އެމްޓީސީސީ ބިން ހިއްކަން ގެންނަ ޑްރެޖަރުގެ މޮޑެލްއެއް: އެ ޑްރެޖަރުގެ އެޑްވާންސްޕޭމަންޓްގެ ފައިސާ ހިއްސާއަށް ބަދަލުކުރަން ފިނޭންސް އިން ބޭނުންވޭ. - ފޮޓޯ: އެމްޓީސީސީ
07 ނޮވެމްބަރ 2016 - 14:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޑްރެޖަރު ގަންނަން ފިނޭންސް މިނިސްޓްރީން ދެއްކި ފައިސާ، ހިއްސާ އަށް ބަދަލުކުރަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އަންގައިފި އެވެ.
"މިހާރު"އަށް އެނގިފައިވާ ގޮތުގައި މިދިޔަ އޮގަސްޓް 31 ވަނަ ދުވަހު ޕްރައިވެޓައިޒޭޝަން ބޯޑުން އެމްޓީސީސީ އަށް އަންގާފައި ވަނީ ޑްރެޖަރު ގަތުމަށް ފިނޭންސް އިން ދެއްކި 11 މިލިއަން ޑޮލަރާ އެއްވަރަށް ޝެއާ ވެލިއު ބަދަލުކޮށް ހަތަރު މަސް ދުވަހުގެ ތެރޭގައި ހިއްސާގެ ސެޓްފިކެޓް ހަވާލުކުރުމަށެވެ. ޕީސީބީން ދިން މުއްދަތު ހަމަވާނީ އަންނަ މަހުގެ 31 ވަނަ ދުވަހު އެވެ.
އެމްޓީސީސީން 36 މިލިއަން ޑޮލަރަށް ގަންނަ ޑްރެޖަރުގެ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހޭ 11 މިލިއަން ޑޮލަރު ފިނޭންސް މިނިސްޓްރީން ދީފައި ވަނީ ސުން ޕަސެންޓް އިންޓަރެސްޓްގައި ކޮންވާޓަބްލްގައި ލޯނެއްގެ ގޮތުގައި ކަމަށް ވެސް އެނގިފައިވެ އެވެ. އަދި އެމްޓީސީސީގެ ބޯޑުން ނިންމާފައި ޑިރެކްޓަރުންގެ ބޯޑަށް ބަދަލު ނާންނަ ގޮތަށް، އާއްމުންނަށް ތިން އަހަރުގެ ތެރޭގައި ހިއްސާ ވިއްކައިގެން އެ ފައިސާ އަނބުރާ ދައްކާ ގޮތަށް ކަމަށް ވެސް އެނގިފައިވެ އެވެ.
އެކަމަކު ޕްރައިވެޓައިޒޭޝަން ބޯޑުން އެންގި ގޮތަށް ހިއްސާ ބަދަލުކޮށްފި ނަމަ އެމްޓީސީސީގައި ސަރުކާރުގެ ހިއްސާ ގާތްގަނޑަކަށް 73 ޕަސެންޓަށް އިތުރުވާނެ އެވެ. އަދި އެ ކުންފުނީގެ ބޯޑުގައި ހިމެނޭ އާއްމު ހިއްސާދާރުންގެ އަދަދު މަދުވާނެ އެވެ.
އެ ފައިސާ ފިނޭންސް އަށް ދައްކަން އެމްޓީސީސީގެ މެނޭޖްމަންޓުން އެ ކުންފުނީގެ ބޯޑަށް ހުށަހަޅާފައި ވަނީ މިހާރު ތިބި ހިއްސާދާރުން ހިއްސާއެއް 650ރ. ގެ ރޭޓުން ވިއްކުމަށެވެ. އެކަމަކު އެއީ ރަސްމީ ހުށަހެޅުމެއް ނޫން ކަމަށާއި އަދި ބޯޑުން ވިއްކާނެ އަގެއް ނިންމާފައިނުވާ ކަމަށް ވެސް އެނގިފައިވެ އެވެ.
