މުނިފޫހިފިލުވުން / ހޮލީވުޑް

އުޖޫރައިގެ ފަރަގު ލޯރެންސަށް މާ ބޮޑު މައްސަލައެއް ނޫން

ޖެނިފާ ލޯރެންސް.

26 ނޮވެމްބަރ 2021 - 06:19

އަންނަ މަހު ރިލީޒްކުރާ ފިލްމު "ޑޯންޓް ލުކް އަޕް" އިން އޭގެ ބަތަލު ލިއޮނާޑޯ ޑި ކެޕްރިއޯ އަށް ވުރެ ކުޑަ އުޖޫރައެއް ލިބުމަކީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށާއި ސްޓާ ވެލިއު އަށް ބަލާ އިރު ލިއޮނާޑޯ އުޅޭ ފިލްމެއް ބަލަން ގިނަ ބަޔަކު ސިނަމާތަކަށް ވަންނާނެ ކަމަށް ބަތަލާ ޖެނިފާ ލޯރެންސް ބުނެފި އެވެ

ވެރައިޓީން ބުނި ގޮތުގައި އޭ-ލިސްޓް ބޮޑު ކާސްޓެއް ހިމެނޭ ފިލްމުން، އޮސްކާ އެވޯޑް ހޯދާފައިވާ ދެ ތަރިންނަށް ލިބުނު އުޖޫރައިގައި 5 މިލިއަން ޑޮލަރުގެ ފަރަގެއް އެބަހުއްޓެވެ. "ޓައިޓޭނިކް" އިން ވިދައިލި ލިއޮނާޑޯ "ޑޯންޓް ލުކް އަޕް" ކުޅުނީ 30 މިލިއަން ޑޮލަރަށެވެ. އަދި ލޯރެންސަށް ފިލްމުން ލިބުނީ 25 މިލިއަން ޑޮލަރެވެ.

ދެ ތަރިންގެ އުޖޫރައިގެ ފަރަގާ ބެހޭ ގޮތުން ހުނަރުވެރި ބަތަލާ "ވެނިޓީފެއާ" ދިން އިންޓަވިއުއެއްގައި ބުނީ އެކަމަކީ އެހާ ބޮޑަށް ވިސްނާ ކަމެއް ނޫން ކަމަށެވެ. "ސިލްވަ ލައިނިންސް ޕްލޭބުކް" އާއި "ހަންގާ ގޭމްސް" ފަދަ ފިލްމުތައް ކުޅެފައިވާ ލޯރެންސް ބުނި ގޮތުގައި ފިލްމުތަކުން ދެ ޖިންސްގެ މީހުންނަށް ލިބޭ އާމްދަނީގެ ފަރަގު ނައްތައިލުމަކީ ބޭނުންތެރި ކަމެއް ކަމަށާއި އެކަމަކު އެކަން ކުރަން ވާނީ އިންސާފުވެރިކޮށް ކަމަށް ބުންޏެވެ.

"އަހަރެން ގަބޫލުކުރަނީ އަހަންނަށް ހައްގުވާ ކްރެޑިޓް ފިލްމުން ލިބޭނެ ކަމަށް. އެކަމަކު މީގައި އަހަރެން ގަބޫލުކުރާ ޕޮއިންޓަކީ ސްޓާ ވެލިއު އަށް ބަލާ ކަމަށް ވަންޏާ އަހަރެން އެ ފިލްމެއްގައި އުޅޭތީ އެ ބަލަން އޯޑިއަންސް ނުވަންނަ ވަރަށް ލިއޯ ފިލްމެއްގައި އުޅޭތީ އެ ބަލަން ވަންނަ މީހުން މާ ބޮޑު ތަނުން ވެސް ގިނަވާނޭ." 31 އަހަރުގެ ބަތަލާ ބުންޏެވެ. "މިސާލަކަށް ދެ މީހަކު އެކީގައި ގާ ކޮޅެއް އެއްލާ އިރު، އެ އެއްލާ އަންހެން މީހާ އަށް ވުރެ ދުރަށް ފިރިހެން މީހާ އެއްލާ ކަމަށް ވަންޏާ އޭގައި ގައިމު ވެސް އެބަ އޮތް ތަފާތެއް. ހަމަ އެގޮތަށް އިންޑަސްޓްރީގައި ވެސް އުޖޫރައިގެ ފަރަގެއް އޮތުމަކީ އެހާ ސީރިއަސްކޮށް، ބޮޑު މައްސަލައެއްގެ ގޮތުގައި ނަގަންވީ ކަމެއް ނޫން."

ލޯރެންސް ބުނީ މީގައި އިޝޫއަކަށް ހަދަންވީ ޖިންސު ނޫން ކަމަށެވެ. އެކަމަކު ދެ ޖިންސްގެ މީހުންނަށް ވެސް އެ މީހުންނާ ކުރާ މަސައްކަތަކާ އެއްވަރުގެ އުޖޫރައެއް ލިބުމަކީ ގަބޫލުކުރާ ހަމައެއް ކަމަށް ބުންޏެވެ.

"އާމްދަނީ ލިބެންވާނެ އެ މީހަކު ކުރާ މަސައްކަތަކާ އެއްވަރަށް. މީގައި އިޝޫއެއް ނޫން ފިރިހެނުންނަށް ބޮޑު އަގެއް ދީފައި އަންހެނުންނަށް ކުޑަ އުޖޫރައެއް ދެނީއޭ ބުނާކަށް." އަބަދު ވެސް ކުޅޭ ފިލްމުތަކުން ހައްގުވާ މިންވަރު ލިބޭކަން ފާހަގަކޮށް ލޯރެންސް ބުންޏެވެ.

video icon

ހޮލީވުޑްގައި އަބަދު ވެސް އެންމެ ބޮޑަށް ބަހުސްކުރެވޭ އެއް ކަމަކީ ދެ ޖިންސްގެ މީހުންގެ މެދުގައި އޮންނަ އާމްދަނީގެ ފަރަގުގެ މައްސަލަ އެވެ. އަދި އެކަމަށް ވަކާލާތުކުރާ މީހުން މި ފަހުން ވަރަށް ބޮޑަށް އިތުރުވެ، ހެޔޮ ބަދަލުތަކެއް ވެސް އައިސްފައިވެ އެވެ.

އަންނަ މަހުގެ 10 ގައި ރިލީޒްކުރާ ސައިންސް ފިކްޝަން ބްލެކް ކޮމެޑީ "ޑޯންޓް ލުކް އަޕް" އަކީ އެޑަމް މެކޭ ޑައިރެކްޝަނެކެވެ. މީގެ ކާސްޓްގައި ރޮބް މޯގަން، ޖޯނަ ހިލް، މާކް ރައިލަންސް، ޓައިލާ ޕެރީ، ޓިމޮތީ ޝެމަލޭ، އަރިއަނާ ގްރަންޑޭ، ކޭޓް ބްލެންޝެޓް، މެރީލް ސްޓްރީޕް، ސްކޮޓް މެޒްކޫޑީ އަދި ރޮން ޕާލްމަން ހިމެނެ އެވެެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 25%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454