ނޯރާ.
15 ޑިސެމްބަރ 2021 - 06:13
ބޮލީވުޑްގެ "އައިޓަމް ގާލް" ނޯރާ ފަތުހީ އާއި ގުރޫ ރާންދުވާ ގޯއާގެ ބީޗެއްގައި އެކީގައި އުޅެނިކޮށް މިދިޔަ ހަފުތާގައި ލީކްވި ފޮޓޯތަކަކާ އެކު ދެކެވެން ފެށީ އެ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކަ އެވެ. އެކަމަކު އެ ދަތުރުގެ ހަގީގީ ސަބަބު މިހާރު އޮތީ ސާފުވެފަ އެވެ.
އެއީ ނޯރާ އާއި ގުރޫގެ ކުރިއަށް އޮތް ވީޑިއޯ ލަވައިގެ ޝޫޓިން އަށް ގޮސް އުޅުމުގެ ތެރޭގައި ނަގާފައިވާ ފޮޓޯތަކެކެވެ. ޝޫޓިން މިހާރު ނިންމާފައިވާ އެ ލަވަ އަކީ ނޯރާ މާމެއިޑެއްގެ ގޮތުގައި ފެންނާނެ ވަރަށް ހިތްގައިމު ޗާލު ވީޑިއޯ ލަވައެކެވެ. ލަވައިގައި އޭނާއާ އަކީ ފެންނާނީ ލަވައިގެ އަޑުގެ ވެރިޔާ ގުރޫ އެވެ. މިހާތަނަށް ނަން ހާމަނުކުރާ އެ ލަވައިގެ ޝޫޓިންގެ ތެރޭގެ ބައެއް ފޮޓޯތައް ވެސް މިހާރު ސޯޝަލް މީޑިއާގައި އާންމުކޮށްފައިވެ އެވެ.
މިދިޔަ އަހަރު ނެރުނު ވީޑިއޯ ލަވަ "ނާޗް މެރި ރާނީ" އަށް ފަހު ގުރޫ އާއި ނޯރާ އެކީގައި ފެންނާނެ ދެވަނަ ލަވަ އަކީ ވެސް ޓީ ސީރީޒްގެ ތަތްގަނޑުގައި ނެރޭ އެއްޗެކެވެ. މި ލަވައިގެ މިއުޒިކާއި ޅެން ތަނިޝްގް ބަގްޗީ ހަދާފައިވާ އިރު، ގުރޫއާ އެކު ލަވައިގެ އަންހެން އަޑަކީ ޒަހުރާ ޚާނެވެ. ލަވައިގެ ކޮރިއޯ ހަދައި، ޑައިރެކްޓްކޮށްފައި ވަނީ މަޝްހޫރު ކޮރިއޯގްފާރު ބޮސްކޯ އެވެ.
އާ ލަވައާ ބެހޭ ގޮތުން ނޯރާ ބުނީ އޭނާ މާމެއިޑެއްގެ ގޮތުގައި ފެންނާނެ ލަވަ އަކީ ވަރަށް ގްލެމަރަސް ލަވައަކަށް ވާނެ ކަމަށެވެ.
"މާމެއިޑަކި އަހަންނަށް ވަރަށް ކަމުދާ އެއްޗެއް. ދެން އެކަހަލަ ކޮސްޓިއުމެއް ލެވުނީ އަދި ވަކިން ބޮޑަށް އެކަން ހާއްސަވެއްޖެ." ނޯރާ ބުންޏެވެ.
ލަވައިގެ ކޮސްޓިއުމަކީ ތިން މަސް ދުވަހުގެ މަސައްކަތުން އެމެރިކާގެ ފެޝަން ބްރޭންޑް ލަ ސެރިނާގެ ވެރިޔާ ޖޮނަތަން މާރިއޯ ތައްޔާރު ކޮށްފައިވާ އެއްޗެކެވެ.
"ދިލްބަރު" އާއި "އޮ ސާކީ ސާކީ" އަދި "ކުސޫ ކުސޫ" ފަދަ އައިޓަމް ލަވަތައް ކުޅެފައިވާ ނޯރާގެ މާމެއިޑް ލަވަ ނެރޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy