ޕްރިޔަންކާ ޕްރޮޑިއުސް ކުރި މަރާޓީ ފިލްމް "ވެންޓިލޭޓަ" އަށް ވަނީ މި އަހަރުގެ ނެޝަނަލް އެވޯޑްގައި ތިން އެވޯޑް ލިބޭ.
ޕްރިޔަންކާ: އޭނާ ހުރީ އިންޑިއާގެ އެކި ބަހުރުވަތަކުން ފިލްމް ހަދަން އަމާޒު ހިފާފައި.
12 އެޕްރީލް 2017 - 05:25
ޕްރިޔަންކާ ޗޯޕްޅާ ޕްރޮޑިއުސް ކުރި ފުރަތަމަ މަރާޓީ ފިލްމް "ވެންޓިލޭޓާ" އަށް މި ފަހަރުގެ ނެޝަނަލް އެވޯޑްސްގައި، ތިން އެވޯޑް ލިބިފައިވާތީ އެކަމާ ވަރަށް އުފާ ކުރާ ކަމަށާއި މިއީ އިންޑިއާގައި ހިންދީ ނޫން ބަސް ބަހުން ފިލްމްތައް އުފައްދަން ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށް އޭނާ ބުނެފި އެވެ.
މިދިޔަ އަހަރު ރިލީޒް ކުރި "ވެންޓިލޭޓާ" އަކީ ޕްރިޔަންކާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް ޕާޕަލް ޕެބްލް ޕިކްޗާސް އިން އޭނާ އާއި މަންމަ މަދޫ ޗޯޕްޅާ ޕްރޮޑިއުސް ކުރި ފިލްމެކެވެ.
ފަސްދޮޅަސް ހަތަރު ވަނަ ނެޝަނަލް އެވޯޑްސް މިދިޔަ ހަފުތާގައި އިއުލާން ކުރި އިރު، "ވެންޓިލޭޓާ" ގެ ޑައިރެކްޓަރު ރަޖޭޝް މަޕުސްކަރަށް އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ލިބުނު އިރު، އެންމެ މޮޅު އެޑިޓިން އާއި އެންމެ މޮޅު ސައުންޑް މިކްސިންއަކަށް ވެސް ހޮވުނީ އެ ފިލްމެވެ.
ޕްރޮޑިއުސް ކުރި ފުރަތަމަ ފިލްމަށް ތިން ނެޝަނަލް އެވޯޑް ލިބުމުން "ފެޝަން" އިން 2008 ގައި އެންމެ މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ލިބުނު ޕްރިޔަންކާ ބުނީ އިންޑިއާގެ ރީޖަނަލް ފިލްމުތަކަކީ ބޮލީވުޑްގައި އުފައްދާ ފިލްމްތަކަށް ދޫނުކުރާ ވަރުގެ ފިލްމްތަކެއްކަން މިހާރު ސާބިތުވަމުން އަންނަ ކަމަށެވެ.
"އެކަމަކު އަހަރެން ބޭނުމެއް ނޫން ހިންދީ ފިލްމްތަކާއި ރީޖަނަލް ފިލްމްތަކާ އަޅާ ކިޔާކަށް. ކޮންމެ ގޮތެއް ވިޔަސް އެއީ ހަމަ އިންޑިއާގެ ފިލްމްތައް، ބަހުރުވަ ތަފާތު ވިޔަސް،" ނިއު ޔޯކްގައި ހުރެ ފޯނުން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.
ކާމިޔާބު ގިނަ ފިލްމްތަކެއް ކުޅެ މިހާރި ހޮލީވުޑްގައި ވެސް ފިޔަ ޖަހަމުން އަންނަ ބަތަލާ ބުނީ ރީޖަނަލް ފިލްމްތަކަކީ އަބަދު ވެސް ވަރަށް ޝައުގުވެރި ވާހަކަތަކެއް ކިޔައިދޭ ފިލްމްތަކެއް ކަމަށެވެ.