އެކަމާ ގުޅޭ ގޮތުން ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު މިއަދު ވިދާޅުވީ ފިނޭންސް މިނިސްޓްރީން އެމްޓީސީސީ އަށް ދޫކުރި ފައިސާ ހޯދަން ސަރުކާރުން ނުފޫޒު ފޯރުވައިގެން ހިއްސާ ހޯދަން ނޫޅޭ ކަމަށެވެ. އަދި އެ ކުންފުނީގެ ޝެއާ ސްޓްރަކްޗާ ބަދަލުކުރަން އަންގާފައި ވަނީ ކޯޕަރޭޓް ގަވަނަސް އުސޫލުން އާއްމުންނަށް ހިއްސާ ވިއްކައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެމްޓީސީސީ އަށް އަންގާފައި ވަނީ ޑްރެޖަރު ގަންނަން ދޫކުރި ފައިސާ ކެޕިޓަލެއްގެ ގޮތުގައި ހިމަނަން ބޭނުންވާ ކަމަށް. އަދި ކޯޕަރޭޓް ގަވަނަންސް އުސޫލްތަކާ އެއްގޮތަށް އެކަން ހަމަޖައްސައި ވަކި މުއްދަތެއްގެ ތެރޭގައި އަންގަން އެދިފައިވާނެ،" ނިޒާރު ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން އެމްޓީސީސީގެ އޮފިޝަލަކު ވެސް ވިދާޅުވީ އާއްމުންނަށް ހިއްސާ ވިއްކުމާ މެދު މަޝްވަރާކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ހިއްސާ ވިއްކާނެ ވަކި ގޮތެއް ނުނިމޭ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.
ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީން ނެދަލެންޑްސްގެ ކުންފުންޏަކާ ހަވާލުކޮށްގެން ބަންނަ ޑްރެޖަރު އަންނަ އަހަރުގެ މާޗްމަހު ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޓީސީސީން ބުނެފައިވެ އެވެ. "މަހާ ޖައްރާފް" ނަމުގައި އައިއެޗްސީން ޗައިނާގައި ބަންނަމުން އަންނަ ޑްރެޖަރަކީ 90 މީޓަރު ފުޅާ ބޯޓެކެވެ. އަދި 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލްކަން ހުންނަ މި ބޯޓުގައި އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަގޫ
07 November 2016
ދުނިޔޭގެ އެހެންތަންތަނުގަ ބަންނަ ޖައްރާފު ތަކުގައި ހުންނަނީ ސެޓެލައިޓު ބަހައްޓާފަ ކޮމިއުނިކޭޓް ކުރުމަށް މީގަ މިހުރީ ހަންޖަހައިގެން ވާހަކަ ދައްކާ ގޮތަށް މިރާއްޖޭގަ ހިއްސާ ގަތުމަކީ ހަމަ ކޮޅުކެހި
zawid
07 November 2016
އިހަށް ދުވަހު ފަށަން ބެހެއްޓީ ޑްރެޖަރުގެ ހާލަތު މިހާރުން ސާފުކޮށްލަދީބަލަ އެކަން ކުރިޔަށް ދޭތޯ ނޫނީ އެއީ ވެސް ހަމަ ސްޓަންޓެއްތޯ، އާނ ރައްޔިތުންގެ ކިހާ ބައިވަރު ފައިސާއެއްމީ
inaz
07 November 2016
