ސަރުކާރުގެ ނިންމުން ބަދަލުވެ، ގެސްޓް ހައުސްތައް އަނެއްކާވެސް ބޮޑު ގެއްލުމަކާ ދިމާއަށް!

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ފިޔަވަޅެއްގެ ގޮތުން ގެސްޓް ހައުސްތައް ބަންދުކުރި ކުރުން ނިމުމަކަށް ގެނެސް އެ ތަންތަން އަލުން އޮޕަރޭޝަނަށް ނެރުން އަނެއްކާވެސް ކުއްލި ގޮތަކަށް އެއް މަހަށް ފަސް ކުރުމުން ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޖީއޭއެމް) އާއި ބައެއް ގެސްޓް ހައުސްތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.


މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިއުލާން ކުރެއްވި ގޮތުން ނަމަ ގެސްޓް ހައުސްތައް އަލުން ހުޅުވޭނެ ކަމަށް ލަފާކުރެވެނީ އަންނަ ސެޕްޓެމްބަރު މަހުގަ އެވެ. ސީދާ ތާރީޚެއް ކަނޑައެޅޭނީ މިނިސްޓަރު ވިދާޅުވި ގޮތުގައި ކޮވިޑް-19 ގެ ހާލަތު އޮގަސްޓް 15 ގައި މުރާޖައާ ކުރުމަށް ފަހު އެވެ.

އެކަމަކު، ސަރުކާރުން ކުރިން ކަނޑައަޅާފައިވާ ގޮތުން ނަމަ ގެސްޓް ހައުސްތައް އަލުން ހުޅުވާނީ އޮގަސްޓް 1 ގަ އެވެ.

ސަރުކާރުގެ ވިސްނުން ކުއްލި ގޮތަކަށް ބަދަލުވުމާ ގުޅިގެން، ގެސްޓް ހައުސް އެސޯސިއޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އޮގަސްޓް 1 ގައި ގެސްޓް ހައުސްތައް އަލުން ހުޅުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ އެސްއޯޕީގައި އޮތުމުން އެ ހަފުތާ އަށް ވެސް އައީ ޓޫރިސްޓު ބުކިންތައް ނަގަމުން ކަމަށެވެ.

އެކަމަކު، ސަރުކާރުގެ ނިންމުން ކުއްލި ގޮތަކަށް ބަދަލުކުރުމުން، ގެސްޓް ހައުސް ހިންގާ މީހުންނަށް ބޮޑު ތަކުލީފަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ގެސްޓް ހައުސްތަކާ ބެހޭ ޖަމިއްޔާ އިން ބުންޏެވެ. އެ ޖަމިއްޔާ އިން ސިފަކުރި ގޮތުގައި މިއީ އެ ސިނާއަތުގެ "ރިހޭފައި މައްޗަށް ފޮއި ވެއްޓުން" ކަހަލަ ކަމެކެވެ.

ބ. އަތޮޅުގައި ގެސްޓް ހައުސް ހިންގާ މީހަކު ބުނީ، ޕޮލެންޑް ފަދަ ގައުމުތަކުން ބުކިންތައް ހައްދަމުން ދިޔަ ކަމަށާއި ގެސްޓް ހައުސްތަކުން އޮގަސްޓް މަހަށް ވަރަށް ބޮޑަށް ތައްޔާރުވަމުން އައި ކަމަށެވެ.

އެކަމަކު، މިހާރު ހާލަތު ބަދަލުވުމުން، ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ. އެހެންވެ، ސަރުކާރުގެ މިފަދަ ނިންމުންތައް ވެސް ވަގުތު އޮއްވައި ގެސްޓް ހައުސްތަކަށް އެންގުން މުހިއްމު ކަމަށް ބުންޏެވެ.

ވ. ކެޔޮދޫގައި ގެސްޓް ހައުސް ހިންގާ މީހަކު ބުނީ، ބުކިންތައް މިހާރު ވެސް ލިބެމުންދާ ކަމަށެވެ.