"އަހަރެން ގަބޫލު ކުރަނީ ރީޖަނަލް ފިލްމްތަކަށް ފަންޑް ކުރާނެ މީހުން ތިބި ކަމަށް ވަންޏާ އެ މީހުންނަކީ ހުނަރު އުންމީދު ނުކުރާ ވަރަށް ނެރެދޭނެ ބަޔެކޭ. ވެންޓިލޭޓާ އިން އެކަން މިއޮތީ އަންހަންނަށް ސާބިތުކޮށް ދީފައި އެ ފިލްމުގައި މަސައްކަތް ކުރި ޓީމުން،" ޕްރިޔަންކާ ބުންޏެވެ. "އަހަރެން ހަމަ ކުރިއަށް އޮތް ތަނުގައި ވެސް ވަރުގަދަ ކޮންޓެންޓް އެކުލެވޭ ފިލްމްތައް އުފައްދަން މަސައްކަތް ކުރާނަން. މީގެ ސަބަބުން އިންޑިއާގެ ސިނަމާ އަށް ކުރިއެރުންތަކެއް އަންނަން އެބަ އެނގޭ."
"ވެންޓިލޭޓާ" ގެ އިތުރުން، ޕްރިޔަންކާ ޕްރޮޑިިއުސް ކުރި ބޯޖްޕޫރީ ފިލްމް "ބަމް ބަމް ބޯލް ރަހަ ހޭ ކާޝީ" އާއި ޕަންޖާބީ ފިލްމް "ސަރްވަން" ވެސް މިހާރު ވަނީ ރިލީޒްކޮށްފަ އެވެ.
މީގެ އިތުރުން ރިލީޒް ވާން ވެސް ފިލްމްތަކެއް އެބަ ހުއްޓެވެ.
އޭގެ ތެރޭގައި ސިއްކިމް ބަހުން އުފައްދާފައިވާ "ޕަހޫނާ" އާއި މަރާޓީ ފިލްމް "ކޭ ރޭ ރަސްކަލާ" އާއި ކޮންކާނީ ފިލްމް "ލިޓްލް ޖޯ، ކަހާ ހޯ" ގެ އިތުރުން ބެންގާލީ ދެ ފިލްމް ކަމަށްވާ "ބްރިޝްތިރް އޮޕަޙައްޔޭ" އަދި "ބަސް ސްޓޮޕް އީ ކެއު ނެއި" ފާހަގަކޮށްލެވެ އެވެ.
އެމެރިކާގެ ޓީވީ ސީރީޒް "ކްއަންޓިކޯ" ގެ މަސައްކަތް ފެށި ފަހުން، ޕްރިޔަންކާ މިހާތަނަށް އެއްވެސް ހިންދީ ފިލްމެއްގެ މަސައްކަތެއް ނުކުރެ އެވެ. އެކަމަކު އޭނާ ބުނީ ވަރަށް އަވަހަށް ހިންދީ ފިލްމެއް ވެސް ޕްރޮޑިއުސް ކުރަން ނިންމާފައިވާ ކަމަށެވެ.
ޕްރިޔަންކާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަންނަ މަހުގެ 10 ގައި ރިލީޒް ކުރާ "ބޭވޮޗް" އިންނެވެ.
އޭނާ އެންމެ ފަހުން ފެނިގެން ދިޔަ ހިންދީ ފިލްމަކީ މިދިޔަ އަހަރުގެ މާޗްގައި ރިލީޒް ކުރި "ޖޭ ގަންގާޖަލް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިންތިލީ ވޫމް
12 April 2017
ދިވެހި ބަހުން ވެސް ހަދާސޭ ބުނޭ މަލިކު ފިލްމެއް
އައްޔަ
12 April 2017
އުއްްމީދުކުރަން ދިވެހިބަހުންވެސް ފިލްމެއް ހަނދާނެކަމަށް