ވީޑިއޯގޭމް ކުޅޭ މީހުންނަށް ހާއްސަ ޗުވިންގަމެއް ނެރެފި

ވީޑިއޯގޭމާއި ހާޑްވެއާ އުފައްދާ ކުންފުނި ރޭޒާ އިންކުން، ވީޑިއޯގޭމް ކުޅޭ މީހުންނަށް ހާއްސަ ޗުވިންގަމެއް "ރެސްޕޯން" ގެ ނަމުގައި ނެރެފި އެވެ.


ގޭމް ކުޅޭ އިރު ގޭމަށް ފޯކަސްކޮށް، ހުނަރުވެރިކޮށްދީ، ވާދަވެރިކަމުގެ ރޫހު ވެސް އިތުރުކޮށްދޭ ގޮތަށް އުފައްދާފައިވޭ ޗުވިމްގަމްގެ އެންމެ ހާއްސަ މާއްދާތަކީ ގްރީން ޓީ އާއި ވިޓަމިން ބީ އެވެ. ރޭޒާ އިން ބުނި ގޮތުގައި ގޭމް ކުޅޭ އިރު "ރެސްޕޯން" ބޭނުންކުރާ ނަމަ އެ ބޭނުންކުރާ މީހުންނާއި ނުކުރާ މީހުންނާ ދެމެދު ހުރި ފަރަގު ވަރަށް ބޮޑަށް ފާހަގަކުރެވޭނެ އެވެ. އެހެންވެ މި ޗުވިންގަމަކީ މެޗެއް ކާމިޔާބުކުރަން ބޭނުންވާ ނަމަ މިހާރު ވަރަށް މުހިއްމު ދައުރެއް އަދާކޮށްދޭނެ އެއްޗެއް ކަމަށް ބުންޏެވެ.

ޝުގަ-ފްރީކޮށް އުފައްދާފައިވާ "ރެސްޕޯން" ގެ ތިން ރަހައެއް ނެރެފައިވެ އެވެ. އެއީ ކޫލް މިންޓާއި ޕޮމެގްރޭޓް ވޯޓަމެލަންގެ އިތުރުން ޓްރޮޕިކަލް-ޕަންޗެވެ. މި ވަގުތު އަދި ހަމައެކަނި އެމެރިކާގެ މާކެޓްގައި "ރެސްޕޯން" ވިއްކި ނަމަވެސް ރޭޒާގެ ވެބްސައިޓް މެދުވެރިކޮށް ވެސް ބައެއް ހިސާބުތަކުގައި ގަނެވޭ ގޮތަށް ވަނީ ހަދައިފަ އެވެ.

ތިން ފްލެވާ އެއްކޮށް ހިމެނޭ "ރެސްޕޯ" ގެ 10 ޕެކެޓް އެކުލެވޭ ޕެކެއްގެ އަގަކީ 28 ޑޮލަރެވެ.

މި އުފެއްދުމާ ބެހޭ ގޮތުން ރޭޒާ އިން ނެރުނު ބަޔާނެއްގައި ބުނީ އެ ޗުވިންގަމަކީ ވީޑިއޯގޭމް ކުޅޭ މީހުންގެ ސިކުނޑި އާއި ހިތާއި މުޅި ހަށިގަނޑަށް އަންނަ ހަރަކާތްތައް ވަރަށް ބޮޑަށް ދިރާސާކޮށް އުފައްދާފައިވާ އެއްޗެއް ކަމަށެވެ. އެހެންވެ ރޭޒާ އަކީ ވީޑިއޯގޭމް ކުޅޭ މީހުން، އެ މީހުންގެ ފެންވަރު މަތިކުރަން އެހީވެދޭނެ ވަރަށް މުހިއްމު އެއްޗެއް ކަމަށް ބުންޏެވެ.

"ރެސްޕޯން" ޗުވިންގަން ޕްރޮމޯޓްކުރަނީ ޓެގްލައިނަކަށް "ޗޫ.ފޯކަސް.ވިން" ބޭނުންކޮށްގެންނެވެ. މި ޗުވިންގަމް އުފެއްދި ރޭޒާ އަކީ ސިންގަޕޫރް-އެމެރިކާގެ ކުންފުންޏެކެވެ.