ދެން އަންނަ "އުދަބާނި" މާ ވަރުގަދަވާނެ: އަމްޖޭ

"އުދަބާނި" އަކީ މިހާތަނަށް އަމްޖޭ ޑައިރެކްޓް ކުރި ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމް.

ހާމިދު އަލީ ޕްރޮޑިއުސްކޮށް، އަމްޖަދު އިބްރާހީމް (އަމްޖޭ) 2009 ވަނަ އަހަރު ގެނެސް ދިން ބިރުވެރި ފިލްމް "އުދަބާނި" އަކީ އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު ފިލްމެކެވެ.

މިއީ ވިޔަފާރީގެ ގޮތުން ވެސް އެންމެ ބޮޑު އާމްދަނީއެއް ހޯދި އަމްޖޭގެ ފުރަތަމަ ފިލްމެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި ކަހަލަ ގޮތަކަށް ދައްކައިގެން މިލިނިއަކަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީ ހޯދި ފިލްމެކެވެ.

"އުދަބާނި" އަށް ލިބުނު ބޮޑު ތަރުހީބާ އެކު މީގެ ދެވަނަ ބައެއް ހަދާ ގޮތަށް ކުރިން ވެސް އޮތީ ނިންމައިފަ އެވެ. އެހެންވެ އޭގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.

"އުދަބާނީ އަށް ވުރެ ހުރިހާ ގޮތަކުން ވެސް މޮޅު، ރީތި އަދި ފުރިހަމަ ފިލްމަކަށް އުދަބާނި ދޭއް ވާނެ،" އަމްޖޭ މިހާރު ހަދަމުން އަންނަ "ދޭތީ އަނިޔާ" އަށް ފަހު، އަހަރުގެ މެދު ތެރޭގައި ޝޫޓިން ފަށަން ތަވާލްކޮށްފައިވާ ފިލްމާ ބެހޭ ގޮތުން ބުންޏެވެ.

އޭނާ ބުނީ "އުދަބާނި" އަކީ މީގެ އަށް އަހަރު ކުރިން ގެނެސް ދީފައިވާ ފިލްމަކަށްވާތީ، ޓެކްނިކަލް ގޮތުން ވެސް "އުދަބާނި 2" މޮޅު ވާނެ ކަމަށެވެ.

"މިހާރު ހުރި ފިލްމްތައް ހަދަން ހުރި ވަސީލަތްތަކަށް ވެސް ބޮޑެތި ބަދަލުތަކެއް އައިސް، މާ ފަސޭހަކޮށް، މާ ކޮލިޓީކޮށް މަސައްކަތް ކުރެވެން އެބަ އޮތް،" އަމްޖޭ ބުންޏެވެ.

"އުދަބާނި 2" ގެ ސްކްރީންޕްލޭ ވެސް މިހާރު އޮތީ އެއްކޮށް ނިމިފަ އެވެ. ދެވަނަ ބައިގެ ސްކްރީންޕްލޭ ވެސް ލިޔުނީ ފުރަތަމަ ބައި ލިޔުނު ވާހަކަ ލިޔުންތެރިޔާ މުހައްމަދު ގާސިމެވެ.

"ދެވަނަ ބަޔަކީ ހަމަ ފުރަތަމަ ބައިގެ ފޮލޯއަޕެއް. އޭގެ ސްޓޯރީ މީގައި ކޮންޓިނިއުވެގެން ދާނީ،" އަމްޖޭ ބުންޏެވެ. "އެކަމަކު ޕްރިކްއަލް އަށް ވުރެ ސީކްއެލްގެ ސްޓޯރީ މާ ފުރިހަމަ ވާނެ. ހާދިސާތައް ވެސް ވަރުގަދަ ވާނެ. ބެލުންތެރިން ބަލާ ހިތްވާ ކަހަލަ ހުރިހާ ރަހައެއް މީގައި ހިމެނޭނެ."

"އުދަބާނި" ގައި މުހިއްމު ރޯލްތައް ކުޅުނީ ހާމިދުގެ އިތުރުން ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އާމިރާ އިސްމާއީލެވެ.

