ވިކީ ކައުޝަލްގެ އާ ފިލްމު "ޗާވާ"ގެ މަންޒަރެއް.
09 މާޗް 2025 - 06:56
ބޮލީވުޑްގެ އެކްޓަރު ވިކީ ކައުޝަލްގެ އާ ފިލްމު "ޗާވާ" އަށް ބޮކްސް އޮފީހުގައި ބޮޑު އާމްދަނީއެއް ލިބިއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މިދިޔަ މަހު 14 ގައި ރިލީޒްކުރި އެ ފިލްމަށް އިންޑިއާގެ ބޮކްސް އޮފީހުގައި މިހާތަނަށް ވަނީ 500 ކްރޯޑް ރުޕީސް (57.4 މިލިއަން ޑޮލަރު)ގެ އާމްދަނީއެއް ލިބިފަ އެވެ.
އެ ފިލްމަށް ލިބުނު މި ބޮޑު ކާމިޔާބީ ވިކީ ވެސް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާންކޮށްފަ އެވެ. އަދި ފިލްމަށް ލިބޭ ތަރުހީބަށް އޭނާ ޝުކުރު އަދާކުރި އެވެ.
"ޗާވާ" އަކީ 150 ކްރޯޑް ރުޕީސް (17.2 މިލިއަން ޑޮލަރު)ގެ ބަޖެޓަކުން ހެދި ފިލްމެކެވެ.
ވިކީ އިތުރުން މި ފިލްމުގައި މުހިންމު ރޯލުތައް ކުޅެނީ ރަޝްމިކާ މަންދަނާ، އަކްޝޭ ކަންނާ، ދިވްޔާ ދައްތާ، ޑަޔާ ޕޭންޓީ އަދި އަޝުތޯޝް ރާނާ އެވެ.
"ޗާވާ" އަކީ އިންޑިއާގެ ތާރީހުގައި މަރާޓާ ދަރިކޮޅާއި މުގަލް ދަރިކޮޅާ ދެމެދުގައި ހިނގި ވަރުގަދަ ހަނގުރާމަ ދައްކާ ފިލްމެވެ. މި ފިލްމުގައި ވިކީ ކުޅުނީ އޭރު މަރާޓާއިންގެ ލީޑަރަކަށް ހުރި ޗަތުރަޕަތީ ސަމްބާޖީ މަހަރާޖުގެ ރޯލެވެ.
މި ފިލްމަށް ލިބޭ ތަރުހީބު ބޮޑުވި އިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ މި ފިލްމަށް ވަރަށް ތައުރީފުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy