ބޯޑަރު ހުޅުވިތާ މަހެއް، އެންމެ 399 ފްލައިޓު މޫވްމެންޓު

ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު، އަލުން ހުޅުވިތާ މަހެއް ވީއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ޖެއްސި އިންޓަނޭޝަނަލް ފްލައިޓުތަކުގެ 399 މޫވަމަންޓު (އެއާޕޯޓަށް ޖެއްސި އަދި ފުރި ފްލައިޓުތައް) ރެކޯޑު ކުރެވިފައިވާ ކަމަށް އެމްއޭސީއެލުން އިއްޔެ ބުނެފި އެވެ.


ވީއައިއޭ ހިންގާ ކުންފުނިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ ޖުލައި 15 ގައި ބޯޑަރު އަލުން ހުޅުވި ފަހުން މިދިޔަ އެއް މަސް ދުވަހުގެ ތެރޭގައި ޖުމްލަ ރެކޯޑު ކޮށްފައިވަނީ 764 ފްލައިޓު މޫވްމަންޓެވެ. އެއީ ޑޮމެސްޓިކް 365 ފްލައިޓް މޫވްމަންޓާ އެކުގަ އެވެ.

މިއީ އާއްމުކޮށް މަހެއްގެ ތެރޭގައި އެއާޕޯޓުން ރެކޯޑު ކުރާ އަދަދަށް ވުރެ ބޮޑުތަނުން ދަށް އަދަދެކެވެ. އެގޮތުން، ބޯޑަރު ބަންދު ކުރުމުގެ ކުރިން އެމްއޭސީއެލުން ވަނީ އެއް ދުވަހުގެ ތެރޭގައި އެކަނި ވެސް 252 ފްލައިޓު މޫވްމަންޓު ރެކޯޑު ކޮށްފަ އެވެ. އެހެންކަމުން ހަފުތާއެއްގެ ތެރޭގައި 764 އަށް ވުރެ ގިނަ ފްލައިޓު މޫވްމަންޓު އެ އެއާޕޯޓުގައި ރެކޯޑު ކުރެވޭނެ އެވެ.

މިދިޔަ އެެއް މަސް ދުވަހުގެ ފްލައިޓު މޫވްމެންޓު

ފާއިތުވި އެއް މަސް ދުވަހުގެ ތެރޭގައި އެކި ގައުމުތަކުން އައި ފްލައިޓުތަކުން 7،607 މީހުން ރާއްޖެ އަށް އައިސްފައިވާއިރު 9،269 މީޙުން ވަނީ ރާއްޖެ އިން ބޭރަށް ގޮސްފަ އެވެ. މީގެ ތެރޭގައި ޓޫރިސްޓުންގެ ގޮތުގައި އަންނަ މީހުންނާއި ވަޒީފާ އަދި އެހެނިހެން ކަންކަމުގައި ރާއްޖެ އަންނަ މީހުން ހިމެނެ އެވެ. ބޯޑަރު އަލުން ހުޅުވިތާ އެއްމަސް ދުވަހުގެ ތެރޭގައި ރާއްޖެ އައީ 5،177 ޓޫރިސްޓެކެވެ.

އެެތެރޭގެ އުދުހުންތަކަށް ބަލާއިރު، މާލެ އަށް 3،480 މީހުން އައިސްފައިވެ އެވެ. މާލެ އިން ފުރައިގެން އެކި ރަށްރަށަށް ދަތުރުކުރީ 4،323 މީހެކެވެ.

ކޮވިޑް-19އާ ގުޅިގެން އެއާލައިންތަކުގެ ދަތުރުތައް ވަނީ މަދުވެފަ އެވެ. މިހާރު ރާއްޖެ އަށް ދަތުރުކުރާ މަދު އެއާލައިންތަކުގެ ތެރޭގައި ހިމެނެނީ ގަތަރާއި އެމިރޭޓްސް އާއި ސްރީ ލަންކަން އާއި އިއްތިހާދު އެއާވޭސް އެވެ. އެކަމަކު އަންނަ ހަފުތާގައި އިތުރު އެއާލައިންތަކުން ރާއްޖެ އަށް ދަތުރު ފަށާނެ އެވެ.