ނަހުލާގެ "ބޮސް" ގެ ޝޫޓިން ރޯދައިގެ ފަހަށް

ފިލްމުގެ ޝޫޓިން ފަށާނީ ރޯދައިގެ ފަހުން ކަމަށް ނަހުލާ ބުނޭ. އަދި އަހަރުގެ ފަހުކޮޅު ފިލްމް ސިނަމާ އަށް ގެންނާނެ ކަމަށް ނަހުލާ ބުނޭ.

މިއީ ފާތުމަތު ނަހުލާގެ ފިލްމް "ބީ" ގެ ވާހަކައެއް ނޫނެވެ. އެ ފިލްމް ބާއްވައިފައި އޭނާ މިހާރު ހަދަން އުޅޭ "ބޮސް" ގެ ވާހަކަ އެވެ.


"ބޮސް" އޭ ކިޔަސް، މި ލަފުޒު މާނަ ކުރަނީ އިނގިރޭސި ބަހުގައި އޮންނަ ގޮތަކަށް ނޫނެވެ. ދިވެހި ބަހުގައި ބޭނުން ކުރާ ގޮތަށް "ބޮސް" އަކީ ބޮސް ދިނުމެވެ. އެހެންވެ ނަމާ އެއްގޮތަށް މިއީ ވަރަށް "ރޮމޭންޓިކް" ފިލްމަކަށް ވާނެ ކަމުގެ ޔަގީންކަން ނަހުލާ ވަނީ ދީފަ އެވެ.

އޭނާގެ ލޯބީގެ ފިލްމުތަކަށް ލޯބިކުރާ މީހުން ގަޔާވާ ކަހަލަ ހުރިހާ ރަހައެއް "ބޮސް" ގައި ހިމެނޭނެ އެވެ.

ކުރިން ނިންމާފައި އޮތީ "ބޮސް" ގެ ޝޫޓިން މި މަހު ފަށާ ގޮތަށެވެ. އެހެން ނަމަވެސް މި ވަގުތަށް ފިލްމުގެ ޝޫޓިން ފެށުން ވަނީ ފަސްކޮށްފަ އެވެ.

"ބޮސް" އަކީ ނަހުލާގެ ސްކްރީންޕްލޭއަކަށް އޭނާ ޕްރޮޑިއުސް ކުރާ، ހިތާމަވެރި ލޯބީގެ ހާދިސާތަކެއް ދައްކުވައިދޭ ފިލްމެކެވެ. ފިލްމް ޑައިރެކްޓް ކުރަނީ އެހެން މީހަކު ލައްވަ އެވެ.

ފިލްމުގެ ބަތަލާއަކީ މަރިޔަމް އައްޒަ އެވެ. ފިލްމުން އައްޒައާ އެކު ފެނިގެން ދާނީ ފިލްމީ ދާއިރާ އަށް އަލަށް ތައާރަފުވާ އެކްޓަރެކެވެ.

ނަހުލާ ބުނީ މިހާރު މަސައްކަތް ރޭވިފައިވާ ގޮތުން "ބޮސް" ޝޫޓިން ފެށޭނީ ރޯދައިގެ ފަހުން ކަމަށެވެ. އެކަމަކު އޭނާ ވަނީ އަހަރުގެ ފަހުކޮޅު ފިލްމް ސިނަމާ އަށް ގެނެވޭނެ ކަމަށް ބުނެފަ އެވެ.

"އަސްލު ކުރިން ރޭވި ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދެވެން ނެތީމަ، މި ވަގުތަށް ފިލްމް މަޑު ޖައްސާލީ،" އޭނާ ބުންޏެވެ. "އެހެންވެ އަދިވެސް ސްކްރީންޕްލޭ ވެސް އެބަ ޕޮލިޝް ކުރަން."

އޭނާ ބުނީ އަމިއްލަ ކަމެއްގައި ދެ މަސް ދުވަހުގެ މުއްދަތަކަށް ރާއްޖޭން ބޭރަށް ވެސް ދާން ޖެހޭ ކަމަށެވެ. އަދި "ބޮސް" ގެ 80 ޕަސަންޓް މަންޒަރުތައް ނަގަން ހަމަޖެހިފައި ވަނީ ރާއްޖޭގެ ހިތްގައިމު ރިސޯޓެއްގައި ކަމަށްވާތީ، ޝޫޓްކުރަން ނިންމި ރިސޯޓް މި ދުވަސްވަރު ފުލްވެފައިވާ ކަމަށް ބުންޏެވެ.

"އަސްލު އެންމެ ބޮޑު އެއް ސަބަބަކީ ފިލްމް ޝޫޓް ކުރާ ރިސޯޓް މި ދުވަސްކޮޅު ފުލްވެ، ބިޒީވުން،" ލ. އަތޮޅު ރިވެރީޒްގައި ވެސް މަންޒަރުތަކެއް ނަގާ ފިލްމާ ބެހޭ ގޮތުން ނަހުލާ ބުންޏެވެ. "މި ފިލްމުގެ ސްޓޯރީގެ ގޮތުން ވަރަށް މުއްސަނދި ދިރިއުޅުމެއް ދައްކުވައިދޭ ވަރަށް ރޮމޭންޓިކް ފިލްމަކަށް މީތިވެގެން ދާނީ."

ނަހުލާ: އޭނާ ބުނީ "ބޮސް" ގެ ޝޫޓިން ފަށާނީ ރޯދައިގެ ފަހުން ކަމަށް..-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

އޭގެ އިތުރަށް ފިލްމުން އާ އެކްޓަރަކު ތައާރަފު ކުރާތީ، ޝޫޓިން ފެށުމުގެ ކުރިން އޭނާ އަށް ގިނަ ޓްރޭނިންތަކެއް ދޭން ވެސް ވަނީ ނިންމައިފަ އެވެ.

"ވަރަށް ރަނގަޅަށް، ވަރަށް ބޮޑަށް ޓްރޭނިން ދީގެން، ފައްކާކޮށްގެން އޭނަ ސްކްރީނަސް ގެންނަން ބޭނުން ވަނީ. އަނެއްކާ އޭނަ އަމިއްލަ އަށް ވެސް އެބަ ބޭނުންވޭ ތައްޔާރީތަކެއް ވާން،" ފިލްމަށް ހޮވި އާ އެކްޓަރުގެ ތަފުސީލަކަށް ނުގޮސް ނަހުލާ ބުންޏެވެ. "ހާއްސަކޮށް ވަރަށް ރޮމޭންޓިކް ރޯލެއް ކުޅޭތީ، އޭނަ އެބަ ޖެހޭ ވަރަށް ރަނގަޅަށް ފައްކާކޮށް، އަހަރެން ބޭނުންވާ ލުކްސް އާއި އެކްޓިން އޭނާގެ ފަރާތުން ނެރެވޭނެ ގޮތް ހަދަން. އެކަން އެބަ ކުރަން މިހާރު."

"ބޮސް" ގެ މަސައްކަތް އަދި ފެށެން ނެތް ނަމަވެސް، އޭނާގެ މި ފިލްމް މި އަހަރު ސްކްރީނަށް އައުމަކީ، ނަހުލާގެ ފޭނުން ވަރަށް ބޭނުން ވާނެ ކަމެއްކަން ޔަގީނެވެ.

އޭނާ ވެސް މިހާރު ނިންމައިގެން ހުރީ އަހަރަކު އެއް ފިލްމް ނަމަވެސް، ކްރިސްޓަލް އެންޓަޓައިންމަންޓުން ބެލުންތެރިންނާ ހަމައަށް ގެނެސް ދޭށެވެ.