އެހެން ނަމަވެސް "އުދަބާނި 2" އިން ޔޫއްޕެ އާއި އާމިރާއެއް ނުފެންނާނެ އެވެ.

"މި ފިލްމަކީ ބޮޑަަށް ހާމިދުގެ ރޯލަށް ބޭސްވެފައި އޮތް ފިލްމެއް. އެހެންވީމަ އޭނަ ފިލްމުން ފެންނާނެ. ޔޫއްޕެ އާއި އާމިރާ ކުޅުނު ރޯލްތަކުން މި ފަހަރު އެހެން ބަޔަކު ފެންނާނީ،" އަމްޖޭ ބުންޏެވެ.

އަމްޖޭ ބުނީ ފިލްމުގެ ލަވަތައް ހުސައިން ސޮބާހް މިހާރު އަންނަނީ ހަދަމުންނެވެ. ތީމް ލަވައަކާ އެކު ފިލްމުގައި ހިމެނޭނީ އަމިއްލަ ރާގުގެ ފަސް ލަވަ އެވެ.

"އުދަބާނި" ގެ ޓްރެއިލާއެއް.

އޭނާ ބުނީ އަހަރުގެ މެދުތެރޭގައި "އުދަބާނީ 2" ގެ މަސައްކަތް ފެށި ނަމަވެސް، ފިލްމް މި އަހަރު ރިލީޒް ކުރުމާ ދޭތެރޭ އެއްޗެއް ބުނަން އަދި ދަތި ކަމަށެވެ.

"އަހަރުގެ މެދު ތެރޭގައި ފަށާތީ މަސައްކަތްދާ ގޮތުން ފަހަރެއްގެ އަންނަ އަހަރަށް ވެސް ބެލުންތެރިން މި އަށް އިންތިޒާރު ކުރަން ޖެހިދާނެ،" އަމްޖޭ ބުންޏެވެ.

އޭނާ އަމާޒަކީ "އުދަބާނި 2" ވިޔަފާރީ ގޮތުން ވެސް "އުދަބާނި" ހޯދި ކާމިޔާބީ ފަހަނައަޅައި ދިއުން ކަމަށެވެ.

"އަހަރެން ގަބޫލު ކުރާ ގޮތުގައި އުދަބާނިއަކީ މިހާރު އެޅުވިޔަސް ސިނަމާ ފުލްވާ ކަހަލަ ފިލްމެއް. އެހެންވީމާ އޭގެ ތަޖުރިބާ އާއި އޭގައި ހުރި އަސްލު ރަހަތައް ނުގެއްލޭ ގޮތަށް މީގެ ދެވަނަ ބައި އަހަރެމެން ހަދާނީ. މޮޅު ފިލްމަކަށް އަދި ވިޔަފާރީގެ ގޮތުން މި ފަހަރު ވެސް ވަރަށް ކާމިޔާބު ފިލްމަކަށް އުދަބާނި ދޭއް ހަދަން ޕްރޮޑިއުސަރު ހާމިދު ވެސް ހުރީ ކެތްމަދުވެފައި. އެކަން ހާސިލް ކުރެވޭނެކަމާ ދޭތެރޭ ޝައްކެއް ނެތް."

އަމްޖޭ އަދި ބުނީ "އުދަބާނި 2" އިން މި ފްރެންޗައިިޒް ނިންމައި ނުލާނެ ކަމަށެވެ.

"ދެވަނަ ބައި ވެސް ނިމިގެން ދާނީ ތިން ވަނަ ބަޔަކަށް ސްޓޯރީ ކެރީ ކުރެވޭ ކަހަލަ ގޮތަކަށް. އެހެންވީމާ މީގެ ތިން ވަނަ ބަޔަކަށް ވެސް އަހަރެމެން ދާނަން." ހަތް ވަނަ ގައުމީ ފިލްމް ފެސްޓިވަލްގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބުނު އަމްޖޭ ބުންޏެވެ.