ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކާއި ކައުންސިލްތަކަށް ހާއްސަ ޓްރެއިނިން ޕްރޮގްރާމެއް

ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުގައި މަސައްކަތްކުރާ މީހުންނާއި ކައުންސިލްތަކަށް ޔޫރަޕިއަން އިންސްޓިޓިއުޓް ފޯ އެކްސްޕޯޓް ކޮމްޕްލަޔަންސް (އެއިފެކް) އާއި ޓޫރިޒަމް މިނިސްޓްރީ އަދި ގައުމީ ޔުނިވާސިޓީ ގުޅިގެން ހާއްސަ ޕްރޮގްރާމެއް މިއަދު ތައާރަފު ކޮށްފި އެވެ.


އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް ތައާރަފުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި އެއިފެކްގެ ޑިރެކްޓާ ޖެނެރަލް ޗާލްސް އާއި އެ އިންސްޓިޓިއުޓްގެ އެގްޒެކެޓިވް ޑިރެކްޓަރު ފެޒަލީން ސަލީމާއި ގައުމީ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލާ ޑރ. އައިޝަތު ޝެހެނާޒާއި ޔުނިވާސިޓީގެ ޑީން އޮފް ރިސާޗު ޑރ. ރަހީމާ އަބްދުއްރަހީމެވެ.

"ކޮމްޕްލަޔަންސް އޮފިސާ ޓްރެއިނިން ޕްރޮގްރާމް" ގެ ނަމުގައި ފަށާ މި ޕްރޮގްރާމުގައި އެއިފެކް އާއި ގައުމީ ޔުނިވާސިޓީ އަދި ޔުނިވާސިޓީ އޮފް ޓިއުރިން ގުޅިގެން ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ 800 މީހުން ތަމްރީން ކުރުމަށް ވަނީ ނިންމައިފަ އެވެ.

އެއިފެކްގެ ކޮމްޕްލަޔަންސް ސްޓޭންޑަޑާ އެއްގޮތަށް ވިޔަފާރިތައް ހިންގުމަށް ތަމްރީން ދިނުމުގެ ގޮތުން ހިންގާ މި ޕްރޮގްރާމްގައި ބައިވެރިވާ ކައުންސިލަރުންނަށް ތަމްރީން ދޭނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އާ ގުޅިގެން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ. މި ޕްރޮގްރާމް ފަށަން ނިންމާފައިވަނީ މި މަހުގެ 21 ގަ އެވެ.

އެއިފެކްގެ ކޮމްޕްލަޔަންސް ސްޓޭންޑަޑަކީ ވިޔަފާރިތަކުގެ ސިއްހީ އަދި ރައްކާތެރިކަމުގެ މިންގަނޑުތައް ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ބަހައްޓާ ސްޓެންޑަޑެކެވެ. އެހެންކަމުން މި ޕްރޮގްރާމުގެ ސަބަބުން މި ދުވަސްވަރު ޓޫރިޒަމް ދާއިރާގެ ވިޔަފާރިތައްް މެނޭޖުކުރުން އިތުރަށް ފަސޭހަވެގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

ފަސް ދުވަހުގެ މުއްދަތަށް، އޮންލައިންކޮށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ކޮންމެ ދުވަހަކު ދެ ގަޑިއިރު ވަންދެން ސެޝަންތައް ބާއްވާނެ އެވެ. އަދި ޕްރޮގްރާމް ނިންމާ މީހުންނަށް ޕްރޮގްރާމް ފުރިހަމަކުރި ކަމުގެ ސެޓިފިކެޓު ލިބޭނެ އެވެ. ޓޫރިޒަމް ދާއިރާގެ މީހުންނަށާއި ކައުންސިލްތަކަށް މި ޕްރޮގްރާމުގައި ހިލޭ ބައިވެރިވެވޭނެ އެެވެ.

ޓޫރިޒަން މިނިސްޓްރީން ބުނި ގޮތުގައި މި ޕްރޮގްރާމަކީ ރާއްޖޭގެ އިގްތިސާދު ރަނގަޅުކޮށް ކޮވިޑް-19އާ ދެކޮޅަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވާނެ އެވެ.