ދަރިވަރުން މެލޭޝިއާ އަށް ގެންދަން އަންނަ މަހުގެ 17 ގައި ޗާޓަރު ފްލައިޓެއް ބާއްވަނީ

ކޮވިޑް-19 އާ ގުޅިގެން ޝެޑިއުލް ދަތުރުތައް ހުއްޓާލާފައިވާތީ، މެލޭޝިއާ އަށް ނުދެވި ތިބި ދިވެހި ދަރިވަރުން އެ ގައުމަށް ގެންދިއުމަށް އޭސް ޓްރެވެލްސް އިން ޗާޓަރު ފްލައިޓެއް ބާއްވަން ނިންމައިފި އެވެ.


އަންނަ މަހުގެ 17 އަށް ތާވަލު ކޮށްފައިވާ މި ފްލައިޓުގެ އިކޮނޮމީ ކްލާހުގެ ޓިކެޓެއް ލިބޭނީ 590 ޑޮލަރު (9،098ރ.) އަށެވެ. މި ބޯޓުން މެލޭޝިއާ އަށް ދާން ބޭނުންވާ ދަރިވަރުންނަށް މިއަދުން ފެށިގެން ޓިކެޓު ވިއްކާނެ އެވެ.

އޭސް ޓްރެވެލްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު "މިހާރު" އަށް ވިދާޅުވީ، މިއީ ރާއްޖޭގައި ތިބި މެލޭޝިއާގައި ކިޔަވާ ގިނަ ދަރިވަރުންތަކެއްގެ އެދުމުގެ މަތިން ބާއްވާ ފްލައިޓެއް ކަމަށެވެ. އެގޮތުން، މިހާރު ވެސް 70 ދަރިވަރަކު ޓިކެޓު ގަނެ، ޖާގަ ކަށަވަރު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ކުންފުނިން އެންމެ ފުރަތަމަ މި ފްލައިޓު ބާއްވަން ނިންމީ އަންނަ މަހުގެ 13 ވަނަ ދުވަހު އެވެ. ނަމަވެސް ދަރިވަރުން މެލޭޝިއާ އަށް ދިއުމާއި ކޮވިޑް-19އާ ގުޅިގެން ނަގަން ޖެހޭ ހުއްދަތައް ނެގުމަށް ގިނަ ދުވަސްތަކެއް ނަގާނެތީ އަންނަ މަހުގެ 17 އަށް ލަސްކުރީ ކަމަށް ފިރާގު ވިދާޅުވި އެވެ.

"މެލޭޝިއާގައި ކިޔަވާ ކުދިންކޮޅެއް އަޅުގަނޑަށް ކޮންޓެކްޓު ކޮށްފައި ބުނީމާ މިކަން ކޮށްދޭން ބޭނުންވީ. ކޮންމެހެން ވިޔަފާރިއަކަށް ނޫން. އެ ކުދިން ގްރޫޕެއް ހަދައިގެން އެ ގްރޫޕު ތެރޭގައި މަޝްވަރާ ކުރުމަށް ފަހު ދިން ތާރީޚެއް މިއީ،" ފިރާގު ވިދާޅުވި އެވެ.

އޭސް ޓްރެވެލްސް އިން މި ދަތުރަށް ޗާޓަރު ކުރާނީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ މަތިންދާބޯޓެކެވެ. ޖާގަ އޮތް ވަރަކުން ވީހާ ވެސް ގިނަ ދަރިވަރުންނަށް ފުރުސަތު ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފިރާގު ވިދާޅުވި އެވެ.

"މިހާރު ބާކީ ހުންނާނީ 60 އެއްހާ ސީޓު. އަޅުގަނޑުމެން ބޭނުންވަނީ ވީހާ ވެސް ގިނަ ދަރިވަރުން ގެންދަން. ލަގެޖް އެލަވެންސަށް މިހާރު ކުއްޖަކަށް 25 ކިލޯ ދިން ނަމަވެސް މިދަނީ މަސައްކަތް ކުރަމުން އިތުރު ކުރެވެންޏާ ކުރާ ގޮތަށް،" އޭނާ ވިދާޅުވި އެވެ.

އޭސް ޓްރެވެލްސް އިން ވަނީ ޓިކެޓު ގަންނަ ދަރިވަރުންނަށް އެއްވެސް ސަބަބަކާ ހެދި މެލޭޝިއާ އަށް ނުދެވޭ ނަމަ ރިފަންޑު ކުރުމުގެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ. އެގޮތުން، ފުރާ ތާރީޚުގެ ހަތް ދުވަސް ކުރިން ޓްރެވެލް ޕާމިޓް ރިޖެކްޓު ވެއްޖެ ނަމަ މުޅި ޓިކެޓުގެ ފައިސާ އެއްކޮށް އަނބުރާ ލިބޭނެ އެވެ. ފުރުމުގެ އެއް ދުވަސް ކުރިން އެފަދަ ކަމެއް ދިމާވެއްޖެ ނަމަ 50 ޕަސެންޓު ރިފަންޑު ކޮށްދޭނެ އެވެ.