވި އެވެ.