ޕްރިޔަންކާ އާއި ޑޭވިޑް ބެކަމް އަދި އޯލަންޑޯ ބްލޫމް (ކ)
15 ޑިސެމްބަރ 2016 - 06:23
މުޅި ދުނިޔޭގައި ނަން ހިނގާ މީހަކަށް ވާން ޕްރިޔަންކާ ޗޯޕްރާ ކުރަމުން އަންނަ މަސައްކަތަށް އަނެއްކާވެސް އިތުރު ކުރިއެރުމެއް ލިބިއްޖެ އެވެ. އދ.ގެ ކުޑަކުދިންނާ ބެހޭ ޖަމިއްޔާ ޔުނިސެފްގެ ގްލޯބަލް ފެމެލީގެ މެމްބަރަކަށް އޭނާ ވަނީ ހަދައިފަ އެވެ. އޭނާ ޔުނިސެފަށް ލީ ދުނިޔޭގެ ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމް އެވެ.
ޕްރިޔަންކާ އަކީ ގްލޯބަލް ގުޑްވިލް އެމްބެސެޑަރަކަށް މުޅިން އަލަށް ހަމަޖެއްސި ފިލްމީ ތަރި އެވެ. ޕްރިޔަންކާއާ އެއް ދަރަޖައިގައި މިހާރު މި މަގާމުގައި ތިބި ދުނިޔޭގެ މަޝްހޫރު ސެލެބްރިޓީންގެ ތެރޭގައި ހިމެނޭ ބެކަމް އާއި އޯލަންޑޯ ބްލޫމް އަދި ޖެކީ ޗެން އެވެ.
މި މަގާމަށް ހަމަޖެހުމުން އުފަލުން ހުރި ޕްރިޔަންކާ ވަނީ އޭނާ އާއި ބެކަމް އަދި މިލީ ބޮބީ ބްރައުން އެކުގައި ނެގި ފޮޓޮއެއް އިންސްޓަގްރާމް ކޮށްފަ އެވެ.
"ޔުނިސެފް ގްލޯބަލް ފެމެލީގައި އަހަރެން ބައިވެރިކުރި ކަމަށްޓަކައި ބެކަމް އާއި މިލީ ބޮބީ ބްރައުން ޝުކުރިއްޔާ. އަދިވެސް އަހަރެމެންގެ ކިބައިގައި އިންސާނިއްޔަތުކަން އެބަހުރި ކަމަށް ގަބޫލުކުރާ މީހުންނާ އެކު މަސައްކަތްކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް،" ފޮޓޯގެ ކެޕްޝަންގައި ޕްރިޔަންކާ ލިއުނެވެ.
Can’t believe it’s been 10 years!Honored to now serve as @UNICEF Global Goodwill Ambassador along with this amazing group #ForEveryChild pic.twitter.com/9WRIoIg8sQ
— PRIYANKA (@priyankachopra) December 13, 2016
ޕްރިޔަންކާގެ ޓުވީޓެއް
ޕްރިޔަންކާ މީގެ ކުރިން ވަނީ އިންޑިއާގައި ހުންނަ ޔުނިސެފްގެ ނެޝަނަލް އެމްބެސެޑާގެ މަގާމު ފުރާފަ އެވެ. އޭނާ ބުނި ގޮތުގައި ޔުނިސެފާ އޭނާ ގުޅުނީ މީގެ 10 އަހަރު ކުރިންނެވެ. އަދި ފާއިތުވީ ދުވަސްތަކުގައި އެ މަގާމުގައި އޭނާއަށް ކުރެވުނު ތަޖުރިބާތައް ހެޔޮހިތުން ބަލައިގަންނަ ކަމަށް ވެސް ބުންޏެވެ.
ޕްރިޔަންކާގެ ފިލްމީ ކެރިއަރަށް ބަލާއިރު އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމު "ބޭވޮޗް' ރިލީޒްކުރަން ވަނީ ތައްޔާރުވެފަ އެވެ. އަދި އޭނާ ދަނީ އެމެރިކަން ސީރީޒް "ކުއަންޓިކޯ"ގެ ދެ ވަނަ ސީޒަންގެ މަސައްކަތް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސުނީތާ
15 December 2016
ވާވް! މައި ލަވް..ސޯ ހެޕީ ފޯރ ޔޫ!