"ޒޫޓޯޕިއާ" ގެ މަންޒަރެއް: މި ފިލްމުގެ މައްސަލައެއް މިހާރު ވަނީ ކޯޓަށް ވައްދާފައި.
23 މާޗް 2017 - 06:22
ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައި، އެންމެ ފަހުން ބޭއްވި އޮސްކާގައި އެންމެ މޮޅު އެނިމޭޓެޑް ފިލްމުގެ އެވޯޑް ވެސް ހޯދި ޑިޒްނީގެ ފިލްމް "ޒޫޓޯޕިއާ" އަކީ ހުއްދަ ނެތި ކޮޕީކޮށްފައިވާ އެއްޗެއް ކަމަށް ބުނެ ކޯޓަށް ހުށަހަޅައިފި އެވެ.
މި މައްސަލަ ހުށަހެޅީ ސްކްރީން ރައިޓަރު/ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ގެރީ ގޮލްޑްމަން އެވެ.
އޭނާ ދައުވާކުރާ ގޮތުގައި ޑިޒްނީން "ޒޫޓޯޕިއާ" ހަދާފައި ވަނީ އޭނާގެ ވާހަކައެއްގެ މައްޗަށެވެ. އަދި އެ ފިލްމުގެ ވާހަކަ ދެ ފަހަރެއްގެ މަތިން ޑިޒްނީއާ ހިއްސާކޮށްފައިވާ ކަމަށް ގެރީ ބުންޏެވެ.
ކޯޓަށް އޭނާ ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ "ޒޫޓޯޕިއާ" ގެ ވާހަކަ އާއި ކެރެކްޓާތަކާއި އޭގެ ސެޓިން އާއި ޑައިލޮގްތަކާއި މުޅި ފިލްމް ގެނެސް ދީފައި އޮތީ އޭނާ ޑިޒްނީއާ ހިއްސާކުރި ކަންތައްތަކުގެ މައްޗަށް ބިނާކޮށްގެން ކަމަށެވެ.
އެހެންވެ މިއީ ހުއްދަ ނެތި އެހެން މީހެއްގެ ހައްގަކަށް އަރައިގަތުން ކަމަށާއި އެއީ ކޮޕީރައިޓް ގާނޫނާ ވެސް ހިލާފަށް ޑިޒްނީންކޮށްފައިވާ ކަމެއް ކަމަށް ގެރީ ބުންޏެވެ.
ގެރީގެ މި ދައުވާއާ ގުޅިގެން، ޑިޒްނީގެ ތަރުޖަމާން ބުނީ އެއީ އެއްވެސް އަސްލެއް، އަސާސެއް ނެތް، ދޮގު ދައުވާއެއް ކަމަށެވެ.
"އޭނާ މިކަމާ ދައުވާ ކުރިޔަސް އަހަރެމެންނަށް ކޯޓްގައި ސާބިތުކޮށް ދެވޭނެ މިއީ ގެރީގެ އެއްވެސް ހިއްސާއެއް އޮތް އެއްޗެއް ނޫންކަން. ޒޫޓޯޕިއާ ގުޅޭ ހުރިހާ ޑޮކިއުމަންޓްތަކެއް އަހަރެމެންގެ އަތުގައި އެބަހުރި،" ތަރުޖަމާން ބުންޏެވެ. "އަހަރަމެންނަށް މީގައި އެންމެ މަޖާ ކަމަކީ ޒޫޓޯޕިއާ އެހާ ކާމިޔާބު އެއްޗަކަށްވީމަ ތިމަންނަގެ އެއްޗެކޭ ކިޔާފައި މިހާ ލަސްކޮށްފައި ދައުވާ ކުރާތީ."
ގެރީއަކީ މުނިފޫހި ފިލުވުމުގައި ދާއިރާގައި 30 އަހަރުގެ ތަޖުރިބާ ހުރި، ގިނަ ފިލްމުތަކެއް ލިޔެ، ޕްރޮޑިއުސްކޮށް އަދި ޑައިރެކްޓް ވެސް ކޮށްފައިވާ ފަންނާނެކެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ އެނިމޭޓެޑް ފިލްމުތަކެވެ.
ގެރީ ގޮލްޑްމަން: އޭނާ ބުނަނީ "ޒޫޓޯޕިއާ" ގެ ވާހަކައަކީ އޭނާގެ އެއްޗެއް ކަމަށް.
ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި އަނަސްޓޭޝިއާ (1997)، އޭން އެމެރިކަން ޓެއިލް (1986) އަދި ދަ ލޭންޑް ބިފޯ ޓައިމް (1988) ހިމެނެ އެވެ.
ރިޗް މޯ އާއި ބައިރަން ހަވަޑް ޑައިރެކްޓް ކުރި "ޒޫޓޯޕިއާ" ފެބްރުއަރީ 11، 2016 ގައި ރިލިޒް ކުރި، އިރު އެ ފިލްމުގެ ވާހަކައިގެ ކްރެޑިޓް ހަތް މީހަކަށް ދީފައިވެ އެވެ. އެކަމަކު އޭގެ ތެރޭގައި ވެސް ގެރީގެ ނަމެއް ނެތެވެ.
"ޒޫޓޯޕިއާ" ގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ޖެރެޑް ބުޝް އާއި ފިލް ޖޯންސްޓަން އެވެ.
ޖުމްލަ 150 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފެއްދި "ޒޫޓޯޕިއާ" އަށް ބޮކްސް އޮފީހުގައި 1.024 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ.
މި ފިލްމް ހިމެނެނީ މިހާތަނަށް ބިލިއަން ޑޮލަރުން ޖާގަ ހޯދި ހަތަރު އެނިމޭޓެޑް ފިލްމުގެ ލިސްޓްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިޝްމީ
23 March 2017
މިވެސް ވިޝްކާއެއްދޯ؟