ފަށަން ބެހެއްޓި ވާހަކަ އަޑު އެހިން. އޭގެ ފަހުން ހަބަރެއް ނެތް.. ދެން މާރޗުމަސް އައީމަ ބުނާނެ ޖުލައިއަށް ނިންމާލެވޭނެއޭ.. އެންމެ ފުރަތަމަ މިދިޔަ އޮކްޓޯބަރަށް ރާއްޖެ ގެންނަން ބުނި އެއްޗެއްތީ. އިބިލީހުގެ ކައިވެންޏަށް ތިކަން ވެސް ތިވީ. މިހާރުން އަޅެ އޭގެ މަސައްކަތުގެ އަޕްޑޭޓެއް ބަލައިލަބަލަ
އުމަރު
07 November 2016
ސަރުކާރުން ކުންފުނިތަށް އުފައްދައި ހިންގަންޖެހެނީ ޤާނޫނެއްގެ ދަށުން، އެހެންކަމުން އެޤާނޫނުގައި ނެއްކަމެއް ސަރުކާރުގެ ކުންފުންޏަކަށް ނުކުރެވޭނެ، ފިނޭންސް މިނިސްޓްރީން ނަގާލޯނެއް އެތަނުން ކޮންވާޓް ނުކުރެވޭނެ ހިއްސާގެ ބަދަލަކަށް، އަދި ސަރުކާރުގެ ކުންފުންޏަކަށް ކުއްލިއެއް ޖަހާފައި ސަރުކާރަށް ބޭނުންވާ ހިއްސާއެއްނުވިއްކޭނެ އާންމުކޮށް ހިއްސާވިއްކަން ހުޅުވާނުލައި، އެއީ ޕަބްލިކް ކުންފުންޏަކުން ގަވަނަންސް ހިފަހައްޓައި ޓްރާސްޕޭރަންޓްވާންޖެހޭ އަދި ހިއްސާވިއްކަންޏާ ޕަބްލިކް ކުންފުންޏެއްގައި ތިބި ހުރިހައި ހިއްސާދާރުންނަށް ހިއްސާ ގަނެވޭގޮތަށް އަދި އާންމުންނަށްވެސް ހިއްސާގަނެވޭގޮތަށް ހުޅުވާލަންޖެހޭނީ، އަދި އެހިއްސާ މުދަލަކަށް ލޯނަކަށް ސަރުކާރުން ބަދަލުކުރެވެންޏާ ދެންތިބި ހިއްސާދާރުންނަށްވެސް އެކަހަލަ އޮޕްޝަނެއް އޮންނަންވާނެ އަދި އެއީ ކުންފުނީގެ ހިންގާ ގަވައިދާއި އަސާސީ ގަވައިދުގައި ހިމެނިފައިވާ ކަމަކަށްވެސް ވާންޖެހޭ، ސަރުކާރުގެ ކުންފުނިތަކަކީ ފިނޭންސް މިނިސްޓަރު ނުވަތަ ކެބިނެޓް ބޭނުންވީމާ ބޭނުންގޮތަކަށް އެތަކުގެ ހިންގާ ގަވައިދު ބަދަލުކުރެވޭގޮތަށް އޮންނަކަމެއްނޫން، ޤާނޫނަކުން އުފައްދާކުންފުންނެއްގެ އަސާސީ ގަވައިދާއި ހިންގާ ގަވައިދަށްވެސް ބަދަލު ގެންނަންވާނީ ޤާނޫނައް ބަދަލު ގެނެސްގެން، ހަމަ ތިބެލާފައި ޕްރައިވަޓް ކުންފުންޏެއް ހިންގާ އުސޫލުން ސަރުކާރުގެ ކުންފުންޏެއް ނުހިންގޭނެ އަދި ނުއުފެއްދޭނެ، އެގޮތަށް އުފައްދައި ހިންގާތީ އެވަގުތެއްގައި ހުންނަވާ ރައީސުލް ޖުމްހޫރިއްޔާ ބޭނުންހާ ގޮތަކަށް ކުންފުނިތަށް ހިންގަވަނީ، އެހެންކަމުން ޤާނޫނީ ވަކީލުން ވަރަށްފުންކޮށް ވިސްނަންޖެހޭކަމެއް މިކަންކަމަކީ
އިދްރީސް
07 November 2016
ސަރުކާރުން އެމްޓީސީސީ ފުނޑާނުލާ... މިހާރުވެސް ކެޕޭސިޓީ ނުހުންނަ ބޭފުޅުން ލައިގެން ނުހިންގިފަ އެތިބީ....