އާމިރު ޗައިނާ އަށް ދިއުމުން ބޮޑު ތަރުހީބެއް ލިބިފައިވޭ
09 މެއި 2017 - 08:05
އާމިރު ޚާނަކީ އިންޑިއާގެ އިތުރުން ޗައިނާ ގައި ވެސް މަގްބޫލު އެކްޓަރެކެވެ. އޭނާގެ "ތުރީ އިޑިއަޓްސް" އާއި "ޕީކޭ" ފަދަ ފިލްމުތަކަށް އެ ގައުމުން ރަނގަޅު ވިޔަފާރިއެއް ކުރެވުނެވެ.
އާމިރުގެ "ދަންގަލް" ޗައިނާގައި މިހާރު ދައްކަމުން އަންނައިރު ޗައިނާ ގައި އެންމެ ރަނގަޅަށް ހިނގި ބޮލީވުޑް ފިލްމުގެ ރެކޯޑާ އެ ފިލްމު ވަނީ ގާތްކޮށްފަ އެވެ.
މިދިޔަ ހުކުރު ދުވަހު ޗައިނާގައި މި ފިލްމު ރިލީޒް ކުރުމާ އެކު ހުކުރު ދުވަހާއި ހޮނިހިރު ދުވަހުގެ މެންދުރާ ހަމައަށް ތިން މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ.
މިހާތަނަށް ޗައިނާގައި އެންމެ ރަނގަޅަށް ހިނގި ހިންދީ ފިލްމެއްގެ ރެކޯޑް އޮތީ އާމިރުގެ "ޕީކޭ" އަށެވެ. އެ ފިލްމު ވަނީ 16 ދުވަހުގެ ތެރޭގައި 100 ކްރޯޑު ރުޕީސް (15.5 މިލިއަން ޑޮލަރު) ހޯދާފަ އެވެ. މި ރެކޯޑް މިހާތަނަށް އެހެން އެއްވެސް ފިލްމަކަށް މުގުރާލެވިފައެއް ނުވެ އެވެ.
"ދަންގަލް" އަކީ އިންޑިއާގެ ކުޑަ އަވަށެއްގައި ދިރިއުޅޭ ކުޅަދާނަ ރެސްލިން ޗެމްޕިއަނެއް އޭނާގެ ދެ އަންހެންދަރިން، ދުނިޔެއަށް މަޝްހޫރު ރެސްލިންތެޅުންތެރިންނަށް ހަދަން ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.
"ދަންގަލް"ގެ ޕޯސްޓަރެއް
ފިލްމު ރިލީޒްކުރުމަށްޓަކައި ޗައިނާ ގައި ހުރެ ވާހަކަ ދައްކަމުން އާމިރު ބުނީ ބުނަން ނޭނގޭ ކަހަލަ ގާތް ގުޅުމެއް އޭނާ އާއި ޗައިނާގެ މީހުންގެ މެދުގައި އެބައޮތް ކަމަށެވެ. އޭނާ ބުނީ ޗައިނާ އާއި އިންޑިއާގެ ސަގާފަތުގައި އެއްގޮތް ކަންތައްތަކެއް އެބަހުރި ކަމަށެވެ.
"އަހަރެން ފިލްމު ކުޅޭތާ ވަރަށް ގިނަ ދުވަސް ވެއްޖެ. ނަމަވެސް ކުރިން އަހަރެންގެ ފިލްމުތައް ޗައިނާގައި އެހާ ރަނގަޅަކަށް ނުހިނގާ. ޚާއްސަކޮށް ޗައިނާގެ ޒުވާނުންނަކަށް އަހަރެންގެ ފިލްމުތައް ކުރިއަކުން ކަމަކު ނުދޭ. ނަމަވެސް 'ދޫމް 3' އާއި 'ޕީކޭ' އާ އެކު ޗައިނާ މީހުންނަށް އަހަރެންގެ ފިލްމުތައް ވަނީ ކަމުދާން ފަށާފަ. ޗައިނާއިން ލިބޭ ލޯތްބަށް އަހަރެން ވަރަށް އުފާވޭ،" އާމިރު ބުންޏެވެ.
"ދަންގަލް" ޗައިނާގައި ރިލީޒްކޮށްފައި ވަނީ "ޝުއައި ޖިއައޮ ބާބާ" (ލެޓްސް ރެސްލް، ޑޭޑް) ނަމުގަ އެވެ. ޕްރޮޑިއުސަރުން ބުނެފައި ވަނީ ޗައިނާގެ 9،000 ސްކްރީނެއްގައި ފިލްމު ރިލީޒްކޮށްފައިވާ ކަމަށެވެ. ނަމަވެސް ޓްރޭޑް އެކްސްޕާޓުން ބުނަނީ ފިލްމު ރިލީޒްކުރީ އެ ގައުމުގެ އެކި ކަންކޮޅުތަކުގައި ހުރި 40،000 އަށް ވުރެ ގިނަ ސްކްރީންގެ ތެރެއިން އެންމެ 7،000 ސްކްރީނުގައި ކަމަށެވެ. އެ ގައުމުގެ ބޮޑެތި ބައެއް ސިނަމާ ޗެއިންތަކުން މި ފިލްމު އެޅުވުމުގެ ޝައުގެއް ނެތް ކަމަށް ބުނެފައިވެ އެވެ. ނަމަވެސް ފިލްމު އަންނަނީ ރެކޯޑް އަދަދެއްގެ ވިޔަފާރި ކުރަމުންނެވެ.
"ދަންގަލް" އަށް ޗައިނާގައި ލިބޭ ބޮޑު ތަރުހީބާއެކު ފިލްމަށް ލިބުނު އާމްދަނީ ވަނީ 800 ކްރޯޑު (126 މިލިއަން ޑޮލަރު) އަށް އަރައިފަ އެވެ.
މީގެ 10 ވަރަކަށް ދުވަސް ކުރިން ރިލިޒްކުރި "ބަހޫބަލީ 2" ފިޔަވައި އެންމެ ރަނގަޅު ވިޔަފާރިއެއް ވީ ފިލްމުގެ ރެކޯޑް މިހާރު އޮތީ ވެސް "ދަންގަލް އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy