ސޯނޫ.
26 ޑިސެމްބަރ 2021 - 05:45
އާންމުކޮށް ފިލްމުތަކުގައި ސަޕޯޓިން ރޯލުތަކާއި ނެގަޓިވް ރޯލުތައް ކުޅޭ އިންޑިއާގެ އެކްޓަރު ސޯނޫ ސޫދު ފިލްމެއްގެ ލީޑް ރޯލަށް ސޮއިކޮށް، އޭގެ ޕޯސްޓަރު ވެސް ދައްކާލައިފި އެވެ.
މަދު ފިލްމުތަކެއްގައި މިހާތަނަށް ލީޑް ކުޅުނު 48 އަހަރުގެ އެކްޓަރު ލީޑް ބަތަލުގެ ރޯލު ކުޅެން ސޮއިކުރި ފިލްމަކީ "ފަތޭ" އެވެ. ޓެގް ލައިނަކަށް "ވަން މޭންސް ވޯ އެގެއިންސްޓް އިންޑިއާސް ހިޑެން އެނެމީ" ގެ ހިމަނާފައިވާ މި ފިލްމަކީ އެކްޝަން ތުރިލާއެކެވެ. މީގެ އިތުރު ކާސްޓުން ވެސް ވަރަށް އަވަހަށް އިއުލާން ކުރާނެ އެވެ.
ފެށޭ އަހަރުގެ ކުރީކޮޅު ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ "ފަތޭ" އަކީ ޒީ ސްޓޫޑިއޯސް އިން ޕްރޮޑިއުސްކޮށް، އަބިނަންދަން ގުޕްތާ ޑައިރެކްޓްކުރާ ފިލްމެކެވެ. މީގެ ޕްރޮޑިއުސަރުންގެ ގޮތުގައި ސޯނޫ އާއި އަންހެނުން ސޮނާލީ ސޯނޫ ވެސް ހިއްސާވެ އެވެ.
ހިންދީ ފިލްމު ހަދާ ބޮލީވުޑްގެ އުިތުރުން އިންޑިއާގައި އެހެން ބަހުރުތަކުން ފިލްމު ހަދާ ދެކުނުގެ ފިލްމު އިންޑަސްޓްރީގައި ވެސް މަސައްކަތްކުރާ ސޯނޫ އެންމެ ފަހުން ފެނިފައިވާ ހިންދީ ފިލްމަކީ 2018 ގެ "ސިމްބާ" އެވެ. އޭނަގެ ކުރިއަށް އޮތް ބޮލީވުޑްގެ ފިލްމަކީ އަންނަ މަހުގެ 21 ގައި ރިލީޒްކުރާ އަކްޝޭ ކުމާރުގެ ތާރީހީ ހަނގުރާމަ ފިލްމު "ޕްރިތުވީރާޖް" އެވެ. "ފަތޭ" ގެ ޕޯސްޓަރުގައިވާ ގޮތުން އެ ފިލްމު ވެސް އަންނަ އަހަރު ސިނަމާތަކަށް ގެންނާނެ އެވެ. އެކަމަކު ސީދާ ވަކި ތާރީހެއް ބުނެފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy