އެއް ގޮތަކުން ބަލާ އިރު، މިއީ ކުރަން ޖެހޭ ސުވާލެއް ވެސް ނޫނެވެ. އެކަމަކު މޯލްޑިވިއަން އައިޑޮލްގައި ވާދަކުރާ މި ބައިވެރިޔާއާ ބެހޭގޮތުން މީހުން ދައްކާ ވާހަކަތައް ވަރަށް ގިނަވެއްޖެ އެވެ.

އައިޑޮލްގެ މި ސީޒަންގައި އެލިމިނޭޝަން ޝޯއެއް އޮންނަ ކޮންމެ ރެއަކު ދިވެހިންގެ ތެރޭގައި އެންމެ ހިނގާ މައުލޫއުއަކީ އަހުމަދު ފަރަޝްގެ ރުއިމުގެ ވާހަކަ އެވެ. މުބާރާތުން ކަޓައިގެންދާ ބައިވެރިއަކީ ކާކުކަން އިއުލާންކުރާ ހިސާބުން ފެށިގެން ގޮސް ޝޯ ނިމެންދެން ވެސް ފަރަޝް، 21، ވަރަށް ބޮޑަށް ރޮއެ ހަދަ އެވެ. މިއީ ބައެއް މީހުންނަށް ބަލައިގަނެވޭ ކަމަކަށް ނުވެ އެވެ. ނުވަތަ އެއީ އެ މީހުންނަށް ވަރަށް މަޖާ ކަމެކެވެ. އެކަމަކު ކީއްވެގެން ހެއްޔެވެ؟

ލަވަކިޔުންތެރިއެއްގެ ގޮތުގައި ކުރިއަށް ދިޔުމުގެ ވަރުގަދަ އަޒުމެއްގައި ހުރި ފުވައްމުލަކު ޒުވާނާ މޯލްޑިވިއަން އައިޑޮލް އަށް މުޅިން ހުސްވެގެން އޮޑިޝަންގައި ބައިވެރިވި ހިސާބުން ޖަޖުން އޮތީ އޭނާގެ ހުވަފެން ހަގީގަތަކަށް ހެދިދާނެ ކަން ގަބޫލުކޮށްފަ އެވެ. އޭގެ ފަހުން ބުރަކަށް ފަހު ބުރެއް ފުރިހަމަކުރަމުން އައިސް ގަދަ ދިހައަކުން ޖާގަ ހޯދުމަކީ ފަރަޝް އަށް ވަރަށް ބޮޑު ކާމިޔާބީއަކަށް ވާނެ އެވެ. އެކަމަކު، ނަތީޖާ ގެނެސްދޭ ކޮންމެ ޝޯއެއް އޭނާ އަށް ނިމެނީ ބޮޑު ހިތާމައަކުންނެވެ.

އައިޑޮލްގެ ޓައިޓްލް އަށް ކުރާ މަސައްކަތުގައި ކިތަންމެ ބޮޑު ވާދަވެރިކަމެއް އޮތަސް، އެހެން ބައިވެރިއަކު މުބާރާތާ ވަކިވެގެންދާ ވަގުތު ފަރަޝްގެ ފަރާތުން ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. ކަރުނަ އަޅައި ރޮއެ، ގިސްލުން ހުއްޓާނުލެވިގެން އުޅޭ ތަނެވެ. މިއީ އައިޑޮލްގެ އެހެން އެއްވެސް ބައިވެރިއެއްގެ ފަރާތުން މިހާތަނަށް ފެނިފައި ނުވާ ކަމެކެވެ.

ސޯޝަލް މީޑިއާގައި ޚިޔާލުފާޅުކުރާ މީހުން ހަޖޫ ޖަހަނީ އެހެން މީހަކު ކަޓައިގެންދާ އިރު ފަރަޝް ރޯތީ އެވެ. ނުވަތަ އޭނާ މާ ގަދަ އަށް ރޯތީ އެވެ. ނުވަތަ ފިރިހެނަކަށް ވެ ހުރެ ރޯތީ އެވެ.

މީހަކު ރޮއެގެން "ނުވާނެ" އެއްވެސް ހާލަތެއް އޮންނާނެ ހެއްޔެވެ؟

ފަރަޝްއަކީ އަވަހަށް ކަންކަމާ ދެރަވާ ޒާތުގެ މީހަކަށް ވާތީ ރޮވެނީ ކަމަށް ވެދާނެ އެވެ. އޭނާގެ އިހުސާސްތައް އެ ގޮތަށް ބަންޑުންވެގެން ދާނީ ޖަޒުބާތުތައް ކޮންޓްރޯލްކުރަން އުނދަގޫވީމަ އެވެ. އެއީ ތޮބީއީ ކަމެކެވެ. އިންސާނީ ސިފައެކެވެ. އައިޑޮލްއަކީ ރިއަލިޓީ ޝޯއެކެވެ. ހަގީގީ އިހުސާސްތަކާއި ޖަޒުބާތުތަކަށް އެ ޝޯގައި ޖާގަ އޮންނާނެ އެވެ.

