ބޯޑާ މައިލްސް ޕްރޮގްރާމުގެ ޕާޓްނަރުންނަށް ވުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް އިމިގްރޭޝަނުން އިސްނަގައިގެން ކުރިއަށްގެންދާ ބޮޑާ މައިލްސް ޕްރޮގްރާމުގެ ޕާޓްނަރުންނަށް ވުމުގެ ފުރުސަތު ރާއްޖޭގެ ޓޫރިސްޓް ފެސިލިޓީތަކާއި ޓޫރިސްޓުންނަށް ހިދުމަތް ދޭ ތަންތަނަށް ހުޅުވާލައިފި އެވެ.


އިމިގްރޭޝަނުން ބުނިގޮތުގައި މި ޕްރޮގްރާމުގެ ޕާތްނަރުންނަށް ވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެ އެވެ. މިއީ ކޮވިޑް-19ގެ ސަބަބުން ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް އަސަރު ކޮށްފައިވާތީ ހިލޭ ބައިވެރިވުމަށް ހުޅުވާލާ ފުރުސަތެއް ކަމަށް އެތަނުން ބުންޏެވެ.

ބޯޑާ މައިލްސް ޕްރޮގްރާމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެ އަންނަ ޓޫރިސްޓުންނަށް ޕޮއިންޓް ލިބި، ގިނަ އިނާމުތަކެއް ލިބޭގޮތަށް ތައްޔާރުކޮށްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ޕޮއިންޓް ލިބޭ ތިން ދަރަޖައެއް ވަނީ ތައާރަފު ކޮށްފަ އެވެ. އެއީ "އައިދަ" (ލޯ ދަރަޖަ) އާއި "އަންތަރަ" (ރިހި ދަރަޖަ) އަދި "އަބާރަނަ" (ރަން ދަރަޖަ) އެވެ. އެހެންކަމުން މި ޕްރޮގްރާމުގެ ޕާޓްނަރުންނަށްވާ ވިޔަފާރިތަކުން ކޮންމެ ދަރަޖައަކަށް ހާއްސަ އޮފާތަކެއް ހަދަން ޖެހޭނެ އެވެ.

މި ޕްރޮގްރާމުގެ ދަށުން ޓޫރިސްޓުން ރާއްޖެ ޒިޔާރަތް ކުރާ ކޮންމެ ފަހަރަކު ޕޮއިންޓް ލިބޭނެ އެވެ. އަދި ރާއްޖޭގައި ކުރާ ތަޖުރިބާތައް ޕްރޮމޯޓު ކުރާ ވަރަކަށް ލިބޭ ޕޮއިންޓްތައް އިތުރުވާނެ އެވެ. މިއީ ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން އިމިގްރޭޝަނުން އިސްނަގައިގެން ޓޫރިޒަމް ދާއިރާއާ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ބޯޑާ މައިލްސްގެ ޕާޓްނަރުންނަށް ވުމުން އެ ފެސިލިޓީއަކުން ދޭ ހިދުމަތްތައް އިމިގްރޭޝަނުގެ "އިމުގަ" ޕޯޓަލް މެދުވެރިކޮށް ޓޫރިސްޓުންނަށް ފެންނަން ހުންނާނެ އެވެ. އަދި ޓޫރިސްޓުގެ އަތުގައި އޮންނަ ދަރަޖަ ކާޑުން ލިބޭނެ ހިދުމަތްތަކާއި އެ ހިދުމަތްތައް ލިބޭނެ ފެސިލިޓީތައް އެނގެން ހުންނާނެ އެވެ.

އިމިގްރޭޝަނުން ކުރި ޓްވީޓެއް--

މީގެ އިތުރުން ބޯޑާ މައިލްސް ޕްރޮގްރާމުގެ ޕާޓްނަރުންގެ ގޮތުގައި ރަޖިސްޓްރީވާ ފެސިލިޓީތަކުން ހިދުމަތް ހޯދުމުން ޓޫރިސްޓުންނަށް ޕޮއިންޓް ލިބޭނެ އެވެ.

މި ޕްރޮގްރާމުގެ ޕާޓްނަރުންނަށްވާން ބޭނުންވާ ފެސިލިޓީތަކުން ރަޖިސްޓްރީ ކުރުމަށް އެދި އިމިގްރޭޝަނަށް މެއިލް ކުރުމަށް ވަނީ އެދިފަ އެވެ.