ގެސްޓް ހައުސް އެސޯސިއޭޝަނުން ބުނީ، ރިސޯޓުތަކާއި ސަފާރީތަކާއި ސްޕާ އާއި ރެސްޓޯރެންޓް އަދި ޖިމް ފަދަ މީހުން ގައިގޯޅިކޮށް އުޅޭ ތަންތަން ހުޅުވަން ހުއްދަ ދީފައި، ގެސްޓް ހައުސްތައް އަލުން ހުޅުވާނެ ތާރީޚެއް ނޭނގި ތިބެން ޖެހުމަކީ މި ދާއިރާގެ ވިޔަފާރިތައް އެއްކޮށް ހަލާކުވެ، ނެތި ދިއުމުގެ ބިރު އޮތް ކަމެއް ކަމަށެވެ.

"އެކަމަކު، ކުއްލިއަކަށް މި ޖެހުނީ ބުކިންތައް ކެންސަލް ކުރަން. އަޅުގަނޑުމެންގެ ގެސްޓް ހައުސް އަށް ވެސް ހަތް ވަރަކަށް ބުކިން ލިބުނު. މި ހާލަތުގައި އެއީ ވެސް ވަރަށް ބޮޑު އެއްޗެއް،" އޭނާ ބުންޏެވެ.

ކެޔޮދޫ ގެސްޓް ހައުސްއަކުން ވާހަކަ ދެއްކި މީހާ ބުނިގޮތުގައި، އެ ތަންތަން ހިންގާ މީހުން ތިވީ ވާނުވާގަ އެވެ. އޭގެ ނަތީޖާ އަކީ މާކެޓް ކުރުމުގައި އުނދަގޫތައް ކުރިމަތިވުމެވެ.

ގެސްޓް ހައުސްތައް އަލުން ހުޅުވުން ލަސް ކުރިޔަސް މި މަހުގެ 15 ގައި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވައިލުމާ އެކު، ޓޫރިސްޓުން އަންނަން ވަނީ ފަށައިފަ އެވެ. އެގޮތުން ރިސޯޓުތަކާިއ ސަފާރީތަކަށް ގެސްޓުން މިހާރު އާދެ އެވެ. ނަމަވެސް ފުރަތަމަ އައި ޓޫރިސްޓުންގެ އަދަދު ހާހަކަށް ވެސް ނާރަ އެވެ.

ގެސްޓް ހައުސް އެސޯސިއޭޝަނުން ބުނީ، ރިސޯޓުތަކާއި ސަފާރީތަކާއި ސްޕާ އާއި ރެސްޓޯރެންޓް އަދި ޖިމް ފަދަ މީހުން ގައިގޯޅިކޮށް އުޅޭ ތަންތަން ހުޅުވަން ހުއްދަ ދީފައި، ގެސްޓް ހައުސްތައް އަލުން ހުޅުވާނެ ތާރީޚެއް ނޭނގި ތިބެން ޖެހުމަކީ މި ދާއިރާގެ ވިޔަފާރިތައް އެއްކޮށް ހަލާކުވެ، ނެތި ދިއުމުގެ ބިރު އޮތް ކަމެއް ކަމަށެވެ.

ޚާއްސަކޮށް، ލޯކަލް ޓޫރިޒަމަކީ ރާއްޖޭގައި ވަރަށް ބޮޑަށް ފުޅާވަމުން އަންނަ ވިޔަފާރިއެއްކަން އެ ޖަމިއްޔާ އިން ފާހަގަކުރި އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ މެދުފަންތީގެ ޓޫރިޒަމްގެ ހިދުމަތްދޭ ގެސްޓް ހައުސްތަކަށް ވަނީ ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފަ އެވެ.

ރާއްޖޭގައި 530 ގެސްޓް ހައުސް އަކުން އަންނަނީ ހިދުމަތް ދެމުންނެވެ.