ޝާހްރުކް ޚާން އާއި އޭނާގެ އަންހެނުން ގޯރީ ޚާންއާ އެކު އެ ދެމަފިރިންގެ ދަރިފުޅު އާރިޔަން ޚާން.
12 ޖޫން 2022 - 07:11
ބޮލީވުޑްގެ ތަރި ޝާހްރުކް ޚާންގެ ދޮށީ ދަރިފުޅު އާރިޔަން ޚާންގެ މައްޗަށް ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ތުހުމަތުކުރި ޑްރަގްގެ މައްސަލައާ ގުޅިގެން އޭނާގެ އަބުރު ކަތިލެވިފައިވާ ކަމަށް އޭނާ ބުނެފި އެވެ.
ޑްރަގްގެ މައްސަލައިން އާރިޔަން ސަލާމަތްވީ މީގެ ދެ ހަފުތާ ކުރިންނެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރުގައި އޭނާ ހައްޔަރުކޮށް، މަސް ދުވަސް ވަންދެން ޖަލުގައި ގެންގުޅުނީ ކްރޫޒް ލައިނާއެއްގައި މަސްތުވާތަކެއްޗާ އެކު ޕާޓީކުރި ކަމުގެ ތުހުމަތުގަ އެެވެ. އާރިޔަންއާ އެކު އޭނާގެ ރައްޓެހިންތަކެއް ވެސް އެ މައްސަލައާ ގުޅިގެން ހައްޔަރުކުރިޔަސް، އޭނާ ހިމެނޭ ގޮތަށް ފަސް މީހަކަށް އެެ މައްސަލައިގައި ދައުވާނުކުރަން ވަނީ ނިންމައިފަ އެވެ.
އެ މައްސަލައާ ގުޅިގެން އެންސީބީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނަރަލް، ސަންޖޭ ސިންގް ވަނީ އާރިޔަންގެ ބަޔާން ނެގިއިރު އޭނާ ދެއްކި ބައެއް ވާހަކަތައް ހިއްސާކޮށްފަ އެވެ.
ސަންޖޭ ބުނެފައިވާ ގޮތުގައި އާރިޔަން ބުނީ، އެންސީބީން އޭނާ އަކީ ބައިނަލްއަގުވާމީ ޑްރަގް ޓްރެފިކާއެއްގެ ގޮތުގައި ލޭބަލްކޮށްލާފައިވާ ކަމަށެވެ. އަދި ޑްރަގް ޓްރެފިކިން އަށް އޭނާ ފައިނޭންސް ކުރާ ކަމަށް ތުހުމަތުކުރާއިރު، އެއީ އެއްވެސް ސަބަބެއްގެ ނެތި ކުރާ ތުހުމަތުތަކެއް ނޫންތޯ އާރިޔަން ސުވާލު އުފެއްދި ކަމަށެވެ.
އާރިޔަން ބުނެފައި ވަނީ އޭނާގެ އަތުން އެއްވެސް މިންވަރަކަށް ޑްރަގް ފެނިފައިނުވާއިރު ވެސް އޭނާ ހައްޔަރުކުރީ ކަމަށެވެ.
"އަހަންނާ މެދު ވަރަށް ގޯސްކޮށް ކަންތައް ތިކުރީ. އަހަރެންގެ މުޅި ރެފިއުޓޭޝަން ހަލާކުވެއްޖެ. އެއްވެސް ހެއްކެއް ނެތި ކީއްވެ އަހަރެން އެތައް ހަފުތާއެއް ވަންދެން ޖަލުގައި ހޭދަކުރަން ޖެހުނީ،" އާރިޔަން ބުނެފައިވާ ކަމަށްވެ އެވެ.
އެ މައްސަލައާ ގުޅިގެން ސާހްރުކް ޚާން، އެންސީބީގައި ބުނެފައި ވަނީ އޭނާގެ އާއިލާ އަކީ ވަރަށް ނުބައި ކުށްތަކެއްގެ ގޮތުގައި ބައެެއް މީހުން ލޭބަލްކުރަން ފަށާފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކޮންމެ ދުވަހަކު މަސައްކަތަށް ދިއުމަށް ވެސް އުނދަގޫވެފައިވާ ކަމަށް ޝާހު ބުނެފައިވެ އެވެ.
އެ މައްސަލައާ ގުޅިގެން އާރިޔަން ހައްޔަރުކުރުމާ އެކު ވެސް އޭނާ ފްރޭމްކުރި ކަމުގެ އަޑުތައް ގަދަވި އެވެ. ހެކި ދިން ބައެއް މީހުން ވެސް އެގޮތަށް ތުހުމަތުކޮށްފައިވެ އެވެ. އާރިޔަން ފްރޭމް ކުރުމުގެ ބޭނުމަކީ އޭނާގެ ބައްޕަ، ޝާހުގެ އަތުން ފައިސާ ހޯދުން ކަމަށް ތުހުމަތުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގުއިއްޒު
12 June 2022
ގެއްލުމުގެ ބަދަލު ހޯދަން ދައުވާކުރެވިދާނެ ދެއްތޯ؟ ތީ ޔަގަށް ދިމާވި ކަމެއް ނަމަ މިހާރު 200 މިލިޔަން ޑޮލަރު ހޯދަން ދައުވާކޮށްފީސް.
އިސްލާހު
12 June 2022
މިކަހަލަ މައްސަލަތަކުގައި ހައްޔަރުވާ މަޝްހޫރުމީހުން އާދަޔާ ޚިލާފް ގޮތްގޮތަށް ސަލާމަތްވާތަން ފެނުމަކީ އަހަރެމެން ހައިރާންވާކަމެއްނޫނެވެ. އަދި އެމީހުންގެ މައުސޫމު ކަން ދައްކަންވެގެން އެ ދައްކާ ވާހަކަތަކާ މެދުވެސް އަހަރެމެން ހައިރާނެއް ނުވެއެވެ.