އައިޑޮލްގެ އެލިމިނޭޝަން ޝޯއެއްގައި އެހެން ބައިވެރިންނާ އެކު އިށީނދެގެން އިން އިރު ފަރަޝް ރޮނީ
އައިޑޮލްގެ އެލިމިނޭޝަން ޝޯއެއްގައި އެހެން ބައިވެރިންނާ އެކު އިށީނދެގެން އިން އިރު ފަރަޝް ރޮނީ

ފަރަޝްގެ އާއިލާގެ މެމްބަރަކު ބުނިގޮތުން ނަމަ ޝޯގެ ބައެއް ބައިވެރިންނާ ފަރަޝް ދެމެދު ވަރަށް ގާތް ގުޅުމެއް އޮންނަ އިރު އެއިން މީހަކު ވަކިވެގެން ދިޔުމަކީ ފަރަޝް އަށް ލިބޭ ވަރަށް ބޮޑު ހިތާމައަކަށް ވާނެ އެވެ. އައިޑޮލްގެ ބައިވެރިން އާއިލާ އާއި ގާތް މީހުންނާ އެކަހެރިކޮށް އަދި ބޭރުތެރެއާ އެއްވެސް ގުޅުމެއް ނުބޭއްވޭ ގޮތަށް ހޮޓަލެއްގައި އެތައް ދުވަހެއް ހޭދަކުރެ އެވެ. ފަރަޝްގެ ގާތް މީހާ ފާހަގަކުރި ގޮތުގައި އެ ގޮތަށް އުޅޭ އިރު ދެން ތިބޭ ބައިވެރިންނާ ވަރަށް ބޮޑު ގާތްކަމެއް އުފެދުމުގެ ފުރުސަތު އޮންނާނެ އެވެ. ފަރަޝް އެންމެ ބޮޑަށް ރުއީ އަހުމަދު މާއިޝް ކަޓައިގެން ދިޔަ ޝޯގައި ކަމަށް ވާއިރު އެހާ ތަނަށް ފަރަޝް އާއި މާއިޝް އުޅުނީ ވަރަށް ގާތްކޮށްކަން އޭނާ ފާހަގަކުރި އެވެ.

"ވެދާނެ، ކުޑައިރު މައިންބަފައިންގެ ކައިވެނި ރޫޅިފައި ހުރި ކުއްޖެއް ވީމާ ފަރަޝް އަށް ވާ ގޮތެއް ކަމަށް ވެސް. ފަރަޝްއަކީ އެންމެ ކުރިންސުރެ ވެސް ހިތް ބަލި ކުއްޖެއް،" އާއިލާގެ މެމްބަރު ބުންޏެވެ.

ފަރަޝް (ވ) މާއިޝްއާ އެކު
ފަރަޝް (ވ) މާއިޝްއާ އެކު

ފަރަޝް ރޯތީ ފާޑުކިޔައި މަލާމާތްކުރާކަށް ނުޖެހެ އެވެ. ނުވަތަ ކަރުނަތައް އޮބަހައްޓަން އޭނާ އަށް ނަސޭހަތްދޭކަށް ވެސް ނުޖެހެ އެވެ.

ފަރަޝް އަށް ކުރަންވީ ތައުރީފެވެ. ވާދަވެރިކަމުގެ ރޫހަށް ވުރެ ބޮޑަށް އޭނާގެ ހިތަށް އެ ވެރިވަނީ އެކުވެރިންނަށްޓަކައި އިހުސާސްކުރެވޭ ލޯތްބާއި ކުލުނެވެ. ކުޑަ ވަގުތުކޮޅަކަށް ނަމަވެސް، އަމިއްލަ ނަފްސަށް ވުރެ ބޮޑަށް އޭނާ އެ އިސްކުރަނީ އެހެން މީހެކެވެ.

ފަރަޝް އަށް ކުރަންވީ ތައުރީފެވެ. ރުއިމަކީ ފިރިހެންވަންތަކަން ގެއްލޭ، "ރަނޑު" ކަމެއް ކަމަށް ދެކޭ މުޖުތަމައެއްގައި އޭނާ އެ ދައްކަނީ ގަދަ ހިތްވަރެވެ. ސާބިތުކަމެވެ. ކެރުމެވެ. އޭނާ އަށް އަދިވެސް ބުނެދޭންވީ ރުއިމަކީ މައްސަލައެއް ނޫން ކަމެވެ. އިތުރަށް ޔަގީންކޮށްދޭންވީ "ފިރިހެން ކުދިން ނުރޯނެ" ކަމަށް ދުށުމަކީ ތަންދޮރު ނުދަންނަ ބޯދާ ވިސްނުމެއް ކަމެވެ.

ޓީވީން ހަގީގީ ޖަޒުބާތުތައް މަދުން ނޫނީ ނުފެންނަ ގައުމެއްގައި ފަރަޝްގެ ރުއިމަކީ ކުރިއެރުމެކެވެ. ޝުއޫރުތަކާއި އިހުސާސްތައް ރަނގަޅަށް ފާޅުކުރަން ނޭނގޭ، ނުކެރޭ ނުވަތަ އެކަން ކުރަން ބޭނުން ނުވާ މީހުންނަށް ފަރަޝް އެ ނަގައިދެނީ ފިލާވަޅެކެވެ.