16 ނޮވެމްބަރ 2021 - 06:49
މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް މިހާރު ކަފާލާތުގެ ދަށުން ދޫކޮށްލާފައިވާ ބޮލީވުޑްގެ ތަރި ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާނަށް ބޮޑީގާޑަކު ހޯދަން އިއުލާން ކުރުމާ ގުޅިގެން އެތައް ބަޔަކު އެކަމަށް ކުރިމަތިލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އީ-ޓައިމްސް އިން ބުނި ގޮތުގައި ކުރިއަށް އޮތް ތަނުގައި އަރިއަން، 24، ގެ ހަށިފާވެރިވެރިއެއްގެ ގޮތުގައި މަސައްކަތްކޮށް، އޭނާ އުޅޭނޫޅޭ ގޮތް ބެލުމަށް ބޮޑީގާޑަކު ހޯދަން މިދިޔަ މަހުގެ ފަހުކޮޅު އިއުލާން ކުރުމާ ގުޅިގެން ޝާހްރުކްގެ ފިލްމު ކުންފުނި ރެޑް ޗިލީޒް އެންޓަޓައިންމަންޓްގެ އޮފީހަށް އެތައް ބަޔަކު އެޕްލިކޭޝަން ފޮނުވާފައިވެ އެވެ. އޭގެ ތެރޭގައި ސެކިއުރިޓީ ހިދުމަތް ދިނުމުގެ ދާއިރާގެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ އަދި އެ ވިޔަފާރީގައި ގިނަ ދުވަސްތަކެއްވެފައިވާ މަޝްހޫރު ބައެއް ކުންފުނިތައް ވެސް ހިމެނެ އެވެ.
އީ-ޓައިމްސް އިން ބުނީ ގިނަ އަދަދެއްގެ އެޕްލިކޭޝަންތައް ލިބިިފައިވާތީ ޝާހްރުކްގެ ޓީމުން އެ އެއްޗެހި އިލެވުއޭޓްކޮށް، އަރިއަނަށް ރަސްމީކޮށް ބޮޑީގާޑަކު ހަމަޖައްސާނެ ކަމަށެވެ. މިދިޔަ މަހުގެ 30 ގައި ދޫކޮށްލި ފަހުން އަރިއަންގެ ބޮޑީ ގާޑެއްގެ ގޮތުގައި މަސައްކަތް ކުރަނީ ބައްޕަގެ ސެކިއުރިޓީ ގާޑް ރަވީ ސިންގް އެވެ.
ކަފާލާތުގެ ދަށުން އަރިއަން ދޫކުރީ ޝަރުތުތަކަކާ ވެސް އެކީގަ އެވެ. އޭގެ ތެރޭގައި މުމްބާއީގެ އިހުތިސާސްގެ ތެރެއިން ބޭރު ނުވުމާއި ގައުމުން ބޭރަށް ނުދިއުމާއި ކޮންމެ ހުކުރު ދުވަހަކު ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އަށް ހާޒިރުވުން ހިމެނެ އެވެ.
އަރިއަން މަސްތުވާތަކެތީގެ މައްސަލައެއްގައި ބެދުނީ ކްރޫޒް ލައިނާއެއްގައި މަސްތުވާތަކެއްޗާ އެކު ޕާޓީކުރާ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން މިދިޔަ މަހުގެ 2 ވަނަ ދުވަހުގެ ރޭ އެންސީބީން އޭނާ ހައްޔަރު ކުރުމާ އެކީގަ އެވެ. އަދި ކަފާލާތުފެ ދަށުން ދޫކުރީ ޖަލު ބަންދުގައި 28 ދުވަހު ބެހެއްޓުމަށް ފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy