މާލޭގައި ހުންނަ އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރު: ހިލޭ ކޯލާއި އެސްއެމްއެސް ކުރެވޭ ހިދުމަތެއް އުރީދޫން ކުންފުނިތަކާއި މުއައްސަސާތަކަށް ފޯރުކޮށްދޭ.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު
06 ޑިސެމްބަރ 2016 - 10:19
ކުންފުންޏެއް ނުވަތަ މުއައްސަސާއެއްގެ މުވައްޒަފުންގެ މެދުގައި ހިލޭ ކޯލާއި އެސްއެމްއެސް ކުރެވޭ އުރީދޫގެ ވޯކްގްރޫޕް ހިދުމަތް އެމްޓީސީސީ އަށް ފޯރުކޮށްދިނުމަށް އެ ކުންފުންޏާ އެކު އުރީދޫން ސޮއިކޮށްފި އެވެ.
އެމްޓީސީސީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އުރީދޫގެ ހެޑް އޮފް ސޭލްސް ހުސެން ނިޔާޒާއި އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު އެވެ.
މި ރަސްމިއްޔާތުގައި ޒިޔަތު ވިދާޅުވި ގޮތުގައި ވޯކްގްރޫޕްގެ ހިދުމަތް މެދުވެރިކޮށް އެމްޓީސީސީގެ މުވައްޒަފުންގެ މެދުގައި މުއާމަލާތް ކުރުމަށް ފަސޭހަ ވާނެ އެވެ. އަދި ކުރާ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް ގަބޫލު ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އުރީދޫ ވޯކްގްރޫޕް އިން ފައިދާ ލިބިގެން ދާ މުއައްސަސާތަކުގެ ތެރޭގައި އެމްޓީސީސީ ހިމެނިގެން ދިއުމަކީ އަޅުގަނޑުމެންނަށް ލިބިގެންދާ އުފަލެއް،" އުރީދޫގެ ސީއީއޯ ވިކްރަމް ސިންހާ ވިދާޅުވި އެވެ.
އުރީދޫގެ ވޯކްގްރޫޕް ހިދުމަތް ބޭނުންކުރާ ކުންފުނިތަކާއި މުއައްސަސާތަކަށް ދީފައިވާ ހާއްސަ ޕޯޓަލް މެދުވެރިކޮށް، އެ ފަރާތަކުން ދައްކަންޖެހޭ ބިލް ޗެކްކުރުމާއި އާ ކަނެކްޝަންތަކަށް އެދުމާއި ވޯކްގްރޫޕުގައި ހިމެނޭ ފަރާތްތަށް ބަލައި އެ ލިސްޓަށް މުވައްޒަފުން އިތުރުކޮށް، މަދުކުރެވޭނެ އެވެ. އަދި ވަކިވަކި ގްރޫޕްތައް އުފައްދާ، މި ގްރޫޕްތަކަށް އެސްއެމްއެސް ކުރުމުގެ ފަސޭހަކަން ވެސް މި ޕޯޓަލް މެދުވެރިކޮށް ލިބެ އެވެ.
ވޯކްގްރޫޕްގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރޭގައި އެމްއެންޑީއެފް، ޕޮލިސް، އެސްޓީއޯ، ކަސްޓަމްސް، ޕީޖީ އޮފީސް، ފިނޭންސް މިނިސްޓްރީ، ޔޫތު މިނިސްޓްރީ، އެންވަޔަރަމަންޓް މިނިސްޓްރީ އަދި ޖެންޑާ މިނިސްޓްރީގެ އިތުރުން މަޝްހޫރު އެތައް ކުންފުންޏަކާއި ރިސޯޓެއް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy